ފިނިޕޭޖް

ސުނީގެ އުފަން ދުވަހު ފޭނުނަށް ރޯދަ ވީއްލުމެއް!

ބޭރުގެ ފަންނާނެއްގެ ހަގީގީ ފޭނެއްގެ ގޮތުގައި ސުނީތާ އަލީ އާ ވާދަ ކޮށްލެވޭނެ އެހެން ފަރާތެއް ރާއްޖެއަކު ނެތެވެ. ބޮލީވުޑް ތަރި ޕްރިޔަންކާ ޗޯޕްޅާ އަށް ސުނީތާ ކުރާ ސަޕޯޓަކީ މުޅި ދުނިޔެއަށް އެނގޭ ކަމެކެވެ. ގިނަ ބަޔަކު ބަލައިގަނެފައިވާ ކަމެއްވެސްމެ އެވެ. ޕްރިޔަންކާގެ "ޖާދޫ"ގަިއ ޖެހި ޕްރިޔަންކާއަށް ސުނީތާގެ ހާއްސަ ހަދިޔާއެއް ނުލިބޭ އަހަރެން މި ފަހަކުން ނުދެ އެވެ. ސުނީތާގެ ކޮންމެ އަހަރެއްގައިވެސް ޕްރިޔަންކާއަށް ހާއްސަ ޓްރިބިއުޓެއް ދެ އެވެ.

މިއަދަކީ ސުނީތާގެ 38 ވަނަ އުފަން ދުވަހެވެ. -- އުފާވެރި އުފަން ދުވަހަކަށް އެދެމެވެ. މި އަހަރު ސުނީތާ އޭނާގެ އުފަން ދުވަސް ފާހަގަ ކުރަނީ ވަރަށް ތަފާތުކޮށްނެވެ. ސުނީތާ މިފަހަރު ދެނީ އޭނާގެ ފޭނުންނަށް ރޯދަ ވީއްލުމެކެވެ.

މީގެ ތިން ދުވަސް ކުރިން ފޭސްބުކްގައި ކުރިއަށް ގެންދިޔަ ލައިކް އެންޑް ޝެއާ ޕްރޮމޯޝަނެއްގައި ސުނީތާ ވަނީ އޭނާގެ ފޭނުން ހޯދާފަ އެވެ. ސުނީގެ މި ހާއްސަ ރޯދަ ވީއްލުން ލިބިފައިވަނީ ދުވުންތެރިޔާ ސާޖިދާ މުފީދެވެ.

"ސުނީ ބަލާފައި އިންނާނީ ޓްރޫ ފޭންސް އަށް. ކުރީގެ ކޮމެންޓުތަކާއި ޝެއާ އަށްވެސް ބެލިން. ލައިކް ތަކަށްވެސް،" ސުނީ ބުންޏެވެ.

ސުނީގެ ކޮންމެ އުފަން ދުވަހަކު މީގެ ކުރިން ޕްރިޔަންކާއަށް ޓްރިބިއުޓް ދެ އެވެ. އެހެން ނަމަވެސް މިއަހަރު ރޯދަމަހާއި ދިމާވުމުން ލަވައެއް ނެރެން ސުނީ ބޭނުން ނުވީ އެވެ.

އެހެން ނަމަވެސް ސުނީތާ މިހާރުވެސް އަންނަނީ އަލްބަމެއްގެ މަސައްކަތް ކުރަމުންނެވެ. އެ އަލްބަމަކީ ޕްރިޔަންކާއަށް ހާއްސަކޮށް އޭނާ ނެރޭ އަލްބަމެކެވެ. އެ އަަލްބަމްގެ ސީޑީއެއް ޕްރިޔަންކާއަށް ހަދިޔާ ކުރުމަކީ ސުނީތާގެ ހުވަފެނެކެވެ. އެ އަލްބަމް "ހިތް ދީވާނާ ހަތެއް" ހާއްސަ ކޮށް ނެރެނީ "ޕްރިޔަންކާ ސްޕެޝަލް: ހިތްދީވާނާ ހަތެއް" ގެ ނަމުގަ އެވެ.

އެ އަލްބަމްގެ އެއް ލަވަ މިހާރު ނަގާ ނިމިއްޖެ އެވެ. އަލްބަމް ރިލީޒް ކުރާނެ ތާރީހެއް އަދި ނުނިންމަ އެވެ.