ދީން

އަހަރެން އިސްލާމްވީ ކީއްވެ؟ މޫސާ ސެރެންޓޯނިއޯ

Jun 4, 2017
1

މޫސާ ސެރެންޓޯނިއޯ އަކީ އޮސްޓްރޭލިއާގެ މެލްބަން އަށް އުފަން ބޭފުޅެކެވެ. އޭނާގެ މަންމައާއި ބައްޕައަކީ ނަޞާރާދީނަށް ތަބާވާ އިޓަލީގެ ދެމީހުންނެވެ. އޭނާ އިސްލާމްވެވަޑައިގެންނެވީ އުމުރުފުޅުން 17 އަހަރުގަ އެވެ. އިސްލާމްވެވަޑައިގެންނެވުމުގެ ކުރިން އޭނާގެ ނަމަކީ ރޮބަޓް ސެރެންޓޯނިއޯ އެވެ. ލާމްދީނަށް ގޮވައިލެއްވުމުގެ މަސައްކަތް ބުރަކޮށް ކުރައްވަމުން ގެންދަވާ ސެރެންޓޯނިއޯ އަށް އިސްލާމްދީނުގެ ހިދާޔަތު ލިބިވަޑައިގެންނެވި ގޮތް އޭނާ ވަނީ މަޝްހޫރު ޕީސް ޓީވީގައި 2012 ވަނަ އަހަރު ދެއްވި ތަޤުރީރެއްގައި ވިދާޅުވެދެއްވާފަ އެވެ.

ތަގުރީރުގައި ސެރެންޓޯނިއޯ ވިދާޅުވެފައިވަނީ އޭނާއާއި އޭނާގެ އާއިލާއަކީ ބޭފުޅުން ތަބާވެވަޑައިގަންނަވާ ދީނަކީ ނަސާރާ ދީން ކަމަށް ވިޔަސް އެދީނަށް މާ ފަރުވާތެރިވި އާއިލާއެއް ނޫން ކަމަށެވެ. ދީނުގެ ކަންތައްތަކުގެ ތެރެއިން އެބޭފުޅުން ކުރައްވަމުން ގެންދެވީ މަދު ކަންތައްތަކެކެވެ.

" އަހަރެމެން ޗާޗަކަށް ނުދަން ކްރިމަސް ނުވަތަ އީސްޓާގައި ނުވަތަ ކޮންމެވެސް މީހަކު މަރުވެގެން (ޖަނާޒާއަށް) ނުވަތަ މީހަކު ކައިވެނިކޮށްގެން ނޫނީ. ހުރިހާ ގޮތަކުން ވެސް ދީނަކީ އަހަރެމެންގެ އާއިލާގެ ދިރިއުޅުމުގެ ބައެއް ނޫން،" އޭނާ ވިދާޅުވެފައިވެ އެވެ.

ސްކޫލުގައި ބައެއް ފަހަރު ބައިބުލް ކިޔާ އަޑު އިވި އަދި ބައެއް ފަހަރު ކިޔާލެވޭތީ އޭނާ އަށް ބައެއް ރަސޫލު ބޭކަލުންގެ ވާހަކަތައް ވަނީ އަޑު އިވިވަޑައިގެންފަ އެވެ. އަދި އޭރުވެސް އެބޭބޭކަލުންނަށް ލޯބި ކުރައްވާ ކަމަށް ސެރެންޓޯނިއޯ ވިދާޅުވެފައިވެ އެވެ.

"ދީނުގެ ވާހަކަ ދެކެވޭ ހިނދު، އެ ވާހަކަތައް ކިޔައިލެވޭ ހިނދު، އަހަރެން އެކަމަށް ވަރަށް ލޯބިކުރަން. މޫސާ ޢަލައިހިއްސަލާމް، ޢީސާ ޢަލައިހިއްސަލާމް. އިބުރާހީމް ޢަލައިހިއްސަލާމް، އެހުރިހާ ބޭބޭކަލުން ދެކެ އަހަރެން ހަގީގައި ގަތުގައި ވެސް (އޭރުވެސް) ވަރަށް ލޯބިވޭ،" ދީނާއި މެދު އޭރު އެނގޭ މިންވަރު ކިޔައި ދެއްވަމުން ސެރެންޓޯނިއޯ ވިދާޅުވެފައި ވެއެވެ.

