މީހުން

މި އަންހެން ފޮޓޯގްރާފަރުގެ އޮތީ އާދަޔާހިލާފު އަޒުމެއް، ހިތްވަރެއް

Jun 4, 2017
1
  • އަބަދުވެސް ބޭނުންވީ ފޮޓޯގްރާފަކަށް ވާން
  • އިޖްތިމާއީ މައްސަލަތައް ތިލަކުރުމަކީ އޭނާގެ މަސައްކަތް
  • ހިތްހަމަ ޖެހުމަކީ މީހުންގެ ވާހަކަތައް އަޑުއެހުން

ރާއްޖޭގައި ފޮޓޯ ނަގައި އެ މަސައްކަތުން އާމްދަނީ ހޯދާ އެތައް ސަތޭކަ ބަޔަކު އެބަ ތިއްބެވެ. ކޮންމެ އަހަރަކު އެތައް ޒުވާނުނެއް މިދާއިރާއަށް ވަދެ އެތައް ބަޔަކު މިދާއިރާ ދޫވެސް ކޮށްލަ އެވެ. އެންމެން ކަހަަލަ ގޮތަކަށް ފެންނަނީ ރިސޯޓްތަކާއި ވެޑިން ނޫނީ ކޮންމެވެސް ސްޓޫޑިއޯއެއްގައި ގޮސް ތާށިވެފައި ހުރިތަނެވެ. އެކަމަކު އުމުރުން އެންމެ 26 އަހަރުގެ ފާތިމަތު އަޝްވާ ފަހީމް، އާންމު ނަމުން ނަމަ އައްވަ ފެންނަނީ މުޅިން ތަފާތު ފޮޓޯގްރާފަރެއްގެ ގޮތުގަ އެވެ. އޭނާ ހާއްސަވަނީ އަންހެން ފޮޓޯ ގްރާފަރަކަށް ވީމައެއް ނޫނެވެ. މި ފޮޓޯ ގްރާފަރުގެ އޮތީ ވަރުގަދަ އަޒުމަކާއި ނުގުޑާނެ ހިތްވަރެކެވެ. މަދުން ނޫނީ ދިވެހި ފޮޓޯގްރާފަރުން ނުވަންނަ، ފޮޓޯ ޗާނަލިޒަމްގެ ތެރެއަށް ވަދެ އޭނާ މިވަނީ ނިކަން ރަނގަޅަށް ފައިހަރުކޮށްފަ އެވެ.

އައްވަގެ ވާހަކަ ފަށަން ޖެހެނީ އޭނާގެ އުމުރުން އެންމެ 15 އަހަރުގެ ތެރެއިން އެވެ. އޭރުވެސް އޭނާގެ އުފަންދުވަހުގެ ހަދިޔާއަކަށް ބޭނުންވީ ކެމެރާއެކެވެ. އަޒުމަކަށްވެފައި އޮތީ ލޯމަތިން ފެނުނުހާ ރީތި މަންޒަރުތައް ފައިލްކޮށް ފޮރުވުމެވެ. އޭނާގެ އުފަންދުވަހުގެ ހަދިޔާއަކަށް އޭރުވެސް ލިބުނީ، ކޮޑެކްފިލްމް ލައްވާ ކެމެރާއެކެވެ. އެ ހިސާބުން ފޮޓޯގްރާފަރަކަށް ވުމުގެ އަޒުމް އޭނާގެ ހިތުގައި ހިނގައިގަތެވެ.

