ސްކިޕް އެސްޓެސް އުފަންވީ 1949 ވަނަ އަހަރު އެމެރިކާގެ ޓެކްސަސްގައެވެ. އުފަންވީ ނަސާރާ ދީނަށް ވަރުގަދައަށް ތަބާވެފައި އޮތް އާއިލާއަކަށެވެ. އެހެންވެ ބޮޑުފުޅުވީ ނަޞާރާދީނުގެ ކެތަލިކް މަޒްހަބުގެ އަގީދާގައި ވަރުގަދައަށް ހިފަހައްޓައިގެން ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ. އޭނާ ވެވަވަޑައިގެންނެވީ ހަމަ އެކަނި އެދީނަށް ތަބާވެވަޑައިގަންނަވާ ބޭފުކަށް ނޫނެވެ. އެދީނަށް މީހުންް ވައްދަވަން މަސައްކަތްކުރައްވާ ބޭފުޅަކަށް ވެސް ވެވަޑައިގެންނެވި އެވެ.
ނަޞާރާ ދީނުގެ ފާދިރީއެއްގެ ގޮތުގައި ހުންނެވި ސްކިޕް އެސްޓެސް އިސްލާމްވެ ވަޑައިގެންނެވި ގޮތް އެއީ އޭނާ މިހާރު ތަކުރާރުކޮށް ކިއުއްވައި ދެއްވާ، މަޝްހޫރު ވާހަކަ އެކެވެ.
އެސްޓެސް އިސްލާމްވެ ވަޑައިގަތުމަށް މެދުވެރިވީ އިސްލާމްދީނުގެ ބޮޑު އިލްމުވެރިއަކު ނުވަތަ އިމާމަކު ދެއްވި ނަސޭހަތަކުން ނޫނެވެ. އޭނާއާ ބައްދަލުވީ ހަމަ އާދައިގެ މުސްލިމަކާ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެއީ އޭނާއާ ބައްދަލުވެ ވާހަކަ ދެއްކި މުސްލިމް ފުރަތަމަ މީހާއެވެ. އޭނާއާ މުސްލިމަކާ ބައްދަލުވެވަޑައިގެންނެވީ މުސްލިމުންނަށް ކުރައްވާ ނަފުރަތެއްގެ ބޮޑުކަމުން މުސްލިމުންނާ ވާހަކަ ވެސް ނުދައްކަވަން ގަސްދުކުރައްވައިގެން ހުންނަވަނިކޮށެވެ.
އެސްޓެސް އަކީ މިހާރު އިސްލާމްދީނަށް ދައުވަތު ދެއްވުމުގެ މަސައްކަތް ކުރައްވާ މަޝްހޫރު ދާއީއެކެވެ. މަޝްހޫރު ޕީސް ޓީވީން އޭނާގެ ނަސޭހަތްތަކާއި ތަޤުރީރުތައް އެތައް މިލިޔަން ބަޔަކަށް ފެނެއެވެ.
އިސްލާމްވެވަޑައިގެންނެވީ ކީއްވެ؟
އެސްޓެސް އާއި މުސްލިމް މީހާއާއި ބައްދަލުވެވަޑައިގެންނެވީ އަމިއްލަފުޅު ގޭގެ ތެރެއިންނެވެ. މުސްލިމް މީހާ ގެއަށް އައީ އެސްޓެސްގެ ބައްޕައާއި އެކުގަ އެވެ.
"1992 ވަނަ އަހަރު މިސްރު މީހަކާއި އެކު އަހަރެންގެ ބައްޕަ ވިޔަފާރި ކުރަން ފެށިއެވެ. އަދި އެމީހާއާ އަހަރެން ބައްދަލު ކުރުމަށް އެދޭ ކަމަށް ބައްޕަ ބުންޏެވެ. [މަސައްކަތުގައި] ބައިނަލްއަގުވާމީ ރަހައެއް ލައްވައިލަން ބޭނުންވެފައި ހުރީތީ ބައްޕަގެ އެ ހިޔާލު އަހަރެންނަށް ކަމުދިޔައެވެ"
"އަހުރާމްތަކާއި ސްފިންކްސްއާއި ނީލަ ކޯރު ކަލެއަށް އެނގޭނުން؟" މުސްލިމް މީހާ ނިސްބަތްވާ ގައުމު ތައާރަފް ކޮށްދެމުން ބައްޕަ ބުންޏެވެ. ދެން ބުނީ އެމީހާއަކީ މުސްލިމެއް ކަމަށެވެ.
