ރިޕޯޓް

ގޯލް ބަދަލުކޮށްލި މީހާ، ރާއްޖޭގެ އެންމެ މުއްސަނދި މީހާ

Jun 3, 2017
12
  • ވަރު ހުންނާނީ ވަނާޖުބޭސާއަކު ނޫން، ފައިސާގަ!
  • މުއްސަނދިކަން ލަންކާ އިންޑިޔާގެ އިތުރުން ސަރަހައްދަށް ފެތުރުނު
  • އަވަހާރަވި އިރު ދައުލަތް އޭނާއަށް 200،000ރ. ދަރާ އޮތް

"ވަނާޖުބޭސާ" އަކީ ފޯރިއަރުވަން ކިޔާ އަންބާއެކެވެ. ކިޔޭ އަންބާ އަށް ވުރެ ބާރު ގަދައީ ފައިސާގައޭ ބުނުމުގެ މިސާލު ބަހެއްގެ ގޮތުގައި "ވަރު ހުންނާނީ ވަނާޖުބޭސާއަކު ނޫނޭ ފައިސާގައޭ" ބުނެ އުޅެ އެވެ. މި މިސާލުބަހާ މެދު ވިސްނައިލީމާ، މިއީ ފައިސާވެރިކަމާއި ނުފޫޒު ގަދަކަމުގެ ގޮތުން އެއް ވަނަ ދަރަޖައިގެ މަހުޖަނެއްގެ ހަޔާތުގެ ތެރެއިން އައިސްފައިވާ ބަހެއްކަން އެނގެ އެވެ.

ތާރީހީ ބައެއް އިލްމުވެރިން ވިދާޅުވަނީ ގަލޮޅުގޭ އަލީ ދޮށިމޭނާ ކިލެގެފާނު އިންޑިޔާ އަށް ކުރެއްވި ދަތުރެއްގައި އޭނާ ދަތުރުކުރައްވަމުން ގެންދެވި ނައު، އިންޑިޔާގެ ބަނދަރު ހިފުމާ ކައިރިވެފައި ހުއްޓާ، ވައި ހިނދި ދުވެލި މަޑުވެފައިވަނިކޮށް "ވަނާޖުބޭސާ" ގެ އަންބާގައި މަލިކު މީހުންގެ ނަވެއް އަރާ ހަމަކޮށް، "ބަލަ ދިދީއޭ ބާރު ހުރީ ފައިސާއަކު ނޫނޭ، ބާރު ހުރީ ވަނާޖުބޭސާގައޭ" ގޮވައި ފުރައްސާރައެއް ކޮށްފައި ކުރިއަރައިގެން ދިޔައީ ކަމަށެވެ.

އެ މީހުން ގޮސް ނަގިލި ވައްޓައިލި ފަހުން، އަލީ ދޮށިމޭނާ ކިލެގެފާނުގެ ނައު، ބަނދަރުކޮށް ނަވުން ފާބައިވަޑައިގެން އިންޑިޔާގެ ކަސްޓަމްސްގެ އިސް ވެރިންނާ ބައްދަލުކުރުމާއެކު މަލިކު ނައު އޮތް ތަނުން ނަގައި، އެ ޖާގައިގައި އޭނާގެ ނައު އަޅައިފި އެވެ. އަދި މަލިކު ނަވުގެ މާލިމީއާ ދިމާއަށް "މާލިމީއޭ ވަރު ހުންނާނީ ވަނާޖުބޭސާއަކު ނޫނޭ ވަރު ހުންނާނީ ފައިސާގައޭ" އަލިދޮށިމޭނާ ކިލެގެފާނު ވިދާޅުވި ކަމަށްވެ އެވެ.

މި ވާހަކަ 1997 ގައި، ތާރީހު އިލްމުވެރިޔާ މުހައްމަދު އިބްރާހިމް ލުތުފީ ވިދާޅުވެ ދެއްވިއެވެ. ރަބީއުގޭ އަބްދުﷲ މުފީދު އޭނާގެ ތާރީހު ފޮތް "ކުރީގެ ވިޔަފާރި އާއި ބާޒާރުމަތި" ގައި ވެސް މި ވާހަކަ ހިމަނާފައިވެ އެވެ. ހުސައިން ސޮލާހުއްދީނު ވެސް މިހެން ލިޔުއްވަ އެވެ. ތާރީހު ދިރާސާކުރައްވާ ޕޮމްޕިޔާ އަލީ ހުސައިން ވިދާޅުވަނީ އަލީ ދޮށިމޭނާ ކިލެގެފާނުގެ ނައުފަހަރު އިންޑިޔާގެ ބަނދަރުގައި ގިނަވެ ދަރަނިވެރިވާން ފެށީމާ ކަސްޓަމްސްގެ އިސް ވެރިޔާ އަށް ރިޝްވަތު ދެއްވާފައި، މުޅި ބަނދަރު ހިތަކަށް ހޯއްދެވުމަށް ފަހު "ވަރު ހުރީ ވަނާޖުބޭސާއެކު ނޫނޭ ފައިސާގައޭ" ވިދާޅުވީ ކަމަށެވެ.

