ކުޅިވަރު

ރެއާލްއަށް މާބޮޑު ޕްރެޝަރެއް ނެތް

Jun 3, 2017
1

ތަށި ދިފާއު ކުރަން ނިކުނަ ނަމަވެސް، ރެއާލް މެޑްރިޑަށް އިތުރު ޕްރެޝަރެއް ނެތް ކަމަށް، ރެއާލްގެ ކޯޗް ޒަިނުއްދީން ޒިދާން ބުނެފި އެވެ.

މި ދިޔަ ސީޒަންގެ މެދުތެރެއިން، ރެއާލްއާ ހަވާލުވެ ޗެމްޕިއަންސް ލީގް ހޯދައިދިން ކޯޗް ބުނީ، މިރޭ ޔުވެންޓަސްއާ ދެކޮޅަށް ނިކުންނަ މެޗުގައި ފޭވަރިޓެއް ނެތް ކަމަށާއި ދެ ޓީމަށްވެސް އޮތީ 50 ޕަސަންޓްގެ ފުރުސަތެއް ކަމަށެވެ.

އިޓަލީގެ ޗެމްޕިއަންއާ ދެކޮޅަށް. އަދި އޭނާގެ ކުރީގެ ކުލަބާ ދެކޮޅަށް، ނިކުންނަ، ޒިދާން އަށް އޮތީ އޭނާ މިދިޔަ އަހަރު ހޯދި، ތަށި ދިފާއު ކުރުމެވެ.

"އިތުރު ޕްރެޝަރެއް ނެތް، އަހަންނަށް ހީވަނީ، ރެއާލްއަށް އެނގޭނެ ހެން، ޕްރެޝާގައިވެސް ނިކުންނަން، އަހަރެމެން މި ދިރިއުޅެނީ މި ޕްރެޝާގެ ތެރޭގައި، ކުޅުންތެރިޔެއްގެ ގޮތުގައިވެސް އަހަރެން އުޅެނީ ޕްރެޝާގައި އަދި ކޯޗެއްގެ ގޮތުގައި މިއުޅޭނީ ޕްރެޝާގައި،" ޒިދާން ބުންޏެވެ.

މެޗުގެ ފޭވަރިޓެއް ކަނޑައެޅުމުގައި އެއްބަޔަކު، ރެއާލްއަށް ބުރަވާއިރު، އަނެއް ބަޔަކު ބުރަ ވަނީ ޔުވެންޓަސް އަށެވެ.

"ކަލޭމެންނަށް އެނގޭނެ، މި ކުލަބު، އަދި އެނގޭނެ އެންމެން އެބަ ބުނާކަން މެޗުގެ ފޭވަރިޓަކީ އަހަރެމެންނޭ، ނަމަވެސް ފުޓްބޯޅައިގައި އަދި ހާއްސަކޮށް ފައިނަލު މެޗެއްގައި ފޭވަރިޓެއް ނޯންނާނެ، އެންމެ މެޗެއްގައިވެސް ގިނަ ކަންކަމެއް ހިނގައިދާނެ،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ، ޔުވެންޓަސް އަކީ ޑިފެންސިވް ގޭމެއް ކުޅޭ ޓީމެއް ނޫން ކަމަށާއި، އެއާއެއްވަރަށް، ވަރުގަދައަށް ހަމަލާ އުފައްދައިގެންވެސް ކުޅޭ ޓީމެއް ކަމަށެވެ.

ޔުވެންޓަސްއާ ރެއާލް މިރޭ ބައްދަލު ކުރާ މެޗު، ފަށނީ ރާއްޖޭ ގަޑިން މިރޭ 11:45 ގަ އެވެ.