ވިޔަފާރި

ރާއްޖެއަށް ގިނައިން އަންނަނީ އަންހެން ޓޫރިސްޓުން!

Jun 1, 2017

ދުނިޔޭގެ "ޓްރެވަލް ޓްރެންޑް" ހުރީ ވެސް މިހެންނެވެ. ގައުމުތަކަށް ދަތުރުކުރާ މީހުންގެ ބޮޑު ޕަސެންޓަކީ އަންހެން ޓްރެވަލާސް އެވެ. ނުވަތަ ޓޫރިސްޓުންނެވެ. ރާއްޖެއަށް ވެސް އެންމެ ގިނައިން ޒިޔާރަތް ކުރަނީ އަންހެން ޓޫރިސްޓުން ކަމަށް ޓޫރިޒަމްގެ ހިސާބުތަކުން ދައްކަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 478،827 މީހުން ޒިޔާރަތް ކުރި އެވެ. އަދި މީގެ ތެރޭގައި ހިމެނެނީ 249،124 އަންހެން ޓޫރިސްޓުންނާއި 229،702 ފިރިހެނުންނެވެ. މި އަދަދަށް ބަލާއިރު، އަންހެނުން ޕަސެންޓު އުޅެނީ 92 ޕަސެންޓް މަތީގަ އެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުވެސް އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ އަންހެން ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖުމްލަ 447،659 މީހުން ޒިޔާރަތް ކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 216،359 ފިރިހެނުންނާއި 231،284 އަންހެން ޓޫރިސްޓުންނެވެ.

މިދިޔަ މަހު ރާއްޖެއަށް ޖުމްލަ 119،774 މީހުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތް ކޮށްފައިވަނީ 103،493 މީހުންނެވެ. މި އަދަދަކީ 15 ޕަސެންޓުގެ އިތުރުވުމެކެވެ.