ކުޅިވަރު

ހަޒާޑް އާއި ކޯޓްއާވެސް ރެއާލްއަށް ދާކަށް ބޭނުމެއް ނޫން

Jun 3, 2017

ޗެލްސީގެ ބެލްޖިއަމްގެ ދެ ތަރިން ކަމަށްވާ، ފޮވަޑް އެޑެން ހަޒާޑް އާއި ގޯލްކީޕަރު ތައިބަޓް ކޯޓްއާ ގެންދަން، ރެއާލް މެޑްރިޑުން މަސައްކަތް ކުރާ ވާހަކަ މީގެ ކުރިންވެސް ވަނީ ދެކެވިފަ އެވެ. ނަމަވެސް، އެ ދެ ކުޅުންތެރިންވެސް ތިބީ، ޗެލްސީ ދޫކޮށްލާ ގޮތަކަށް ނޫނެވެ.

މިވަގުތު ބެލްޖިއަމްގެ ގައުމީ ޓީމާއެކު ތިބި، ދެ ކުޅުންތެރިންވެސް ބުނެފައި ވަނީ، ޗެލްސީގެ އާ ކޮންޓްރެކްޓްގައި ސޮއި ކުރަން، އެ ދެ ކުޅުންތެރިންވެސް ތައްޔާރަށް ކަމަށެވެ.

ސްޓެމްފޯޑް ނިއުސްގައި ބުނެފައިވާ ގޮތުން، އަންނަ ސިޒަން ފެށުމުގެ ކުރިން، ހަޒާޑް އެއްބަސްވުން އާ ކުރަން ޗެލްސީއިން އޮތީ ތަްޔާރަށެވެ. އާ އެއްބަސްވުމާއެކު ހަޒާޑްއަށް މުސާރައިގެ ގޮތުގައި ހަފުތާއަކު، 300000 ޕައުންޑް (ފަސް މިލިއަން ދިވެހި ރުފިޔާ) ދޭންވެސް ޗެލްސީ އޮތީީ ތައްޔާރަށެވެ.

ކޯޓްއާގެ އާއިލާ ދިރިއުޅެނީ މެޑްރިޑްގައެވެ. އޭނާ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ކުރިން އެތުލެޓިކޯ މެޑްރިޑަށް ކުޅެފަ އެވެ. އެހެންވެ، އޭނާ ވެސް ރެއާލްއަށް ބަދަލުވާން ބޭނުންވާ ކަމަށް، މިގެ ކުރިން ވާހަކަ ދެކެވިފައި ވެއެވެ. ނަމަވެސް، ކޯޓްއާގެ ބަސް ތަފާތެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން، ސުވާލެއްވެސް ނެތް އަހަރެން މިތާންގައި (ޗެލްސީގައި) މަޑު ކުރާނަން،" ބެލްޖިއަމްގެ ގައުމީ ޓީމާއެކު ޗެކްރިޕަބްލިކާއި އެސްޓޯނިއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވަމުންދާ ކީޕަރު ބުންޏެވެ.

"އަހަރެންގެ ކޮންޓްރެކްޓް ހަމަވާން އޮތީ ދެ އެހަރު، އެހެންވެ ހަމަ ޔަގީނުންވެސް އަހަރެން އާ ކޮންޓްރެކްޓެއް ބޭނުން، އަހަންނަނަށް ކާމިޔާބު ކަމާއެކު ސީޒަން ނިންމާ ލެވިއްޖެ އަދި ގައުމީ ޓީމާއެކުވެސް ކާމިޔާބު، އަދި އަހަންނަށް ހީވަނީ ޗެލްސީން (ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތުގައި) އަހަރެންގެ އެޖެންޓާ ވާހަކަ ދައްކާނެ ހެން، އެ ވާނީ ރަނގަޅު އެއްބަސް ވުމަކަށް، އާ ކޮންޓްރެކްޓްގައި ސޮއި ކުރަން ޖެހޭނަމަ އަހަރެން ވަރަށް އުފާވާނެ."

ޗެލްސީން ވަނީ، އެޓީމުގެ ދެ ވަނަ ކީޕަރު އެސަމީރު ބެގޮވިކް ބޯންމައުތައް ދޫކޮށްލާފަ އެވެ. އޭނާގެ ބަދަލުގައި ޗެލްސީން ދަނީ ފުލަހަމްގެ ކީޕަރު މާކޯސް ބެޓިނެޓްލީ ގެނައުމަށް މަސައްކަތް ކުރަމުން ނެވެ.

ހަޒާޑް ބުނީ، ޗެލްސީގައި އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެން ކަމަށާއި އެކަން ދަނޑުމަތިން ފެންނާނެ ކަމަށެވެ. އޭނާ ޗެލްސީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2020 ވަނަ އަހަރު ޖޫން މަހު އެވެ.

"އަހަރެން ޗެލްސީގައި މިހުރީ ވަރަށް ހިތްހަމަ ޖެހިގެން، އަހަރެން މިހުރީ ދުނިޔޭގެ އެންމެ މޮޅު ކުލަބުގައި، އަހަންނަށް ހީވަނީ ގިނަ އަހަރުތަކެއް ވަންދެން އަހަރެން ޗެލްސީގައި ހުންނާނެ ހެން،"

ހަޒާޑްގެ އުންމީދަކީ އަންނަ ސީޒަންގެ ޕްރިމިއާ ލީގް ދިފައުކޮށް، ޗެމްޕިއަންސް ލީގްވެސް ޗެލްސީއަށް ކާމިޔާބު ކޮށް ދިނުމެވެ. ނަމަވެސް އޭނާ ބުނީ، އެއީ އުނދަގޫ ކަމެއްކަން އޭނާއަށް އެނގޭ ކަމަށާއި އަދި ޗެލްސީގެ ފަރާތުން އަންނަ ސީޒަންގައި ގިނަ ކަންކަމަށް މީހުން އުންމީދު ކުރާނެ ކަމަށެވެ.

ޗެލްސީއާ ގުޅުވައި ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫއާވެސް ވާހަކަ ދައްކަ އެވެ. އޭނާ އަލުން ޗެލްސީއަށް ގެނައުމަށް އެކުލަބުން މަސައްކަތް ކުރަމުންދާ ވާހަަކަތައް ވަނީ ގަދަ ވެފަ އެވެ. ޗެލްސީއިން 2014 ވަނަ އަހަރު ލުކާކޫ އެވަޓަން އަށް ދޫކޮށްލީ 28 މިލިއަން ޕައުންޑަށެވެ.

ހަޒާޑް އާއި ކޯޓްއާވެސް، ލުކާކޫ އަލުން ޗެލްސީއަށް ގެންނަން ބޭނުންވެ އެވެ. ކޯޓްއާ ބުނީ ލުކާކޫ ޗެލްސީއަށް އަލުން އަންނަން ބޭނުންނަމަ ނުވަތަ ޗެލްސީއިން އޭނާ އަލުން ގެންނަން ބޭނުން ނަމަ، ޖުލައި މަހު ޗެލްސީގެ ދަނޑުން ލުކާކޫއާ ބައްދަލުވުމަށް އެދޭ ކަމަށެވެ.

ހަޒާޑް ބުނީ، އުމުރުން 24 އަހަރުގައި ލުކާކޫގެ ފަރާތުން ގިނަ ގޯލްތަކެއް ފެނުމަކީ ދުނިޔޭގެ އެންމެ މޮޅު ސްޓައިކަރުންގެ ތެރޭގައި އޭނާ ހިމެނޭނެ ސަބަބެއް ކަމަށެވެ.