އައްވަގެ ނަސީބު އައިސް އަތުގައި ހިފީ ސްކޫލް ނިންމާލުމަށް ފަހު ކުރިއަށް ދާނެ ދާއިރާއެއް ހިޔާރުކުރުމަށް 2009 ވަނަ އަހަރު އޭނާއަށް ފުރުސަތު ލިބުމުން އެވެ. އޭނާ މެލޭޝިޔާއަށް ގޮސް، ކިޔަވާ ނިންމާލީ ފޮޓޯގްރަފީ ދާއިރާ އިން ޑިޕްލޮމާއަކާ އެކު އެވެ. އައްވަ ބުނި ގޮތުގައި ފޮޓޯޖާނަލިޒަމް ނޫނީ ނޫސްފޮޓޯ ނެގުމުގެ ދާއިރާއަށް އޭނާ ހިތްޖެހުނީ މެލޭޝިޔާގައި ކިޔެވުމުގެ ތެރޭގައި އޭނާއަށް ކުރެވުނު ތަޖުރިބާދަތުރުތަކުގެ ތެރެއިން އުފެދުނު ޝައުގުވެރިކަމުގަ އެވެ. ގުދުރަތީ އެތައް ރީތިކަމާއި ތަފާތު މީހުންނާ ދިމާވެ އެ މީހުންގެ ވާހަކަތައް އަޑުއަހާލުން އޭނާއަށްވީ ޝައުގުވެރިކަމަކަށެވެ.

"މީހުންނާއި އެ މީހުންގެ ވާހަކަތަކާއި އަހަރުމެންގެ ނާޒުގު ތިމާވެށި އަސްލު އަހަރެންގެ އިންސްޕިރޭޝަނަކީ. މެލޭޝިޔާގައި ހުރި އިރު ދެވުނު ރިސާޗާޒް އިން ތަކަކާ އެކު ރެއިންފޮރެސްޓަކަށް ވެސް. އަދި އެތައް ސަރަހައްދަކަށް ދަތުރުކޮށް މީހުންގެ ދިރިއުޅުމާއި ސަގާފަތާއި ވައްޓަފާޅި ވެސް ފޮޓޯ ނަގައި އެ އެއްޗިހި ޑޮކިއުމަންޓްކޮށްލަން ލިބުނު. އެ ހިސާބުން މި ފޮޓޯ ޖާނަލިޒަމްގެ ތެރެއަށް ހޮތް ޖެހުނީ. އަސްލު އައްވަ އިންސްޕަޔާ ވަނީ މީހުންގެ ވާހަކަ އަޑު އެހީމާ މީހުންނާ ވާހަކަ ދެއްކުނީމާ. އައްވަ ބުނަނީ ފޮޓޯ ގަޑަކުން ބޮޑުވާހަކައެއް ބުނެދޭން،" އައްވަ ބުންޏެވެ.

އެ އަޒުމުގައި މެލޭޝިޔާ ނިންމާލާފައި އައިސް އޭނާ ރާއްޖެޓީވީގައި ދެ އަހަރެއްހާ ދުވަހު މަސައްކަތް ކުރި އެވެ. އެ މުއްދަތުގެ ތެރޭގައި އޭނާއަކީ ފޮޓޯޖާނަލިސްޓެއް އެކަންޏެއް ނޫނެވެ. ވީޑިއޯޖާނަލިސްޓެއްގެ ވަޒީފާ ވެސް އޭނާ އަދާކުރި އެވެ. ބަރު ކެމެރާތަކާއި އޭގެ އެކްސެސަރީޒްތައް ކޮޑުގައި އަޅައިގެން ހުންނަ އިރު ވަކި އޭނާ ފިރިހެނަކަށް ދުލެއް ނުކުރެ އެވެ. އައްވަ ބުނި ގޮތުގައި އޭނާ ވަރުގަދަ އަންހެނަކަށް ވާން ލިބުނު އެއީ ރަނުގެ ފުރުސަތެކެވެ. ވީޑިއޯ ޖާނަލިސްޓެއްގެ ގޮތުގައި އޭނާ މުޒާހަރާތަކަށް ފޮނުވަން ވެސް ފުރަތަމަ މީހުން ފަސްޖެހެ އެވެ. އެކަމަކު އެ ހުރިހާ ޗެލެންޖެއް ނަގައި، އޭނާއަށް ކަވަރު ނުކުރެވޭ ވަރުގެ އިވެންޓެއް ނެތްކަން އޭނާ އައީ ސާބިތުކޮށްދެމުން އެވެ. ރާއްޖެޓީވީގައި މަސައްކަތް ކުރަމުން ހޮބީއެއްގެ ގޮތުގައި އޭނާ ނެގި ފޮޓޯތަކެއް އާންމުންގެ ސަމާލުކަން ލިބުނެވެ. އެއީ މާލޭގެ ދެގޮރުގެ ދަތިކަމާއި މީހުން އުޅެމުން ދާ ހާލު ބުނެދިނުމަށް އޭނާގެ ލެންސުން އަމާޒުކުރި ފޮޓޯތަކެވެ. އެ ފޮޓޯތަކަށް އެތައް ބައެއްގެ ޝައުގުވެރިކަން ދަމައިގަތެވެ.

