މިއުޒިކް

ކޯލާ އިޝްތިހާރުގައި ޝަލަބީގެ ޖާދުވީ އަޑު ހިމަނައިފި

May 29, 2017
1

އެންމެ ފުރަތަމަ ކޮކާ ކޯލާ ރާއްޖެ އެތެރެ ކޮށްފައިވަނީ މީގެ 26 އަހަރު ކުރިންނެވެ. ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އޭރުން ފެށިގެން ކޮކާ ކޯލާއަށްވުރެ މަގުބޫލު ސޮފްޓް ޑްރިންކެއް ދިވެހިންނަކަށް ވެސް ނެތެވެ. އެ މަގުބޫލުކަން ދިވެހިންގެ ތެރޭގައި މިހާރުވެސް ބޮޑެވެ.

ކޮކާ ކޯލާ ރާއްޖެ އެތެރެކުރަން ފެށުމާއެކު ޕްރޮމޯޝަނަލް އިޝްތިހާރުތައް މެދުކެނޑުމެއްނެތި އަންނަނީ ހަދަމުން އަދި ދައްކަމުންނެވެ. ކޮކާ ކޯލާގެ އިޝްތިހާރު ތަކުގެ ގޮތުގައި ގިނައިން ދައްކާފައިވަނީ ބޭރުގެ އިޝްތިހާރު ތަކެވެ. ދިވެހިންގެ އަމިއްލަ އިޝްތިހާރެއް ވެސް މީގެ އަހަރުތަކެއް ކުރިން ދެއްކި އެވެ. ކުޑަކުދިންތަކެއް ކިޔާފައިވާ އެ ލަވައިގައި ކުދިންތައް ފެންނަ އިރު އެހެނިހެން ވީޑިއޯ ކޮޅުތަކެއް އާންމު މައުލޫމާތު ހިމެނޭ ގޮތަށް އެ އިޝްތިހާރުގައި ހިމެނެ އެވެ.

އެހެން ނަމަވެސް ދިވެހި ލަވަ ކިޔުންތެރިއަކަށް ކޮކާ ކޯލާގެ އިޝްތިހާރަކަށް އަޑު އަޅާލަން ފުރަތަމަ ފަހަރަށް ލިބިފައިވަނީ މި އަހަރެވެ. ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ އަޑުން މިވަނީ ކޮކާ ކޯލާގެ އިޝްތިހާރަކަށް ލަވައެއް ކިޔާފަ އެވެ. ޝަލަބީ ކިޔާފައިވަނީ "ހުރިހާ އުފަލެއް ހިއްސާ ކުރޭ" ނަމުގައި ރޯދައަށް ހާއްސަކޮށްގެން ހަދާފައިވާ ލަވަ އެކެވެ.

އެ ލަވަ ހަދާފައިވަނީ "މި ރޯދަ މަހު އެހީތެރިންނަށް ވެސް އެހީތެރި ކަމެއް ދިއްކޮށްލަމާ" މި ޝިއާރުގެ ދަށުންނެވެ. އެ ލަވަ ވަނީ ގިނަ ބަޔަކަށް ކަމުގޮސްފަ އެވެ.

އުރުދޫ ބަހުން އުފައްދާފައިވާ އެ އިޝްތިހާރަކީ ގްލޯބަލީ ބޭނުން ކުރާ ކޮކާ ކޯލާގެ އިޝްތިހާރެކެވެ. މި އިޝްތިހާރުގައި ކިޔާފައިވާ ލަވަ ދިވެހި ބަހަށް ތަރުޖަމާކޮށް ޅެން އަލުން ހަދާފައިވަނީ ނަސްމާ އަބްދުލް މުހްސިނެވެ.

އެ ލަވައިގެ ހުރިހާ މަސައްކަތެއްވެސް ކޮށްފައިވަނީ ދިވެހިންނެވެ. އެގޮތުން ހައުސް އޮފް މިއުޒިކުން އެ ލަވައިގެ މިއުޒިކް ތައްޔާރުކޮށްފައިވާއިރު ވޮއިސްއޯވާ ހަދާފައި ވަނީ ހައްސާން އަލީއެވެ.