ރޯދަ މަހާ ރޯއްޖާ

އެންމެންގެ ކަންފަތް، 13 އަހަރުގެ ނާދިހަށް!

ރޯދަ މަހުގެ ފުރަތަމަ ދެ ދުވަހުގެ ރޭ ޝަހީދު އަލީ މިސްކިތުގެ ތަރާވީހް ނަމާދުގައި އެންމެން ހައިރާންކޮށްލައި އެތަށް ބަޔަކާއެކު އިމާމުވެ ނަމާދު ކުރީ އުމުރުން 13 އަހަރުގެ ކުއްޖެކެވެ. އަލްހާފިޒް، ނާދިހު އަބްދުލް ހަމީދެވެ. ހިތަށް ފިނިކަން ގެނެސްދޭހާ ރީތި މަޑުމައިތިރި އަޑަކުން ގުރުއާނުގެ އާޔަތްތައް ނާދިހު ކިޔަވާއިރު ނަމާދުގައި ބައިވެރި ނުވާ އެ ސަރަހައްދުގެ އެތަށް ބައެއްގެ ސަމާލުކަން ވެސް ހޯދި އެވެ.

އެހެން ނަމަވެސް ފުރަތަމަ ދެރެއަށް ފަހު ނާދިހު މިހާރު ވަނީ ދުބާއީގައި ކޮންމެ ރޯދަ މަހަކު ބާއްވާ ގުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލު ކުރަން ފުރައިގެން ގޮހެވެ. ބައިނަލްއަގުވާމީ އެ މުބާރާތް ނިމޭނީ އަންނަ މަހު 20 ވަނަ ދުވަހު އެވެ. އެހެންވިޔަސް އެންމެގެން ކަންފަތް ދެވުނު މި ކުޑަކުޑަކު ހާފިޒުގެ ވާހަކަ ދައްކާލަން ޖެހެ އެވެ.

ނ. މާފަރު، ނާދީގޭ ނާދިހަކީ ގުރުއާނާބެހޭ މަރުކަޒުން ބޭއްވި 500 ދަރިވަރުންނަށް ހިފްޒު ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވި އެންމެ ހަގު އެއް ކުއްޖާ އެވެ. އުމުރުން އެންމެ 11 ގައި އޭނާ އެކަށް ގުރުއާން ހިތުދަސްކުރި އެވެ. އަދި މިދިޔަ އަހަރު ތެރޭ ހާފިޒް ކޮމިޓީއަށް ޤޫރުއާން ކިޔަވައިދީ ރަސްމީކޮށް ހާފިޒަކަށްވި އެވެ. އެހާ ހިސާބުން ތަރާވީހް ނަމާދު ކުރުމުގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން ނާދިހަށް ދިނެވެ.

"ބައްޕަ ވިދާޅުވީ، ބައްޕަ އިމާމް ކަން ކުރައްވާ ޝަހީދު އަލީ މިސްކިތުގައި ތަރާވީހު ނަމާދު ކުރަން ހިނގާށޭ. ދެން އިސްލާމިކް މިނިސްޓްރީން ވެސް އޮތީ އެކަމަށް ހުއްދަ ދީފައި. އެކަމަކު ކުރިން އެއްވެސް ވަރަކަށް މީހުންގެ ތެރޭގައި އިމާމްވެ ނަމާދެއް ނުކުރަން ހަމައެކަނި ގޭގައި ކޮއްކޮމެންނާއެކު ބައެއް ނަމާދުތަކުގައި އިމާމްވެ ނަމާދު ކުރަން،" އަވަސްއަށް ދިން އިންޓަވިއުއެއްގައި ނާދިހު ބުންޏެވެ.

"ފުރަތަމަ ވަރަށް ބިރު ގަތް ގިނަ މީހުނާއެކު އިމާމްވެ ނަމާދު ކުރަން ޖެހުނީމަ. ހިތަށް އެރި މިކަމެއް ނުވާނޭ ވެސް. އެކަމަކު ވެސް އަބަދުވެސް ކުރާ ހިތްވާ ކަމަކަށްވީމަ ހިތްވަރުކޮށްލައިގެން ނަމާދު ކުރީ. އެކަމަކު ނަމާދު ކުރަން ފެށުމާއެކު ބިރުވެސް ކެނޑިއްޖެ. ދެން ނިމިގެން ދިޔަ އިރު އެންމެން ވެސް ވަރަށް ސަލާން ކުރާނެ. އެހެންވެ ވަރަށް އުފާވޭ،"

ކަލާފާނު ސްކޫލުގެ ގްރޭޑު އަށެއްގައި ކިޔަވަމުން އަންނަ ނާދިހު ޝަހީދު އަލީ މިސްކިތުގެ ތަރާވީހު ނަމާދުގެ އިމާމަކަށް ވުމުގެ ކުރިން ވެސް ޤުރުއާނުގެ ދާއިރާއިން އެތަށް ކުރިއެރުންތަކެއް ވަނީ ހޯދާފައިވެ އެވެ. މިދިޔަ އަހަރު ނާހިދު ވަނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން އެއްވަނަ ހޯދައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ވެސް ހާސިލްކޮށްފަ އެވެ. އޭގެ އިތުރުން މިދިއަ އަހަރު ސައުދީ އަރަބިއްޔާގައި ބޭއްވި ކިންގް އަބްދުލް އަޒީޒްގެ ބައިނަލްއަގުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވި މުޅި ޤުރުއާން ހިތުދަސް އެންމެ ހަގު ކުއްޖަކީ ވެސް ނާދިހެވެ. އަދި އެ މުބާރާތުގެ ފައިނަލް ރައުންޑާ ހަމަޔަށް ނާދިހު ދިޔަ އެވެ.

"ސައުދީގެ މުބާރާތުގައި އޮވޭ ހަ ފޮތް 15 ފޮތް ދެން މުޅި މުސްހަފް ކިޔެވުން އޮވޭ. ދެން މުޅި މުސްހަފްގެ ބައިން އެންމެ ހަގު ކުއްޖަކީ ނާދިހު. އެހެންވެ އެކަން ފާހަގަކޮށް ސައުދީގެ އިގްރައު ޓީވީ ޗެނަލް އިން ވެސް އިންޓަވިއުނަގާ ނާދިހުގެ ކިޔުން ރެކޯޑު ކުރި. އަދި ލައިވްކޮށް ދެއްކި،" ނާދިހުގެ ބައްޕަ ބުންނެވެ. "ނާދިހު އެންމެ ތުއްތު އިރު ވާހަކަދެއްކެން ފެށި އިރު ސޫރަތްތައް ކިޔަވައިދޭން ފެށި. ވާހަކަދައްކަން ފެށިތަނާ އަމިއްލައަށް ކިޔަން ފެށި ފިލި ފޮތްތަކާ އެއްޗެހި. ކުޑައިރު ވެސް ވަރަށް ފަރިތަކޮށް ކިޔަވަމުން އައި. އެހެންވެ ވަރަށް އުފާވޭ،"