"އަހަރެންގެ ބޭނުމަކީ މިހުންނަ އިޖުތިމާއީ މައްސަލަތަކަށް ފޯކަސް ކުރުން. އެ ވާހަކަތައް މީހުންގެ ސަމާލުކަމަށް ގެނައުން. އަސްލު ފޮޓޯގްރަފީ އިން ކަންނޭނގެ އެންމެ ރަނގަޅަށް އެކަން އެންމެންނަށް ބުނެދެވޭނީ. އެއީ ޔުނިވާސަލް އެއްޗެއް ފޮޓޯގްރަފީއަކީ. ކޮންމެ ބަހަކުން ދުނިޔޭގެ ކޮންމެ ތަނަކުން އަންނަ މީހަކަށް ވެސް އެނގޭނެ ފޮޓޯގަނޑަކުން ފެންނަ އެއްޗެއް. އެހެން ވީމާ އެއީ ޔުނިވާސަލީ އެކްސެޕްޓެޑް އެއްޗެއް. އައްވަގެ ފޮޓޯއަކުން މުޖުތަމައަށް ހެޔޮ ބަދަލެއް އަންނަ ނަމަ އެއީ ހިތްހަމަ ޖެހުމަކީ. އެވޯޑެއް ނޫން މުހިންމީ އަކީ. ހިތްހަމަ ޖެހުމެއް. މުޖުތަމައަށް ހެޔޮ ބަދަލެއް ގެންނަން އެހީތެރިވެދިނުން،" މިފަހުން ވުމަންއޮންބޯޑުން ހިތްވަރުގަދަ އަންހެނުންނަށް ދޭ އެވޯޑް ވެސް ލިބުނު އައްވަ ބުންޏެވެ.

އެވަރުގަދަ އަޒުމުގައި ހުރި ފޮޓޯގްރާފަރު ދެން ދަތުރު ކުރީ އިނގިރޭސިވިލާތަށެވެ. އެ ގައުމުގެ ޔުނިވަސިޓީއަކުން އޭނާއަށް ދިނީ، ފޮޓޯގްރަފީ ދާއިރާއިން މާސްޓާޒް ހެދުމުގެ ފުރުސަތެވެ. ފޮޓޯގްރަފީ ދާއިރާގައި އިތުރަށް ފައިހަރުކުރުމަށް ކުރި މަސައްކަތުގައި އޭނާ އެތައް ޔުނިވަސިޓީއަކަށް އީމެއިލް ކުރި އެވެ. އެހެން ނަމަވެސް އޭނާގެ ނަސީބު މިފަހަރު ލައްވާލީ ހަމަ ކިރިޔާ އެވެ. އައްވަ ބުނި ގޮތުގައި އީމެއިލް ޖަންކް އީމެއިލްތައް ފުހެލަން އުޅުމުގެ ތެރޭގައި ޔުނިވަސީޓިއަކުން ރިޕްލައިކޮށްފައިވާ އީމެއިލްއެއް އޭނާއަށް ފެނުނީ އިއްތިފާގަކުން އެވެ. މާސްޓާޒްއަށް ފަހު އޭނާ ރާއްޖެ އައިސް މިއަދު މަސައްކަތް ކުރަނީ ފްރީލޭންސް ނޫސްފޮޓޯ އަދި ވީޑިއޯ ތައްޔާރު ކުރުމުގަ އެވެ.

