ކުޅިވަރު

ރެއާލް މެޑްރިޑުން ޗެމްޕިއަންސްލީގް ދިފާއު ކޮށްފި

Jun 4, 2017

ފައިނަލުގައި ޔުވެންޓަސްގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔޫރަޕްގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބަރާތް، ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑް ހޯދައިފި އެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގް ޗެމްޕިއަންކަންވެސް، ހޯދި ރެއާލުން، މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރުމާއެކު، އެޓީމު ވެފައި ވަނީ، ޗެމްޕިއަންސް ލީގްގެ ޒަމާނީ އިރާގައި، އެމުބާރާތް ޖެހިޖެހިގެން ކާމިޔާބު ކުރި ފުރަތަމަ ޓީމަށެވެ.

ވޭލްސްގެ ކާޑިފްގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު، ފަށައިގެން، ޔުވެންޓަސް ކުޅުނީ ރެއާލްގެ ހަމަލާތައް ބައްދަލައިގެންނެވެ. އަދި ޔުވެންޓަސް އިން ވަނީ ރެއާލްގެ ގޯލަށް ނުރައްކާތެރި ބޯޅަތަކެއް ފޮނުވާލާފަ އެވެ.

އެގޮތުން މެޗުގެ ހަ ވަނަ މިނެޓްގައި މެރަލަމް ޕިއާނިޗް ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާ، ރެއަލްގެ ކީޕަރު، ކޭލޯ ނާވަސް ވަނީ ޑައިވްކޮށް، ހުށިޔާރުކަމާއެކު އެބޯޅަ ދިފާއުކޮށްފަ އެވެ.

މެޗުގެ ތަރިއަކަށް ވާނެ ކަމަށް ބެލުވުނު، ރެއާޅްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފައިގައި ބޯޅަ ޖެހުނީވެސް، މެޗުގެ ފަސް ވަރަކަށް މިނެޓް ކުޅެވުނު ފަހުންނެވެ. ނަމަވެސް، ރެއާލްގެ ފުރަތަމަ ގޯލް މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރޮނާލްޑޯ އެވެ.

ރޮނާލްޑޯއަށް ލިބުނު ބޮޅަ އޭނާ ދިނީ، ރެއާލްގެ ޑިފެންޑާ ޑެނީ ކަރަވަހަލް އަށެވެ. ކަރަވަހާލްއަށް ބޯޅަ ދިނުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ރޮނާލްޑޮ ވަނުމުން، އަލުން ކަރަވަހާލް ވަނީ ރޮނާލްޑޯއަށް ބޯޅަ ތަނަވަސް ކޮށްދީފަ އެވެ. ރޮނާލްޑޯ ވަނީ އެއްފަހަރުން ބޯޅަ ގޯލްގެ ކަނަށް ފޮނުވާލާފަ އެވެ. ނަމަވެސް، ބޯޅަ ގޯލަށް ވަނީ، ޔުވެންޓަސްގެ ޑިފެންޑަރެއްގެ ފައިގައި ބޯޅަ ޖެހިލާފަ އެވެ.

ރެއާލްއަށް ލީޑްގައި ހަމަޖެހިލައިގެން އޮވެވުނީ އެންމެ ހައެއްކަ މިނެޓް އިރު އެވެ. މެޗުގެ 27 ވަނަ މިނެޓްގައި، ގޮންޒާލޯ ހިގުއައިން މަތިން ދިން ބޯޅައެއްގައި، ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ވައިގެ ތެރޭގައި އޮއްވައި، މާރިއޯ މަންޒޫކިޗް ގޯލް ތެރެއަށް ބޯޅަ ފޮނުވާލީ ބައިސްކަލް ކިކަކުން ނެވެ.

ދެ ވަނަ ހަފުގައި ރެއާލުން ވަނީ ހަމަލާތައް ވަރުގަދަ ކުރުމުގެ ގޮތުން، އިސްކޯގެ ދައުރު ފުލާ ކޮށްފަ އެވެ. ނަތީޖާއަކަށް ވެގެން ދިޔައީ، ފުރަތަމަ ހާފުގައި، ރެއާލްއަށް ފޫއަޅުވާލަން އުނދަގޫވި ޔުވެންޓަސްގެ ޑިފެންސްގެ ތެރެއިން، ރެއާލްގެ ކުޅުންތެރިންނަށް ޖާގަ ލިބިގެން ދިޔަ އެވެ.

ރެއާލްގެ ދެ ވަނަ ލަނޑު ކަމިޔާބުކޮށް، އަލުން އެޓީމަށް ލީޑް ނަގައިދިނީ، ކެސެމީރޯގެ ބާރު ހަމަލާއަކުންނެވެ. މެޗުގެ 61 ވަނަ މިނެޓްގައި، ރެއަލުން އުފެއްދި ހަމަލާއެއް ޔުވެންޓަސްގެ ކުލުންތެރިން ދިފާއު ކުރުމުން، ރީބައުންސަށް ނިކުތް ބޯޅަ، ހާފުގެ މެދެއްހާ ހިސާބުން ލިބުނީ ކެރސެމީރޯ އަށެވެ. އޭނަވެސް ވަނީ، އެއްފަހަރުން ޖަހައި، ބޯޅަ ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.

ލަނޑަށް ފަހު، ޔުވެންޓަސްގެ ޑިފެންސުން އިތުރު މައްސަލަ ކުރިމަތިވި އެވެ. ލީޑް ނެގިތާ ތިން މިނެޓް ފަހުން 64 ވަނަ މިނެޓްގައި، ލުކާ މޮޑްރިޗް ޕެނަލްތީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ އަކުން، ޔުވެންޓަސްގެ ދެ ޑިފެންޑަރުންގެ ތެރެއަށް ވަދެ، ރޮނަލްޑޯ ވަނީ ގޯލް ތެރެއަށް ބޯޅަ ފޮނުވަލާފަ އެވެ.

ދެން، ޔުވެންޓަސްއަށް ކުރިމަތިވީ މާދެރަ ގޮތެކެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި، ހުއާން ކްއެޑްރާޑޯއަށް ދެ ވަނަ ރީނދޫ ކާޑަކާއެކު، ރަތް ކަޑު ދައްކައި ދަނޑުން ފޮނުވާލުމެވެ.

ފައިނަލު އެންމެ ހާއްސަ ކުޅުންތެރިޔަކީ، މެޗު ހޯސްޓް ކުރަމުން ދިޔަ، ވޭލްސްގެ ތަރި ގެރެތު ބޭލް އެވެ. އަނިޔާގައި ދުވަސްތަކެއް ވަންދެން ހޭދަ ކޮށްފައި ވުމުން، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން އޭނާއަށް ފުރުސަތު ދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އޭނަ ކުޅެން އެރީ 77 ވަނަ މިނެޓްގައި ކަރީމް ބެންޒެމާގެ ބަދަލުގަ އެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި، އަރައި، ރެއާލްއަށް، މިސީޒަންގައި ތަފާތު ގެނެސްދޭ ކުޅުންތެރިޔަކީ މާކޯ އެސެންސިއޯ އެވެ. ޓޯނީ ކްރޫޒްގެ ބަދަލުގައި 82 ވަނަ މިނެޓްގައި، ޒިދާން ވަނީ، އެސެންސިއޯ އަށް ފުރުސަތު ދީފަ އެވެ. ރެއާލްގެ ހަތަރު ވަނަ ލަނޑު އެސެންސިއޯ ކާމިޔާބު ކުރީ، 90 ވަނަ މިނެޓްގައި މާސެލޯ ދިން ފުރުސަތަކުންނެވެ.