ރިޕޯޓް

ސިޔާސީ ބޭފުޅުން އަރުވާލާ ފަސްގަނޑު

Jun 2, 2017
1

ވެރިރަށް މާލެއާ ދުރުގައި ވީހާވެސް އެކަހެރިކޮށް އޮންނަ ބައެއް ރަށްރަށް ސިޔާސީ ކުށްވެރިން އަރުވާލުމަށް ނުވަތަ ވެރިކަން ކުރާ ފަރާތުން ހިތްހަމަނުޖެހޭ މީހުން ފޮނުވާލުމަށް ބޭނުން ކުރެވެ އެވެ. ރާއްޖޭގެ މިފަދަ ރަށްތަކުގެ ތެރެއިން ފާހަގަކުރެވޭ އެއް ރަށަކީ މާލެއާ ގާތްގަނޑަކަށް 250 މޭލު ދެކުނުގައި އެންމެ ރަށެއްގެ މައްޗަށް އޮތް އަތޮޅު ފުވައްމުލަކެވެ.

ވިހިވަނަ ގަރުނުގެ ކުރީކޮޅު ފުވައްމުލަކަށް ފޮނުވާލި މަޝްހޫރު އެއް ބޭފުޅަކީ ވެލާނާގޭ މުހައްމަދު ދީދީ އެވެ. ރާއްޖޭގެ ވެރިކަން އިންގިލާބުކޮށް ފުރޮޅައިލުމަށް 1910 ގައި ޕިޗޯރީން ރާއްޖެ ގެނައީ ވެލާނާގޭ މުހައްމަދުދީދީ އެވެ. މި ކުށުގެ އަދަބެއްގެ ގޮތުން މުހައްމަދު ދީދީ ފުވައްމުލަކަށް އަރުވާލެއްވުމުން އޭނާ އެ ރަށުގައި ވަޒަންވެރިވެ ދިރިއުޅުން ފެއްޓެވި އެވެ. ފުވައްމުލަކުން މުހައްމަދު ދީދީ ކުރެއްވި ފަސް ކައިވެނިން ހަތަރު ބޭފުޅުން ލިބިވަޑައިގަތެވެ.

ވެލާނާގޭ މުހައްމަދު ދީދީ ފުނާޑިގަނޑުވަރު އައިޝާ ދީދީއާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތީ އަބްދުލް މަޖީދު މާހިރާއި އާމިނަތު މާހިރެވެ. ދޮންތައްކާނުބެއަގެ ފާތުމަތު ދީދީއާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތީ ޝަރީފާ މާހިރު ނުވަތަ ހާޖީ އެދުރުގޭ ދޮންދީދީ އެވެ. އޭނާ، ރަނޮއުރާފީށެ ފާތުމަތު ދީދީއާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތީ އަލީ މާހިރެވެ. މި ކައިވެންޏަށް އަންހެން ބޭފުޅަކު ވެސް ލިބިވަޑައިގަތެވެ. ނަމަވެސް ވަރަށް ތުއްޕުޅު އިރުގައި އެބޭފުޅާ އަވަހާރަވީ އެވެ.

ފާތުމަތު ދީދީއާ ކައިވެނި ބައްލަވައިގެން އުޅުއްވަމުން ދެވަނަ އަންބެއްގެ ގޮތުގައި ދަނޑިމައިގޭ ފާތުމާފާނާ ވެސް މުހައްމަދު ދީދީ ކައިވެނި ބައްލަވައިގަތެވެ. ފާތުމާފާނަކީ އެގޭގައި އެކިއެކި ކަންކަން ކޮށްދިނުމަށް އެހީތެރިއެއްގެ ގޮތުގައި ބަހައްޓާފައި ހުރި ކުއްޖެކެވެ.

ދެން ވެލާނާގޭ މުހައްމަދު ދީދީ ކައިވެނި ބައްލަވައިގަތީ މާދަޑިގޭ އާމިނާ މަނިކެއާ އެވެ. މުހައްމަދު ދީދީގޭ ދަރިކަލުން ވެލާނާގޭ އަހުމަދު ދީދީ ބައްޕަ ދެކެވަޑައިގަތުމަށް ފުވައްމުލަކަށް ވަޑައިގެންނެވީ ވެސް އެދުވަސްވަރު އެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އޭނާ ވެސް ފުވައްމުލަކުން ކައިވެންޏެއް ކުރެއްވި އެވެ.

ވެލާނާގޭ އަހުމަދުދީދީ ކައިވެނި ބައްލަވައިގަތީ ދޮންތައްކާނުބެއަގެ އައިޝާދީދީއާ އެވެ. ލިބިވަޑައިގަތް ބޭފުޅަކީ އިބުރާހިމް ނާސިރެވެ. ފަހުން އައިޝާދީ މާލެ ގެންނެވުމަށް ފަހު ވަރިކޮށްލެއްވީ އެވެ. މާލޭގައި އިންނަވަނިކޮށް ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެގެން ކޮއްކޮ އަބްދުﷲ މުފީދާ އެކު އައިޝާދީދީ ފުވައްމުކަށް ވަޑައިގަންނަވަނިކޮށް އަވަހާރަވުމުން އޭނާ ފަސްދާނުލީ ގދ. ގައްދޫގަ އެވެ. އޭރު ލިބިވަޑައިގެންފައިވާ ތުއްޕުޅު ބޭފުޅާ ފުވައްމުލަކުގައި ބަލަމުން ދިޔައީ މާދަޑިގޭ އާމިނާ މަނިކެވެ. އެ އަންހެން ބޭފުޅާ ދެތިން މަހުގައި އަވަހާރަވީ އެވެ.