"އައްވަގެ އެކްސްޕީރިއަންސްއަށް ބަލާފައި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އިން ފުރުސަތު ދިނީ ޑިގްރީއަށް ނުގޮސް މާސްޓާޒް ހަދަން ފުރުސަތު. އެއީ ވަރަށް އުފާވި ދުވަހެއް އަސްލު ކިޔަވަން ލިބުން. އެގޮތަށް އިތުރު އަހަރުތަކެއް ބޭކާރުނުކޮށް ސީދާ މާސްޓާޒް ހެދުމުގެ ފުރުސަތެއް ލިބުނީމާ. އެކަމުގެ ސަބަބުން ވަރަށް މޮޅު ފޮޓޯގްރާފަރުންނާ އެކު މަސައްކަތްކޮށް ވަރަށް ގިނަ ތަޖުރިބާ ކިޔެވުމުގެ ތެރެއިން ލިބިއްޖެ. އޭގެ ބޭނުން ހިފައިގެން މުޖުތަމައަށް ބަދަލެއް ގެނައުން މިހާރު ބޭނުން ވަނީ. އެއީ މިހާރުގެ ޑްރީމްއަކީ،" އައްވަ ބުންޏެވެ.

އައްވަ އަށް ލިބޭ އެންމެ ބޮޑު އުފަލަކީ އޭނާ ކުރާ ހިތްވާ މަސައްކަތެއް ކުރުމަށް ފުރުސަތު ލިބުމެވެ. އެކަމަށް އާއިލާގެ ތެރެއިން ދޭ ބޮޑު ހިތްވަރާ އެކު އައްވަ ބުނަނީ އޭނާގެ ފޮޓޯ ނެގުމާއި ވީޑިއޯ ނެގުމުގެ މަސައްކަތުން ބިލިއަނަރަކަށް ނުވާނެ ކަން އޭނާއަށް ވެސް އިނގޭ ކަމަށެވެ. އެކަމަކު އައްވަ ދެކެނީ އަމިއްލަ ބުރަ މަސައްކަތުން ކުރާ ހިތްވާ ކަމެއް ކޮށްގެން ލިބޭ އާމްދަނީ އިން އުފާވެރި ހަޔާތެއް ވޭތުކުރެވިދާނެ ކަމަށެވެ. އެ ގަބޫލުކުރުމާ އެކު ވަރުގަދަ އަޒުމެއްގައި އައްވަ ކުރިއަށް ދަނީ، ދެ އަމާޒެއް އޮވެގެން އެވެ. އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ ރާއްޖޭގެ ނާޒުގު ތިމާވެށީގެ ފޮޓޯތައް ނަގައި އެކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށެވެ. އަދި ރާއްޖޭގައި ތިބި 100 އަހަރުން މަތީގެ މީހުންގެ ވާހަކަތައް އޭނާގެ ލެންސުން އަތުލައިގަތުމަކީ ވެސް އޭނާ މިހާރު ތައްޔާރުވެފައިވާ މަސައްކަތެވެ.

"އަޅުގަނޑުމެން އެންމެންގެ އުފަން ގައުމު މިއީ. މިތަނުގައި ސަގާފަތާއި ތަރިކަ އެބަޖެހޭ އަންނަން އޮތް ޗީލްތަކަށް ފެންނަން ނާޒުގު ތިމާވެށީގެ ކަންކަން މީހުންނަށް މުޅި ދުނިޔެއަށް އެނގިފައި އޮންނަން އެބަ ޖެހޭ. އަޅުގަނޑުމެންގެ މަސައްކަތަކަށްވަނީ އެކަންކަން ޑޮކިއުމަންޓްކުރުން. ފޮޓޯއިން މިތަނުގައި ހުރި މައްސަލަތައް ބުނެދިނުން. އަޅުގަނޑު ނަގާ އެންމެ ފޮޓޯއަކުން ވެސް ބަޔަކަށް ނޫނީ މުޖުތަމައަކަށް އޭގެ ހެޔޮ އަސަރުކޮށް ފައިދާއެއް ކޮށްފި ނަމަ އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފާ އެއީ،" އައްވަ ބުންޏެވެ.

މިފޮޓޯ ގްރާފަރުގެ ކާމިޔާބުގެ ހަރުފަތަކަށް ހަރުފަތެއް ގިރާކުރަމުން ދަނީ ވަރުގަދަ އަޒުމާއި ހިތްވަރެއް އޮތީމަ އެވެ. މިއީ އައްވަގެ ކާމިޔާބީގެ ސިއްރެވެ. މިއީވާ ފިސާރި ފޮޓޯ ގްރާފަރެކެވެ.