"މުސްލިމެއް؟ ނުވާނެ ތިޔަކަމެއް؟" އަޅުގަނޑު ދެންނެވީމެވެ. ފުރަތަމަ މުސްލިމް މީހާއާ ބައްދަލުވުމުގެ ފުރުސަތު ލިބުނު ގޮތާއި ބެހޭ ގޮތުން އެސްޓެސް ލިއުއްވާފައި ވެއެވެ.
މިސްރު މީހާއާ ބައްދަލު ނުކުރަންވީ ސަބަބާއި ބެހޭ ގޮތުން ބައްޕައާ ވާހަކަފުޅު ދައްކަވަމުން އެސްޓެސް ވިދާޅުވީ، "އެމީހުންނަކީ ޓެރަރިސްޓުންނާއި ކިޑްނެޕްކުރާ މީހުންނާއި ހައިޖެކް ކުރާ މީހުންނާއި ބޮން ގޮއްވާ މީހުން،" ކަމަށެވެ.
ދެކޮޅު ހެއްދެވުން ތަކަށް ފަހުވެސް އެންމެ ފަހުން އެސްޓެސް އެމީހާއާ ބައްދަލު ކުރެއްވި އެވެ. އަދި ދުވަސްކޮޅަކުން އަގީދާއާ ބެހޭ ގޮތުން އޭނާއާ ވާހަކަ ދައްކަވަން ފެއްޓެވީ ނަޞާރާދީނަށް އޭނާ ވެއްދެވުމުގެ ބޭނުމުގަ އެވެ. އެހެންވެ އަގީދާއާ ބެހޭ ގިނަ ސުވާލުތަކެއް އެސްޓެސް އޭނާއާ ކުރިމަތިކުރެއްވި އެވެ.
އަަޖައިބުކުރުވަނިވި ލިބުނު ޖަވާބުތަކެއް
އެސްޓެސް: ކަލޭ ކަލާންގެ ގަބޫލު ކުރަންތަ؟
މުސްލިމް މީހާ: އާނ، ގަބޫލު ކުރަން.
އެސްޓެސް: އާދަމް އާއި ހައްވާގެ ވާހަކަ ގަބޫލުކުރަންތަ؟
މުސްލިމް މީހާ: އާނ!
އެސްޓެސް: އަބްރަހަމް (އިބްރާހީމް ޢަލައިހިއްސަލާމް) އާ ބެހޭ ގޮތުންނޯ؟
މުސްލިމްމީހާ: އާނ!
އެސްޓެސް: މޫސާ ޔޯ؟
މުސްލިމް މީހާ: އާނ!
އެސްޓެސް: އީސާޔޯ، އެއީ ކަލާންގެ މަސީހާ ކަން ގަބޫލުކުރަންތަ؟
މުސްލިމް މީހާ އެ ސުވާލުގެ ޖަވާބުގައި ވެސް ބުނީ އާނއެކޭ އެވެ.
މުސްލިމް މީހާ އެޖަވާބުތައް ދިނުމުން އެސްޓެސް އުއްމީދު ކުރެއްވީ އެނާ ފަސޭހައިން ނަސާރާދީނަށް ވެއްދެވޭނެ ކަަމަށެވެ.
