ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ހާޝިމީ މީގެ ކުރިން ކުޅެފައިވާ ހުރިހާ ފިލްމުތަކަށް ލިބިފައި ވަނީ "އޭ" ސެޓްފިކެޓެވެ. ހަމައެކަނި ބޮޑެތި މީހުންނަށެވެ. އެެހެންނަމަވެސް އެޕްރީލް 17 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ އިމްރާން އާއި ޑައިރެކްޓަރު ވިކްރަމް ބަޓް ގެ"މިސްޓާ އެކްސް"އަކީ އިމްރާންގެ ފިލްމަކަށް ޔޫއޭ ސެޓްފިކެޓް ލިބުނު ފުރަތަމަ ފިލްމެވެ. އެހެންވެ މިއީ ބެލެނިވެރިންނާ އެކު ކޮންމެ އުމުރަކަށް ވެސް ބަލަން ކަމުދާ ގޮތަށް އިމްރާން ކުޅުނު ފުރަތަމަ ފިލްމެވެ.
މިހާރު ކުރިއަށްދާ ފިލްމުގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަކަ ދައްކަމުން އިމްރާން ބުނީ މިހާތަނަށް އޭނާ ކުޅުނު އެއްވެސް ފިލްމަކަށް މި ސެޓްފިކެޓް ލިބިފައި ނުވާތީ މިފިލްމަށް ޔޫއޭ ސެޓްފިކެޓް ލިބުމުން މިފިލްމުގެ ޑައިރެކްޓަރު ވިކްރަމް ބަޓް އަށް ވުރެން އޭނާ އުފާވި ކަމަށެވެ.
"މިފިލްމު އަހަރެންގެ ދަރިފުޅަށާއި އާއިލާއަށް އެއްވެސް ހާސްކަމެއް ނެތި ދައްކާލެވޭނެ،" އުމުރުން 36 އަހަރުގެ އިމްރާން ބުންޏެވެ.
ވިޝޭޝް ފިލްމްސް އިން ޕްރޮޑިއުސްކޮށް މަހޭޝް ބަޓް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އިމްރާން ފެނިގެންދާނީ ނުފެންނަ މީހަކަށްވެގެން އޭނާއާ މެދު އިހާނެތިކޮށް ހިތާފައިވާ އެންމެންގެ ކިބައިން ބަދަލު ހިފާގޮތެވެ.
އިމްރާންއާ އެކު ލީޑްރޯލުން ފެނިގެންދާނީ 2013 ވަނަ އަހަރު ނުކުތް ފިލްމް "އިސާކް"އިން ބޮލީވުޑަށް ތައާރްފްވި އަމައިރާ ދާސްތޫރެވެ.
މިފިލްމުގައި އިމްރާނާއި އަމައިރާގެ ގައިގޯޅި މަންޒަރުތަކެއް ހިމެނުނު ކަމުގައިވީ ނަމަވެސް، ޔޫއޭ ސެޓްފިކެޓްގެ ސަބަބުން މިފިލްމަށް ތަފާތު އޯޑިއެންސްއެއް ލިބޭނެ ކަމަށްވެސް ފިލްމުގެ ލީޑް އެކްޓަރު އިމްރާން ބުންޏެވެ.
"އުންމީދުކުރަނީ މިފިލްމަށް ތަފާތު އޯޑިއެންސްއެއް ލިބޭނެ ކަމަށް" އިމްރާން ބުންޏެވެ.
މިހާރު ފިލްމުގެ ހުރިހާ ކަމެއް ނިމި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު ފިލްމުގެ ހުރިހާ މަސައްކަތާ ދޭތެރޭވެސް ހިތްހަމަޖެހޭކަމަށާއި އުންމީދު ކުރަނީ ފިލްމަކީވެސް ބެލުންތެރިންނަށް ކަމުދާނެ ފިލްމަކަށް ވާނެކަމަށެވެ.
"ނުފެންނަ މީހަކާ އެކު ހޭދަވާ ރޯލާ ކޯސްޓާ ރައިޑެއްހެން ހީވާނީ" އިމްރާން އިތުރަށް ބުންޏެވެ.
މިފިލްމު އެޕްރީލް 17 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، ތްރީޑީކޮށް ވެސް އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް މި ފިލްމު އުފެއްދި ފަރާތުން ވަނީ ބުނެފަ އެވެ.
މާޗް ފަސް ވަނަ ދުވަހު މިފިލްމުގެ ފުރަތަމް ޓްރެއިލާ ރިލީޒްކޮށްފައި ވާއިރު، މިފިލްމަށް މިއުޒިކް ހަދާދީފައި ވަނީ އަންކިތް ތިވާރީ އާއި ގީތް ގަންގުލީ އެވެ.
މަޝްހޫރު ފިލްމް ޑައިރެކްޓަރު މަހޭޝް ބަޓް ވަނީ ފިލްމަކަށް އޭނާ ކިޔައިދިން ފުރަތަމަ ލަވަ މިފިލްމަށް ކިޔައިދީފަ އެވެ.