ޓޫރިޒަމް

މިދިޔަ މަހު ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް: 15 ޕަސެންޓް އިތުރު!

May 30, 2017
  • މުޅި ޔޫރަޕު މާކެޓު ރަނގަޅުވި
  • ޖަރުމަނު މާކެޓުން ބޮޑު ކުރިއެރުން
  • ޗައިނާ މާކެޓު އަދިވެސް އެގޮތުގައި

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 15 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު 119،774 މީހުން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ. ނަަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތް ކޮށްފައިވަނީ 103،493 މީހުންނެވެ. މި އަދަދަކީ 15 ޕަސެންޓުގެ އިތުރުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު މިދިޔަ މަހު ވަނީ 30 ޕަސެންޓް އިތުރުވެފަ އެވެ. މުޅި ޔޫރަޕުން މިދިޔަ މަހު 61،542 މީހުން ޒިޔާރަތް ކުރި އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ޒިޔާރަތް ކޮށްފައިވަނީ 47،356 މީހުންނެވެ.

އިނގިރޭސިވިލާތުން މިދިޔަ މަހު 9،417 މީހުން ރާއްޖެ ޒިޔާރަތްކުރިއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރި 8،964 މީހުންނާ އަޅާބަލާއިރު، 5.1 ޕަސެންޓް އިތުރުވުމެކެވެ. އަދި ޖަރުމަނުވިލާތުން މިދިޔަ މަހު 11،172 މީހުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ޒިޔާރަތް ކުރި 8.810 މީހުންނާ އަޅާ ބަލާއިރު، 26.8 ޕަސެންޓް އިތުރުވުމެކެވެ. އަދި ރަޝިޔާއިން މިދިޔަ މަހު 5،400 މީހުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ޒިޔާރަތް ކުރި 3،363 މީހުންނާ އަޅާ ބަލާއިރު 60.5 ޕަސެންޓް އިތުރުވުމެކެވެ. އަދި އިޓަލީވިލާތުން މިދިޔަ މަހު 8،601 މީހުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ މިދިޔަ އަހަރު ޒިޔާރަތް ކުރި 5،590 މީހުންނާ އަޅާ ބަލާއިރު 56.7 ޕަސެންޓް އިތުުރު ވުމެކެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ މަހު ޗައިނާއިން 20،975 މީހުން ޒިޔާރަތް ކުރި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރި 24،794 މީހުންނާ އަޅާބަލާއިރު، 15 ޕަސެންޓުގެ ދަށްވުމެކެވެ.