ގދ. ތިނަދޫ

ތިނަދޫއަށް ވައިގަދަވެ، ގެއްލުންތަކެއް ވެއްޖެ

ގދ. ތިނަދޫއަށް މިރޭ ކުރި ވިއްސާރާގައި ވައިގަދަވެ، އެ ރަށުގެ ބައެއް ގެތަކަށް ގެއްލުންތައް ވެއްޖެ އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީރު ވިދާޅުވީ، މިރޭ 7:30 ހާއިރު ވަރަށް ބޮޑަށް ވައިގަދަވެ، ބައެއް ގޭގެ ފުރާޅު އެއްލާލައި، ބޮޑެތި ގަސްތައް ވެއްޓިފައިވާ ކަމަށެވެ.

"ހަ ގެއެއްގެ ފުރާޅު އެއްލާލާފައިވޭ، ދެ ގުދަނެއްގެ ފުރާޅު ވެސް ވަނީ އެއްލާލާފަ،" އަހުމަދު ނަސީރު ވިދާޅުވި އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ފުރާޅު އެއްލާލުމުގެ ސަބަބުން ބައެއް ގޭތަކުގެ ހިފާ ގެންގުޅޭ ސާމާނަށް ވެސް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށެވެ. ބައެއް ގޭގައި ފެން ބޮޑުވި ކަމަށް ވެސް ވިދާޅުވި އެވެ.

ގެތަކުގެ ފުރާޅު އެޅުމާއި ގެއްލުންވި ގުދަންތައް ހުސްކުރުމުގެ މަސައްކަތުގައި މިހާރު ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް އަހުމަދު ނަސީރު ވިދާޅުވި އެވެ.

މިހާރު ތިނަދޫއަށް މޫސުން އެހާ ގޯހެއް ނޫނެވެ. މޫސުމާ ބެހޭ އިދާރާއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭ ވެހި، ވައިގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.