ދުނިޔެ

މިސް ވޯލްޑްގެ ތާޖު ދެކުނު އެފްރިކާގެ ރީތީގެ ރާނީ އަށް

ލަންޑަން (14 ޑިސެމްބަރު) – ލަންޑަންގެ އެކްސެލް އެރީނާގައި އިއްޔެ ނިމިގެން ދިޔަ މިސް ވޯލްޑް މުބާރާތް ދެކުނު އެފްރިކާގެ ރީތީގެ ރާނީ ރޮލީން ސްޓޮރަސް ކާމިޔާބުކޮށްފި އެވެ.

އުމުރުން 22 އަހަރުގެ ސްޓޮރަސްގެ ބޮލުގައި ތާޖު އަޅުވައި ދިނީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ފިލިޕީންސްގެ ރީތީގެ ރާނީ މޭގަން ޔަންގް އެވެ. ޑޮކްޓަރަކަށް ވުމުގެ އަޒުމުގައި ސިއްހީ ދާއިރާ އިން ކިޔަވަމުން އަންނަ ސްޓޮރަސް މި މުބާރާތް ގެންދިޔައީ ފައިނަލުގައި ހަންގޭރީގެ ރީތީގެ ރާނީ އެޑީނާ ކަލްކްސާއާ ވާދަކޮށެވެ.

މުބާރާތުގެ ތިން ވަނަ ލިބުނީ އެމެރިކާގެ ރީތީގެ ރާނީ އެލިޒަބަތު ސަފްރިޓް އެވެ.

ސްޓޮރަސް މި މުބާރާތާ ކުރިމަތިލީ އޭނާގެ ހަތަރު އަހަރުގެ ކިޔެވުން މެދުކަނޑާލުމަށް ފަހު އެވެ. ކިޔެވުން މެދުކަނޑާލީ މިދިޔަ މާޗް މަހު ދެކުނު އެފްރިކާގެ ރީތީގެ ރާނީގެ ޝަރަފު ލިބުމާ ގުޅިގެންނެވެ.

އޭނާ އަކީ ދެކުނު އެފްރިކާ އިން މި ތާޖު ކާމިޔާބުކުރި ދެ ވަނަ ރީތީގެ ރާނީ އެވެ.

މިއީ މިސް ވޯލްޑްގެ 64 ވަނަ މުބާރާތެވެ. މިފަހަރުގެ މުބާރާތް މޯބައިލް ފޯނުތަކާއި ޓެބްލެޓްތަކަށް ފޯރާ ގޮތަށް ފުރަތަމަ ފަހަރަށް އޮންލައިންކޮށް ވަގުތުން ދުރަށް ފޮނުވާފައިވާއިރު ޔޫޓިއުބުން ވެސް ލައިވްކޮށްފައިވެ އެވެ.

މިސް ވޯލްޑް މުބާރާތަކީ މެދުނުކެނޑި މިގޮތަށް ކުރިއަށް ގެންދާތާ އެންމެ ގިނަ ދުވަސްވެފައިވާ މުބާރާތެވެ. މިސް ޔުނިވާސްއާ އެކު މިސް ވޯލްޑް މުބާރާތް ތައާރަފްކުރީ 1951 ވަނަ އަހަރު އެރިކް މޯލީ އެވެ.

މިފަހަރުގެ މިސް ވޯލްޑް މުބާރާތުގައި 121 ގައުމެއްގެ ރީތީގެ ރާނީން ވާދަކޮށްފައިވެ އެވެ.

މި ސަރަހައްދުން މި މުބާރާތާ އެންމެ ރައްޓެހި އިންޑިއާ އިން މިފަހަރުގެ މުބާރާތަށް ފޮނުވި ކޯޔާލް ރަނާ ލައްވާލީ މުބާރާތުގެ ގަދަ 11ގެ ތެރޭގަ އެވެ.