އަބްދުލް ހަކީމް ހުސައިން މަނިކު ވިދާޅުވަނީ ލުތުފީ ވިދާޅުވާ ގޮތަށެވެ. އަސްލަށް ބަލާއިރު އެނގެނީ އަލީ ދޮށީމޭނާ ކިލެގެފާނަކީ ވަރަށް ބޮޑު މަހުޖަނެއް ކަމެވެ. މުޅި ރާއްޖޭގައި އުފެދުނު އެންމެ މުއްސަނދި، ނުފޫޒު ގަދަ މީހާ ކަމެވެ.

އަލީ ދޮށިމޭނާ ކިލެގެފާނަކީ ހުރާ ދޮންމަރުދުރު ފަޑިއްކަލޭގެފާނުންގެ ބޮޑުމުރީދު ތަކުރުފާނުގެ ހުސައިން ދޮށިމޭނާ ކިލެގެފާނުގެ އަހުމަދު ދޮށިމޭނާ ކިލެގާފާނުގެ އަލީ ދޮށިމޭނާ ކިލެގެފާނެވެ. ނުވަތަ ގަލޮޅުގޭ އަލީ ކިލެގެފާނެވެ.

އޭނާގެ މެނޭޖްމަންޓްގެ ތަރުތީބުކަމާއި ފައިސާވެރިކަމާއި މުއްސަނދިކަން މުޅި ރާއްޖޭގެ މައްޗަށް ހިނގައި އިގްތިސޯދު އޭނާގެ މައްޗަށް ބަރޯސާވެފައި އޮތެވެ. ނަމަވެސް އޭރު ހުންނެވީ ސިޔާސީ ގޮތުން "ހަޑި" ބޭފުޅަކަށްވެފަ އެވެ. ބައިވަރު ސަބަބުތައް ހުއްޓެވެ. އެ ގޮތް ދިމާވުމުން އަލީ ދޮށިމޭނާ ކިލެގެފާނު ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ސްރީ ލަންކާގެ ގޯލަށެވެ. ހަގީގަތުގައި އެއީ އަމިއްލަފުޅަށް އަރުވާލެއްވިގެން ހުންނެވި ހުރުމެކެވެ.

ގޯލްގައި ވަޒަންވެރިވެވަޑައިގަތުމަށް ފަހު ވެސް އޭނާގެ އެންމެ ބޮޑު އަމާޒަކަށް ހެއްދެވީ ވިޔަފާރި ކުރިއެރުވުމެވެ. އަދި ގޯލް ތަރައްގީ ކޮށްދެއްވުމަށެވެ. އެ ގޮތުން މުޅި ސްރީ ލަންކާގައި އޭނާގެ ނަމާއި ވިޔަފާރި ފެތުރި ނައުފަހަރާއި ބޯޓުފަހަރުގެ ފްލީޓެއް އުފެއްދެވި އެވެ. ހާއްސަކޮށް ސްރީ ލަންކާ އާއި އިންޑިޔާގެ ބަނދަރުތަކުގައި އޭނާގެ ބޯޓުފަހަރާ ހެދި ނުކުޅަދާނަވާ ހިސާބަށް ދިޔަ އެވެ. ލަންކާގެ މުޅި ގޯލް ބަދަލުކޮށްލައި މުއްސަނދި ތަނަކަށް ހަދައިދެއްވީ އަލިދޮށިމޭނާ ކިލެގެފާނެވެ.

މުސްކުޅި ބަންޑާރައިންގެ ރަސްކަމުގެ ފަހު ދުވަސްތަކަށް ބަލާއިރު އެނގޭ އެއް ހަގީގަތަކީ، މުޅި ދައުލަތް ވަޒަނުން ކައްސާލައި އެކޮޅުކޮޅުން ޖެހިފައި އޮތް ކަމެވެ. ހާއްސަކޮށް ދައުލަތުގެ އާމްދަނީ އަށް ވުރެ ހަރަދު ބޮޑުވެ އެކަން ގޯހުން ގޯހަށް ބަދަލުވަމުންދިޔަ އެވެ.

