އައިސް ކްރީމްގެ ގިނަ ރަހަތަކާއެކު، އިންޓަނޭޝަނަލް ފްރެންޗައިޒް "މޫވްއެންޕިކް" ގެ އައުޓްލެޓެއް އަނެއްކާ ވެސް މާލޭގައި ހުޅުވައިިފި އެވެ.
އަލުން "މޫވްއެންޕިކް މޯލްޑިވްސް" ހުޅުވާފައިވަނީ ވީއެޗް ހޯލްޑިންގްސް ކުންފުނިންނެވެ. ރެސްޓޯރެންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މޫވް އެންޑް ޕިކްގެ މި ރީޖަންގެ އިސްވެރިން ބައިވެރިވެފައިވެ އެވެ.
ރެސްޓޯރެންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަން އައިޑޮލް ތަރިންގެ ހުށަހެޅުންތަކެއް ފެނިގެން ދިޔަ އެވެ. މޫވްއެންޕިކް މޯލްޑިވްސް ހުޅުވަނީ އަބަދަށް ފެހި މަގު ހ. ހިރިޔާ (އެއްގަމުގެ ކުރިމަތީ)ގަ އެވެ.
މޫވްއެންޕިކް މޯލްޑިވްސް ހިންގާ، ވީއެޗް ހޯލްޑިންގްސްގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން އަހުމަދު ޔޫމާން "އަވަސް" އަށް ވިދާޅުވެފައިވާ ގޮތުގައި ސުވިޒަލޭންޑުގެ މި ބްރޭންޑުން ރާއްޖޭގައި ހުޅުވާ ރެސްޓޯރެންޓަށް ބޭނުންވާ އައިސްކްރީމް ގެންނާނީ ސީދާ އެ ގައުމުނެވެ.
މޫވްއެންޕިކްއަކީ 1940 ވަނަ އަހަރު އުފެދިފައިވާ ކުންފުންޏެކެވެ. "އާޓް އޮފް އައިސް ކްރީމް" ގެ ނަމުގައި މަޝްހޫރުވެފައިވާ މި ބްރޭންޑުގެ ރެސްޓޯރެންޓުތައް ދުނިޔޭގެ އެކި ގައުމުތަކުގައި ހުރެ އެވެ.