މިއުޒިކް

މުއައްޒިންގެ ވަރުގަދަ އަޑު ރަޝިޔާއަށް

ދިވެހި އަމިއްލަ ލަވައެއް ބައިނަލް އަގްވާމީ ދުނިޔެއެއްގައި މަގުބޫލުކަން ހޯދައި ބޭރުމީހުންގެ މެދުގައި އެ ލަވަ ވައިގައި ހިފުމަށްވުރެ ބޮޑު ހުވަފެނެއް ދިވެހި ލަވަ ކިޔުންތެރިންގެ އޮންނާނެހެނެއް ހިއެއް ނުވެ އެވެ. ބޭރުގެ ޗެނަލަކުން ދިވެހި ލަވައެއް ގެެނެސްދިނުމަކީ ވެސް ބޮޑު އުފަލެކެެވެ. ބޭރު ދުނިޔޭގައި މިހާތަނަށް މަގުބޫލުވެފައި ވަނީވެސް މަދު ލަވަ އެކެވެ.

އެ ލިސްޓަށް އަނެއްކާވެސް މިވަނީ އެހެން ލަވައެއް އިތުރުވެފަ އެވެ. އެއީ ދާދި ފަހުން ރިލީޒްކުރި ދިވެހިންގެ ރޮކްސްޓާގެ ގޮތުގައި މަޝްހޫރުވެފައިވާ މުހައްމަދު މުއައްޒިންގެ "ލޭ ކޮކާ" އެވެ. އެ ލަވަ ވަނީ ރަޝިއާގެ ޓީވީ ޗެނަލް އަޑާގިއޯ އިން ދައްކާފަ އެވެ. ހަބޭސް ސްޓޫޑިއޯ އިން އުފައްދާފައިވާ މި ލަވަ ދެއްކުމަށްފަހު ރަޝިއާގެ އަޑާގިއޯ ވެބްސައިޓުގައި ހަބޭސް ބޮޑުބެރު ގްރޫޕް ވަނީ ފީޗާ ކޮށްފަ އެވެ.

"ލޭކޮކާ" މިލަވައަކީ އަންހެން ކުއްޖަކު ދެކެ ލޯބިވެވިގެން އުޅޭ ޒުވާނަކު އެ އަންހެން ކުއްޖާ ސިފަކޮށްދިނުމަށް ކިޔާކަހަލަ ލަވަ އެކެވެ. އަންހެން ކުއްޖާ ސިފަކޮށްފައިވަނީ ބަގީޗާއެއްގައި މިނިވަން ކަމާއެކު އުދުހުލާފައި އުޅޭ ރީތި ކޮކާލެއްގެ ސިފައިގަ އެވެ. ލޯބީގައި ކެހި ލިބި ބޭވަފާތެރިކަމާއި ކުރިމަތިލާން ބިރުގަނެފައިވާ މީހެއްގެ އިހުސާސްތައް ސިފަކޮށްދޭން އުޅޭހެންވެސް ހީވެ އެވެ.

ލޯބިވާވަރު ދެނެގަންނަން މަސައްކަތްކޮށް ލޯބިދޭން އާދޭތޯ ކުރާ އާދޭސްތަކެއްގެ ވާހަކަ މި ލަވައިގައި ބުނެދެ އެވެ. މިއީ ރޮކްސްޓައިލެއްގެ ލަވަ އެކެވެ.

ލަވައިން ފެނިގެންދަނީ ލިރިކްސް އާ އެއްގޮތަށް އަންހެން ކުއްޖަކު މިނިވަން ކަމާއެކު އުޅޭ މަންޒަރެވެ. އަދި ބަންދުކޮށްފައި ހުންނަ ތަނެއްގައި ހުރެ އަސަރާއެކު މުއައްޒިން ލަވަ ކިޔާ ތަން ފެނިގެންދެ އެވެ. މިލަވައިން ވިލިމާލޭގެ ހިތްގައިމު މަންޒަރުތައް ފެނިގެންދެ އެވެ. ލަވަ ޑައިރެކްޓް ކޮށްފައިވަނީ ހަބޭސްގެ އަލީ މަމްދޫހު އެވެ.

މިދިޔަ އަހަރު މޯލްޑިވިއަން އައިޑޮލް އިން ވަކިވުމަށްފަހު މުއައްޒިންގެ ރީތި، ގިނަ ލަވަތަކެއް ދިޔައީ އަޑުއިވެމުންނެވެ. ހާއްސަކޮށް ރީތި ގައުމީ ލަވަތަކެކެވެ.

"ލޭކޮކާ" އަކީ މުއައްޒިން ނެރެން ނިންމާފައިވާ އަލްބަމްގައި ހިމެނޭ ލަވަ އެކެވެ. މި އަލްބަމްގައި އިތުރު ދެ ވީޑިއޯ ލަވައެއް ހިމެނޭނެ އެވެ. ދެން ހުންނާނީ އޯޑިއޯ ލަވަތަކެކެވެ. އެ ލަވަތައްވެސް ވަރަށް އަވަހަށް ފެނިގެންދާނެ އެވެ.