މުހައްމަދު އަމީނު ވިދާޅުވެފައިވަނީ އޭރު "ދައުލަތުގެ ހަޒާނާގެ ފޫ ފެންނަން ކައިރިވެއްޖެ" ކަމަށެވެ. އޭރު ދައުލަތުގެ ބޮޑު ބަނޑޭރި އަކީ އަލީ ދޮށިމޭނާ ކިލެގެފާނެވެ.

މުހައްމަދު އަމީނަކީ އަލީ ދޮށިމޭނާ ކިލެގެފާނަށް މުނިކާފަ ވިދާޅުވާ ބޭފުޅެކެވެ. އަލީ ދޮށިމޭނާ ކިލެގެފާނަކީ ބޮޑު މުއްސަންޖަކަށްވެފައި ސިޔާސީ ދަނޑުގައި އޭނާ އަށް ހުރެވުނީ ބަސްނުވިކޭ އޮޑިއެއްގައި ކަމަށް ވުމުން މުޅި ދައުލަތް ދިޔައީ ހަލާކު ވަމުންނެވެ. ކަކާގޭ އަލީ ރަންނަބަނޑޭރި ކިލެގެފާނުގެ ބާރު ގަދަވެ، އަލީ ދޮށިމޭނާ ކިލެގެފާނުގެ ސިޔާސީ އަދި އިގްތިސޯދީ ލަފާތައް ވެއްޓެމުން ދިޔައީ ކުނިވަށިގަނޑަށެވެ. އެހެންވިޔަސް ދައުލަތުގެ ދަރަންޏާއި ބަޖެޓް ހަމަޖައްސައިދެވޭތޯ އޭނާ މަސައްކަތްކުރެއްވި އެވެ. އެންމެ ފަހުން ކުޅަދާނަނުވެގެން އެކަމާ ހިތާމަކުރައްވައި އަމިއްލަފުޅަށް އަރުވާލެއްވިގެން ސްރީ ލަންކާގައި ވިޔަފާރި ފެއްޓެވީ އެވެ.

ދައުލަތުގެ ހަރަދު ބޮޑުވެ ދަރަނި ހައްދުފަހަނަޅައި ދިއުމުގެ އިތުރުން އޭނާ ރާއްޖެ ދޫކުރެއްވި އެންމެ ބޮޑު ސަބަބަކީ ސިޔާސީ ގޮތުން ޖެއްސުންކޮށް ބާރު ކަނޑުވާލުމަށާއި އޭނާގެ ވިޔަފާރި "ހަލާކުކޮށްލަން" އަލީ ރަންނަބަނޑޭރި ކިލެގެފާނުގެ "ސިޔާސީ ޕްލޭނެއް" ގެ ދަށުން ވޯރާ ވިޔަފާރިވެރިން ގެނެސް މާލެ އަށް އަޅާލައި އެ މީހުންގެ "ފޭރިކާ ވިޔަފާރި" ފެށުމެވެ.

އެ ޕްލޭންގެ ދަށުން އެ މަސައްކަތް ފެށުމާ އެކު، އެ ކަން އެ ގޮތަށް ނުކުރުމަށާއި އެއީ ގައުމުގެ އިގުތިސޯދުގެ ތެރެއަށް "ފަންޏެއް އުފަން ކުރުވުން" ކަމަށް އަލީ ދޮށިމޭނާ ކިލެގެފާނު ދައުލަތަށް ލަފާފުޅެއް އެރުއްވުން ވީ، ސިޔާސީ ގޮތުން އޭނާ މުޅިން "އެހެލަން" ދިމާވި ސަބަބަށެވެ. އޭނާގެ ބަސް ނުވިކޭކަން މުޅިން ކަށަވަރުވި ހިސާބަކީ ވެސް އެއީ އެވެ. ރާއްޖެ ދޫކޮށް އޭނާ ލަންކާ އަށް ވަޑައިގަތުމާ އެކު ފުރަތަމަ ފުޅާކުރެއްވީ ކާބޯތަކެތީގެ ވިޔަފާރި އެވެ.