ވެލާނާގޭ މުހައްމަދުދީދީ އަށް ފަހު 1930 ގެ ތެރޭގައި ފުވައްމުލަކަށް އަރުވާލެއްވި ސިޔާސީ މަޝްހޫރު ދެ ބޭފުޅުންނަކީ އައްސުލްތޯނު މުހައްމަދު ޝަމްސުއްދީނު ތިނަކާއި އެމަނިކުފާނުގެ ދަރިކަލުން ޕްރިންސް ހަސަން އިއްޒައްދީނެވެ. އެއީ އޮކްޓޫބަރު ،2 1934 ގައި ރަސްކަމުން ދުރުކުރުމަށް ފަހު އެވެ.

މި ދެ ބޭފުޅުން ތިއްބެވީ ފުވައްމުލަކު ދަޑިމަގު އަވަށުގައި ސަރުކާރުން އަޅައިދިން ގެއެއްގަ އެވެ. އަވަށުން ބޭރަށް ވަޑައިގަތުމާއި އާންމުންނާ ބައްދަލުކުރުން މަނާކޮށްފައި އޮތް ނަމަވެސް މޫދަށް އެރިވަޑައިގަތުމުގެ ހުއްދަ ދެ ބަފައިކަލުންނަށް ވެސް އޮވެ އެވެ.

ފުވައްމުލަކުގައި ޝަމްސުއްދީނުގެ ދެ ބަފައިކަލުން މޫދަށް އެރިވަޑައިގަންނަވަނީ ދަޑިމަގު ފަންނަށެވެ. އެ ދެބަފައިކަލުން މޫދަށް އެރިވަޑައިގަންނަވާ ވަގުތު އެ ސަރަހައްދަށް ބޮޑެތި މީހުން ދިއުމަކީ ވަރަށް ބޮޑަށް މަނާވެފައި އޮންނަ ކަމެކެވެ.

މި ދެބަފައިކަލުން ގިނަ ވަގުތު ހޭދަކުރެއްވީ ވަށައިގެން ފުޅަށް އަޅާފައިވާ ގޭތެރޭގަ އެވެ. އެ ދިރިއުޅުއްވުމުގައި މުނިފޫހިފިލުވުމަށް ދެބަފައިކަލުން ވެސް ކުރެއްވި ކަމަކީ ކައްޓަފުޅި ހިފުމާއި ޒާތްޒާތުގެ ގުޑި އެރުވުމެވެ. ކައްޓަފުޅިތައް ލަނީ ފެންވަރާ ވަޅަށެވެ. އެ ދެބަފައިކަލުންގެ އެ މަސައްކަތަށް އެހީތެރިވެ ދިނުމުގެ ގޮތުން ދިވެހި ސަރުކާރުން ނަނާއި ހެތަރު ފަދަ ވާވެލާވެލީގެ އާލާތާއި ގުޑި އަރުވާން ބޭނުންވާ އެހެން ސާމާނު ގަވައިދުން ދިނެވެ. ދެ ބަފައިކަލުން އުދުއްސާ ރާރާ ގުޑިތައް ދަޑިމަގު ފަންނު އަތިރިމަތީން އަޑުފަށްގަނޑާ އެކު އުދުހޭއިރު އެމަންޒަރު ބަލާން މީހުން ޖަމާވެ އެވެ.

ޝަމްސުއްދީނު ރަދުން އަކީ ގުޑި އެރުވުމުގައި ފޯރި ނަންގަވާ އެކަމުގެ ތަޖުރިބާކާރެއް ކަމަށްވެ އެވެ. ޕްރިންސް ހަސަން އިއްޒައްދީނު އަވަހާރަވީ ވެސް ފުވައްމުލަކުގަ އެވެ. އެއީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭ ސެޕްޓެމްބަރު ،25 1940 ގަ އެވެ. އޭނާ ފަސްދާނުލީ ރަސްގެފަންނު ކައިރީގައިވާ އިހުގެ ހުކުރު މިސްކިތުގަ އެވެ.

ޕްރިންސް ހަސަން އިއްޒައްދީނު އަވަހާރަވުމާ އެކު ޝަމްސުއްދީނު މާލެ ގެނައުމަށް ފަހު ބެހެއްޓީ ވިލިނގިލި ނުވަތަ މިހާރުގެ ވިލިމާލޭގަ އެވެ. އެ ދުވަސްވަރު ވިލިނގިލީގައި ވެސް މީހުން ދިިރިއުޅެ އެވެ. ޝަމްސުއްދީނު އަވަހާރަވީ އެރަށުގައި ހުންނަވަނިކޮށް އާލާސްކަންފުޅު ބޮޑުވުމުން މާލެ ގެނައި ފަހުން ޖޫން ،14 1947 ގަ އެވެ.

