ވިޔަފާރި

އެމްޕީއެލްގެ މުދާ ކްލިއަކުރުން ހަލުވިވެ، ގުދަން "ފަޅުވެއްޖެ"

Jun 1, 2017
2

ރޯދަ މަހު އެމްޕީއެލް "ޕެރިސަބަލް" ގުދަން ހުސްވުމަކީ ކުރިންވީ ކަމެއް ނޫނެވެ. ސަބަބަކީ ރޯދަށް ގެންނަ ސާމާނާ އަޅާބަލާއިރު އެމްޕީއެލްގެ ދުވެލި ލަސްވުމެވެ. ނަމަވެސް މި އަހަރު އެކަން މުޅިން ތަފާތެވެ. އެމްޕީއެލްގެ ދުވެލި ހަލުވިކޮށް އެއޮށް ބޮޑު މާސިންގާ ޕެރިސަބަލް ގުދަން ހުސްކޮށްލައިފި އެވެ.

"މިއިން އެނގެނީ އެމްޕީއެލްއިން އަލަށް ގެނައި އިކްއިޕްމަންޓްތަކާއި މުވައްޒަފުން އިތުރު ކުރުން މަސައްކަތް ހަލުވި ވެގެން ދިޔަ ވަރު،" އެމްޕީއެލްގެ ސީއީއޯ އަބްދު ރައްޒާގު ހަލީމް މިއަދު "އަވަސް" އަށް ވިދާޅުވި އެވެ.

އެމްޕީއެލް އިން ރޯދައަށް ގެންނަ ބާވަތްތައް ރައްކާ ކޮށްފައި ބަހައްޓާ މި ގުދަން ހުސްވުމަކީ ކުރިންވާ ކަމެއް ނޫނެވެ. މުދާ ހިފައިގެން އަންނަ ބޯޓު ފަހަރު ފުލުފުލުގައި އަންނައިރު މުދާ ކްލިއަ ކުރުން އޭރު އޮންނަނީ ދަތިކަމަށްވެފަ އެވެ. ނަތީޖާއަކީ ވިޔަފާރިވެރިންގެ ކުދި ކިއުމާއެކު އަގުތައް ބޮޑު ކުރުމުގައި އެމްޕީއެލްގެ ބޮލުގައި އަަޅުވާ "އިލްޒާމެވެ" ނަމަވެސް އެމްޕީއެލްގެ މަސައްކަތް ހަލުވިވުމާއެކު 35،000 އަކަފޫޓުގެ ބޮޑު މާސިންގާ ގުދަން މިއަދު އޮތީ ފަޅަށެވެ.

ސީއީއޯ ހަލީމް ވިދާޅުވީ މިހާރު މަސައްކަތް ހަލުވި ވެގެން ދިއުމުގައި ބޯޓުން މުދާ ބާލާ ހަދާ މަޖޫރީންނާއި ލޮރީ ޑްރައިވަރުންގެ އެއްބާރުލުން ބޮޑު ކަމަށެވެ.

"ސަރުކާރުގެ ހާއްސަކޮށް ރައީސް ޔާމީންގެ ވަރަށް ބޮޑު ބޭނުމެއް ހިދުމަތްއަވަސް ކުރުން. އެހެންވެ މިފެނިގެން ދަނީ އެކަން. އެ މަގަށް ދާތަން،" ހަލީމް ވިދާޅުވި އެވެ.

"މިހާރު ބޯޓު އަންނައިިރަށް 24 ގަޑިއިރު މަސައްކަތް ކޮށްގެން ވީހާ އަވަހަށް ހުސްކޮށްލަން މަސައްކަތް މިކުރަނީ. މިހާރު އެގޮތުން މިވަނީ ހުސްވެފައި."

އެމްޕީއެލް އިން މިދިޔަ އަހަރު ވަނީ ހިދުމަތް އަވަސް ކުރުމުގެ ގޮތުން 140 މިލިއަން ރުފިޔާ ހަރަދު ކޮށްގެން 22 އުޅަނދެއް ގެނެސްފަ އެވެ. މިއާއެކު މުދާ ނެރުން މިވަނީ އެތައް ގުނައެއް އަވަސްވެފަ އެވެ.