އޭގެ ފަހުން ބޯޓުފަހަރާއި ލަކުޑި އާއި ފޭރާމާއި ގަނޑު ރަނާއި ރިހީގެ ވިޔަފާރި ފުޅާ ކުރެއްވި އެވެ. އެ ވިޔަފާރިތައް ފެއްޓެވުމާ އެކު މާ ބޮޑަށް ކުރިއަރައި އޭނާގެ މުއްސަނދިކަން މުޅި ސްރީ ލަންކާގައި ފަތުރައިފި އެވެ. ލަންކާގެ އެންމެ މަޝްހޫރު ވިޔަފާރިވެރިޔާ އަށް ވެވަޑައިގެންނެވި އިރު ބިންތަކާއި އަގުބޮޑު ގޭގެ އާއި ފިހާރަތައް ހުއްޓެވެ. ލަންކާ އާއި އިންޑިޔާއާ ދެމެދު މުދާ އުފުލާ އެންމެ ބޮޑު ކާގޯ ފްލީޓްގެ ވެރިޔަކީ އޭނާ އެވެ. ރާއްޖެއާ މުޅިން ގުޅުން ކަނޑައިނުލުމުގެ ގޮތުން ރާއްޖެ އާއި ލަންކާއާ ދެމެދު ވެސް ވިޔަފާރީގެ މުއާމަލާތް ހިންގި އެވެ.

ރާއްޖޭގެ ބަތާނަ އެންމެ ބޮޑަށް ދަންނަ އެޗްސީޕީބެލްއާ ހަވާލާދެއްވައި، މަޝްހޫރު ތާރީހު އިލްމުވެރިޔާ މުހައްމަދު އިސްމާއީލް ދީދީ ވިދާޅުވެފައިވަނީ އަލީ ދޮށިމޭނާ ކިލެގެފާނު އަވަހާރަވީއިރު ވެސް ދިވެހި ސަރުކާރުން އޭނާ އަށް 200،000ރ. އަށް ދަރާ އޮތް ކަމަށެވެ. އަދި ދައުލަތަށް ނުވެގެން އޭނާގެ ގުދަންތަކުގައި ހުރި ހަނޑުލުން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބަނޑުހަނޑޫ ދިން ކަމަށް ވެސް ވެ އެވެ.

ލަންކާގެ ގޯލްގައި އޭނާ ހުންނަވަނީ "ބޮޑުގެ" ނަމުގައި ހެއްދެވި މުއްސަނދި ގެއެއްގަ އެވެ. އެގޭގައި އަރަބީންގެ ދަންނަ ބޭކަލުންނާއި ސަރަހައްދުގެ ގައުމުތަކުގެ ވިޔަފާރިވެރިންނާއި ޔޫރަޕުގެ ވިޔަފާރިވެރިން އަބަދުވެސް މަޑުކޮށްގެން ތިބޭއިރު، ސްރީ ލަންކާގެ އެންމެ މަތި ފަޑިން ފެށިގެން ދަށާ ހަމައަށް ވެސް އޭނާ އަށް ބަލަނީ ގަދަރުވެރިކަމާ އެކު އެވެ.

އަލީ ދޮށިމޭނާ ކިލެގެފާނު ފުރަތަމަ ކައިވެނި ކުރެއްވީ ދީނު ކަލޭގެފާނުގެ މަރިޔަމް މަނިކެއާ އެވެ. ލިބިވަޑައިގަތީ ހަދީޖާ ދީދީ އާއި ސަންފާ ދީދީ އާއި އައިޝަތު ދީދީ އާއި އިބުރާހިމް ދީދީ އެވެ. އެއީ ފަހުން އިބުރާހިމް ދޮށިމޭނާ ކިލެގެފާނެވެ.

ދެ ވަނަ އަށް ކައިވެނި ބައްލަވައިގަތީ ގަމު އަލިމަނިކުފާނުގެ ބޭފުޅަކާ އެވެ. އެ ކައިވެންޏަށް ވެސް އެއް ބޭފުޅަކު ލިބިވަޑައިގަތެވެ. އޭގެ ފަހުން ކައިވެނި ބައްލަވައިގަތީ މުލީގޭ ދޮން ދީދީއާ އެވެ. އެ ކައިވެންޏަށް ހައްވާ ދީދީ އާއި އާމިނަތު ދީދީ އާއި ޒުލޭހާ ދިދީ އާއި މުހައްމަދު ދީދީ (ގަލޮޅުގޭ މުހައްމަދު ދީދީ) އާއި ސާރާ ދީދީ ލިބިވަޑައިގަތެވެ. އެންމެ ފަހުން ކައިވެނި ބައްލަވައިގެން އުޅުއްވީ ޗަރުކޭސީ ބޭފުޅަކާ އެވެ. ފަހުން އެއީ ހަދީޖާ ދީދީ އެވެ. ލިބިވަޑައިގަތީ ފާތުމަތު ދީދީ އާއި އަބްދުﷲ ދީދީ (އަތިރީގޭ އަބްދުﷲ ދީދީ) އާއި މަރިޔަމް ދީދީ އެވެ.

