ކަނޑުމަތީގެ ހާދިސާ

ސީރިއަސް ހާލަތުގައި މިހާރު ތިބީ ދެމީހުން: އޭޑީކޭ

May 31, 2017
2

ރޭ ކަނޑުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި 14 މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު އަދިވެސް ސީރިއަސް އެވެ. އެ މީހުންނަށް ފަރުވާ ދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުން ބުނީ ހާލު ސީރިއަސް ދެމީހުންނަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

ލޯންޗަކާއި ދޯންޏެއް ޖެހުނު އެކްސިޑެންޓްގައި ޒަހަމްވި މީހުންގެ ތެރެއިން ސީރިއަސް ހާލަތުގައި އޮތް އެކަކީ އެކްސިޑެންޓްގައި އެތެރެ ހައްޓަށަށާއި އެތެރެ ހަށީގެ ބައެއް ބައިތަކަށް ބޮޑެތި ގެއްލުން ލިބިފައިވާ މީހެކެވެ. އަނެއް މީހާއަށް އަނިޔާވެފައި ވަނީ އޭނާގެ ބޮލަށެވެ. އެ ދެމީހުންގެ ވެސް ސާޖަރީއެއް ވަނީ ހަދާފަ އެވެ.

ރޭގެ އެކްސިޑެންޓްގައި 14 މީހަކަށް ފަރުވާދޭން އެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ފަރުވާއަށް ފަހު ރޭ ތިން މީހަކު ދޫކޮށްލި އެވެ. އަނެއް 11 މީހުންނަށްވެސް ގެންދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ބައެއް ބައެއް މީހުންގެ ހާލު ރަނގަޅެވެ.