މިއުޒިކް

"ރިދަމް" ފަށައިދޭން ޝަލަބީއަށް އެންމެ ސަޅި ލަވަތައް

Jun 3, 2017
1

ދިވެހިންގެ ޕްލޭލިސްޓުތަކުގެ އެންމެ ކުރިން މިހާރު ޖާގަ ހޯދާފައިވާ ލަވަކިޔުންތެރިޔަކީ ޝަލަބީ އިބްރާޙީމް އެވެ. ޝަލަބީގެ ކަވާ ސޯންގެއް ވިޔަސް ނުވަތަ މަދަހައެއް ވިޔަސް ދުންޖަހާފައި ހިނގާނެ ކަމާ މެދު ޝައްކެއްނެތެވެ. އެންމެ ފަހުން ނެރުނު ޝަލަބީގެ އަމިއްލަ ލަވަ "އާދޭސް"ވެސް ވައިގައި ހިފައިގެން ގޮސް ހިޓަކަށް ބަދަލުވީ އެވެ. ހައްތަހާވެސް ޝަލަބީގެ ރީތި ލަވަތަކެވެ. ޝަލަބީއަށް އެންމެ ރީތި ލަވަތަަކަކީ ކޮބައި ހެއްޔެވެ؟

އަވަސް އާއި ޗެނަލް 13 ގުޅިގެން މުޅިން އަލަށް ގެނެސްދޭން ފެށި، "ރިދަމް" ޝޯގެ އެންމެ ފުރަތަމަ އެޕިސޯޑްގައި މިރޭ ޝަލަބީގެ ލަވަތައް ގެނެސްދިން އިރު ޝަލަބީ ކިޔާފައިވަނީ އޭނާގެ އެންމެ ފޭވަރިޓް އަދި އޭނާއަށް އެންމެ ސަޅި ލަވަތަކެވެ. އެ ލަވަތަކަކީ ޝަލަބީގެ "އާދޭސް"، ހަމްދީގެ "ސަހަރޯ" އަދި ފައްތޭގެ "ދޫވެވުނީ" އެވެ.

ރިދަމް ޝޯގައި ޝަލަބީ އެންމެ ފުރަތަމަ ކިޔާފައިވަނީ ދޫވެވުނީ އެވެ. މި ލަވަ ޝަލަބީ ކިޔާފައިވަނީ ވަރަށް ތަފާތު ވާޝަނަކަށެވެ. ލަވައަށް ވަނީ އިތުރު ބަދަލުތަކެއްވެސް ގެނެސްފަ އެވެ. އެ ބަދަލުތައް ގެނައީ ގިޓަރިސްޓު ވިންފާޒް އާއި ބޭސިސްޓް ޔައްމު އިސްވެ ތިބެގެން އެވެ.

ދެވަނަ އަށް ޝަލަބީ ހުށަހަޅާފައިވަނީ ސަހަރޯ އެވެ. ތަފާތު ވާހަކަތަކެއް ހިމެނޭ އެ ލަވައަކީ ކުރީގެ ލަވައެއް ނަމަވެސް ޝަލަބީ ގެނެސްދީފައިވަނީ މި ޒަމާނާ ގުޅޭގޮތަށް "މޮޑާން" ކޮށެވެ. އެދެ ލަވައަކީ ޝަލަބީގެ އޯލް ޓައިމް ފޭވަރިޓް އެވެ.

އެންމެ ފަހު ލަވައަކަށް ޝަލަބީ ހުށަހަޅައިދިނީ "އާދޭސް" އެވެ. ޝަލަބީގެ އަމިއްލަ އެ ލަވަ ރިލީޒް ކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. މިހާތަނަށް އެތައް ހާސް ބަޔަކު އެ ލަވަ ބަލާ އެ ލަވަ ވަނީ ޕްލޭލިސްޓުތަކުގެ ކުރިއަށް އަރުވާފަ އެވެ. އެ ލަވަވެސް ޝަލަބީ ހުށަހަޅައިދިނީ ތަފާތު ވާޝަނަކަށެވެ. ދިވެހިންނަށް ކަމުދާ ދިވެހިންނާ ގުޅޭ ވާޝަނަކަށެވެ. ލަވަތައް ކޮންމެހެންވެސް ބަލައިލަން ވާނެ އެވެ. ޔޫޓިއުބުން މިހާރު ބަލައިލެވޭނެ އެވެ