ޝަހީދުކުޅަ ބަންޑާރަ ނުވަތަ އައްސުލްތޯނު މުހައްމަދު ޣިޔާސުއްދީނުގެ ދަރިކަލުން އަބްދުﷲ ނުވަތަ އިބުރާހިމް ފާމުލަދޭރިކިލެގެފާނު ވެސް ފުވައްމުލަކަށް ފޮނުވާލި އެވެ.

އައްސުލްތޯނު މުހައްމަދު މުއިއްޒުއްދީނު (ކަޅުބަންޑާރައިން) ގެ ރަސްކަމުގައި އަބްދުﷲ ގަތުލު ކުރަން އުޅުމުން ފުވައްމުލަކުގެ ދެމަފިރިއަކު އޭނާ އެރަށަށް ގެންދިޔައީ އެވެ. ފަހުން ހަސަން ނޫރައްދީނު (ސެޕްޓެމްބަރު ،23 1778 އިން ޖޫން ،3 1799) ގެ ރަސްކަމުގައި އަބްދުﷲ މާލެ ގެންނަވައި ކޮލިލެއްވި އެވެ. އެމަނިކުފާނު ދެކުނުގެ ތިން އަތޮޅުގެ ވާރުވެރިކަމާ އެކު ދިރިއުޅުއްވީ ފުވައްމުލަކުގަ އެވެ.

މި އިބުރާހިމް ފާމުލަދޭރި ކިލެގެފާނާ ގުޅިފައިވާ ބޮޑު އާއިލާއެއް ފުވައްމުލަކުގައި މިހާރު ވެސް އޮންނާނެ އެވެ. ޣިޔާސުއްދީނަކީ އައްސުލްތޯނު އިބްރާހިމް އިސްކަންދަރު ދޭއްގެ ބޭފުޅެކެވެ. ޣިޔާސުއްދީނު އަވަހާރަކޮށްލީ 1774 ގަ އެވެ.

ފުވައްމުލަކަށް އަރުވާލި ބޭފުޅުންގެ ތެރޭގައި ސާމިޔާފާށަނާ ކިލެގެ ވެސް ހިމެ އެވެ. އޭނާއަކީ ބަޣާވާތްކޮށް ޅ. މާފިލާފުށީގައި ވަކި ވެރިކަމެއް ގާއިމު ކޮށްގެން އުޅުއްވި ބޭފުޅެކެވެ. ބޮޑު ރަސްގެފާނު ކުރެއްވި ސިޔާސީ ހަނގުރާމައެއްގެ ތެރޭގައި ސާމިޔާފާށަނާ ފުއްވަމުލަކަށް އަރުވާލެއްވީ ރިހި ހިލިހިލާ ޖެއްސެވުމަށް ފަހު އެވެ.

ފުރަތަމަ ޖުމްހޫރީ ސަރުކާރު 1953 ގައި އިނގިލާބުކޮށްލުމަށް ފަހު ހިނގައި ދިޔަ ހާދިސާތަކުގައި މުހައްމަދު އަމީނަށް އެހީތެރިވެދިން ކަމުގެ ކުށުގައި އިބުރާހިމް ހިލްމީ ފ. ހިމިއްޗަށް އަރުވާލެއްވި ނަމަވެސް ހަތް އަހަރު ފަހުން ފޮނުވާލީ ފުވައްމުލަކަށެވެ. އިބުރާހިމް ހިލްމީ ހުންނެވީ ޝަމްސުއްދީނާއި ޕްރިންސް ހަސަން އިއްޒައްދީނު ވެސް ހުންނެވި ގެކޮޅު ހުރި ތަނުގައި އަލުން އެޅި ގެއެއްގަ އެވެ. އިބްރާހިމް ހިލްމީ ވެސް ފުވައްމުލަކުން ކައިވެންޏެއް ބައްލަވައިގެން ބޭފުޅަކު ލިބިވަޑައިގަތެވެ.

ދެކުނު ބަޣާވާތުގެ ތެރޭގައި ހިލްމީ އައްޑު އަތޮޅަށް ވަޑައިގަތެވެ. އެއީ އަބްދުﷲ އަފީފުގެ އަދިވަޑައިގަތުމުގެ މަތީންނެވެ.

ކުރީގެ ބޮޑު ވަޒީރު އަހުމަދު ޒަކީ ވެސް ފުވައްމުލަކަށް ފޮނުވާލެއްވި އެވެ. އެއީ ނާސިރުގެ ވެރިކަމުގައި 1975 ގަ އެވެ. ފުވައްމުލަކުގައި ޒަކީ ވެވަޑައިގަތީ މީހުންގެ މަގުބޫލުކަން ލިބިވަޑައިގެންނެވި ބޭފުޅަކަށެވެ. ޒަކީ މިނިވަންވެވަޑައިގަތީ ނާސިރުގެ ވެރިކަން 1978 ގައި ނިމުމުންނެވެ.