އެސްޓެސްއަށް އިސްލާމްދީނުގެ ރަނގަޅުކަން ވިސްނިވަޑައިގެންނެވި ފިކުރުބޮޑުވާ ބަލި (ޑިޕްރެޝަން) އާ ކުރިމަތިވެފައި ހުރި ނަޞާރާ ދީނުގެ ފާދިރީއަކަށް މުސްލިމް މީހާގެ ފަރާތުން ހަމަޖެހުން ލިބުމުންނެވެ. އަދި އެ ފާދިރީ ދެ ފަހަރަކު މިސްކިތަށް ޒިޔާރަތް ކުރުމަށް ފަހު އިސްލާމް ވުމަކީ ވެސް ދީނާއި މެދު ވިސްނާވަޑައިގަންނަވަން އޭނާއަށް މަޖުބޫވެވަޑައިގެންނެވި ކަމަކަށެވެ. އިސްލާމްދީނާ މެދު ވިސްނާވަޑައިގެން ދިރާސާ ކުރައްވަން އެސްޓެސް އަށް އެންމެ ބޮޑު ބާރަކަށްވީ އަނެއް ކަމަކީ ކީރިތި ޤުރުއާނަކީ މީގެ 1400 އަހަރު ކުރިއްސުރެ، އެއްވެސް ބަދަލެއް ނައިސް އޮތް ފޮތެއް ކަމާއި އެފޮތް އެކުގައި އެތައް މިލިޔަން މީހުންނެއް ހިތުދަސްކޮށްފައިވާ ކަން އެނގިވަޑައިގެންނެވުމުންނެވެ.
މުޙައްމަދު ޢަބުދުއް ރަޙުމާން ނަމަކަށް ކިޔާ މިސްރު މީހާއާ އެންމެ ފަހުން ދީނާ ބެހޭ ގޮތުން އެސްޓެސްއާއި އޭނާގެ އަނބިކަނބަލުން މަޝްވަރާ ކުރެއްވީ ރޭނގަނޑެއްގަ އެވެ. އެރޭ އެ މަޝްވަރާގައި ތިއްބައި ފަތިސް ވުމުން މުޙައްމަދު ފަތިސް ނަމާދު ކުރި އެވެ. އެރޭ އެސްޓެސް ކުރެއްވި ކަމަކީ ގޭގެ އަނެއް ފަރާތަށް ވަޑައިން ބިންމަތީގައި ފިލާގަނޑެއް އަޅުއްވައި، މުސްލިމުން ނަމާދު ކުރާ ދިމާލަށް އެނބުރި ބިންމަތީގައި މޫނު ޖެއްސުމެވެ.
" މާތް ރަސްކަލާކޯ. ތިޔަ އިލާހު ވޮޑިގެން ވާނަމަ މިއަޅާއަށް ތެދުމަގު ދައްކަވައިފާންދޭވެ. ތެދުމަގު ދައްކަވައިފާންދޭވެ،" ފިލާގަނޑުގައި ނިތްކުރި ޖައްސަވައިގެން އޮންނަވައި އޭނާ ދުއާ ކުރެއްވި އެވެ.
އަދި އެއަށް ފަހު ތެދުވެވަޑައިގެންނެވުމުން ހަށިގަނޑުގެ ތެރޭގައި ކަމެއް ބަދަލުވެއްޖެ ކަމުގެ އިހުސާސް އޭނާއަށް ކުރެއްވުނު ކަމަށް އެސްޓެސް ލިއުއްވާފައި ވެއެވެ. އަދި އޭނާ ކޮޓަރިއަށް ވަޑައިގެން ފެންވެރުއްވި އެވެ.
އަދި އެއަށް ފަހު ނުކުމެ ވަޑައިގެން އިސްލާމްވީ ފާދިރީ ޕީޓާ ޖޭކޮބްސްއާއި މުޙައްމަދުގެ ކުރިމަތީގައި ޝަހާދަތުގެ ދެކަލިމަ ވިދާޅުވެ، އެސްޓެސް އިސްލާމްވެވަޑައިގެންނެވި އެވެ. އެސްޓެސް އިސްލާމްވެވަޑައިގެންނެވުމުން އޭނާގެ އަނބިކަނބަލުންނާއި ބައްޕާފުޅުވެސް އިސްލާމްވެވަޑައިގެންނެވި އެވ.ެ