އަލީ ދޮށިމޭނާ ކިލެގެފާނު އަވަހާރަވީ 1878 ގަ އެވެ. އޭނާ ފަސްދާނުލާފައިވަނީ ގޯލްގެ ކަޅުވެއްލާ މިސްކިތު ހަރިންމައިގަ އެވެ. މިހާރު ވެސް ވަރަށް ރިތީކޮށް ހަދާފައިވާ އެ ބިސްތާނު އެބަ ހުއްޓެވެ. އެ މަހާނައާ ޖެހިގެން ހުންނަނީ އަވަރާވީއިރު ކައިވެނި ބައްލަވައިގެން ހުންނެވި ހަދީޖާ ދީދީގެ މަހާނަ އެވެ.

އަލީ ދޮށިމޭނާ ކިލެގެފާނު އަވަހާރަވުމުން އެ މުއްސަނދިކަމާއި ފައިސާވެރިކަން އޭނާގެ ހަރުދަނާ މެނޭޖްމަންޓާ އެއްގޮތަކަށް ނުދިޔަ އެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ ހުރިހާ ފައިސާއެއް ތަޅައި ބުރުވީ ދަރިކަލުން އިބުރާހިމް ދޮށިމޭނާ ކިލެގެފާނު ކަމަށެވެ.

އަބްދުﷲ މުފީދު ވިދާޅުވަނީ އޭނާގެ ދަރިންގެ ތެރެއިން އެއްވެސް ބޭފުޅަކަށް އޭނާގެ މުދަލުން ބޮޑު އެއްޗެއް ލިބިވަޑައިނުގަންނަވާ ކަމަށާއި ހުރިހާ ފައިސާއެއް ހުސްކުރެއްވީ އިބުރާހިމް ދޮށިމޭނާ ކިލެގެފާނުގެ "ސިޔާސީ ކުޅިގަނޑަށް" ކަމަށެވެ.

އަލީ ދޮށިމޭނާ ކިލެގެފާނުގެ ވަރަށް ހާއްސަ ހަނދާނެއް އަތިރީގޭ އާއިލާގެ ތެރޭގައި ވާރުތަކުރަމުން އައެވެ. އެއީ އޭނާގެ ވިޔަފާރި ދަތުރުތަކުގައި ބޭނުންކުރެއްވި ބްރީފްކޭހެއް ކަހަލަ ހައިވަކަރު ފޮއްޓެކެވެ. މި ފޮށި އޭނާ ފުރަތަމަ ދެއްވީ އިބުރާހިމް ދޮށިމޭނާ ކިލެގެފާނަށެވެ. ކަންތަކުގައި ލޯ ފޮތި އަޅާފައިވާ ފޮށީގެ މަތީގައި ވަރަށް ބޮޑު ރެނދެއްލާފައި ހުރެ އެވެ. އިބުރާހީމް ދޮށިމޭނާ ކިލެގެފާނު ވިއްސަކަށް އަހަރު ވަންދެން ބޭނުންކުރެއްވުމަށް ފަހު ދެއްވީ އޭނާގެ "ހާއްސަ" ބޭފުޅަކަށް ކަމަށް މުހައްމަދު އަމީނު ވިދާޅުވެފައި އޮވެ އެވެ. އަމީނު ލިޔުއްވާފައި އޮންނަނީ "ކާފަ އެ ފޮށި ދެއްވީ ލޯބިފުޅުވާ ހާއްސަ ފަރާތަކަށެވެ." މިހެނެވެ.

ނަމަވެސް އޭގެ ހަ މަސް ފަހުން އިބުރާހިމް ދޮށިމޭނާ ކިލެގެފާނަށް އެ ފޮށި މަލިކު އަލިކޮއިފުޅު އަތުން ފެނިގެން ބައްލަވައިގަނެ ހަދިޔާކުރެއްވީ ކާފަ ދަރިކަލުން މުހައްމަދު އަމީނަށެވެ. އަމީނު އެ ފޮށި ދެއްވީ ދަރިކަނބަލުން އަމީނާ އަށެވެ.

އެޑިޓަރުގެ ނޯޓް

އަލީ ދޮށީމޭނާ ކިލެގެފާނުގެ ފޮޓޯއެއް ލިބޭ ގޮތެއް ނުވިއެވެ. އެމަނިކުފާނުގެ ފޮޓޯފުޅެއް އޮތްބޭފުޅަކު ނަމަށް އަވަސް އަށް ހިއްސާކޮށް ދެއްވައިފިއްޔާ ވަރަށް ރަނގަޅެވެ.