ސެރަންޓޯނިއޯއަށް ނަޞާރާ ދީނާއި މެދު ވިސްނާ ވަޑައިގަންނަވަން ޖެހި ވަޑައިގެންނެވީ ސެކަންޑްރީ ސްކޫލަށް ވަޑައިގެންނެވުމުންނެވެ. އޭނާއަށް ގުޅިވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ ސޯޝަލިޒަމް ކުރިއަރުވާ ސްކޫލަކަށެވެ. ސޯޝަލިޒަމްގެ އެއް ގަބޫލު ކުރުމަކީ ކަލަކު ވޮޑިގެން ނުވާ ކަމުގެ ގަބޫލުކުރުމެވެ. އެމީހުން ދެކޭ ގޮތުގައި ކަލާންގެއަކީ އެމީހުން އުފަން ކުރުވި ފަރާތެކެވެ. އަދި އެމީހުން ވަނީ އެފަރާތް މަރާލާފަ އެވެ.

" އަހަރެން ވަރަށް ރުޅިއައި އެމީހުންގެ ވިސްނުމާ ދޭތެރޭ. އަހަރެން އެމީހުންނާ ޖަދަލުކުރުމުން އެމީހުންނަކަށް ނޯވޭ ދައްކާނެ ވާހަކައެއް ވެސް،" އޭނާ ވިދާޅުވެފައިވެ އެވެ.

ދީނެއް ގަބޫލުނުކުރާ މީހުންނާ ރަނގަޅަށް ޖަދަލު ކުރައްވަން ބޭނުންފުޅު ވެވަޑައިގެންނެވުމުން އޭނާ ފުރަތަމަ ކުރެއްވި ކަމަކީ ބައިބުލް ކިޔަވައި ވިދާޅުވުމެވެ. ބައިބުލް ކިޔަވައި ވިދާޅުވާން ފެށްޓެވުމުން އޭނާއަށް ލިބިވަޑައިގެންނެވީ ބޮޑު ހައިރާން ކަމެކެވެ. އެގޮތުން އޭނާއަށް އެނގިވަޑައިގެންނެވީ ބައިބުލްގައި ނަހީކުރެއްވި ކަމަށް ބަޔާން ކުރައްވާފައިވާ ގިނަ ކަންތައްތައް ނަޞާރާއިން ކުރަމުން ގެންދާ ކަމެވެ.

" އަހަރެންގެ އާއިލާގައި ތިބި ދީންވެރި ކަމަށް ބުނާ ނަޞާރާއިން ސުވާލުކުރަން ފެށި، ކީއްވެހޭ ކަލޭ ތުނބުޅި ބަހައްޓަނީ؟ ކީއްވެހޭ ކަލޭ އޫރުމަސް ނުކަނީ؟ ކީއްވެހޭ ކަލޭ ރާ ނުބޮނީ؟" އަހަރެން ބުނިން ބައިބުލްގައި އެހެން އެކަންތައްތައް ނުކުރަން ބުނެފައި އޮތީމައޭ، އެމީހުން ބުނީ އެއީ އޯލްޑް ޓެސްޓްމެންޓޭ، އަހަރެމެން ތަބާވަނީ ނިއު ޓެސްޓްމެންޓަށޭ،" މިހާރުގެ ނަޞާރާއިންގެ ދެކޮޅު ނުޖެހޭކަން ފާހަގަ ކުރެއްވުނު ގޮތް ކިއުއްވައި ދެއްވަމުން ސެރެންޓޯނިއޯ ވިދާޅުވެފައިވެ އެވެ.
ނަޞާރާދީނުގެ ބާތިލު ގިނަ ކަންތައްތަކެއް ފާހަގަ ކުރެއްވުމަށް ފަހު އޭނާ އެދީނާ ވަރަށް ބޮޑަށް ފެޔަށް ޖެހިވަޑައިގެންނެވިއެވެ. އަދި އެއަށް ފަހު ތަފާތު ދީންތަކާއި ބެހޭ ފޮތްތައް ވިދާޅުވާން ފެށްޓެވި އެވެ.

ފުރަތަމަ މުސްލިމް މީހާއާ ބައްދަލުވުން

އިސްލާމްދީނާއި ބެހޭ ގޮތުން ސެރެންޓޯނިއޯއާއި ފުރަތަމަ ވެސް ވާހަކަ ދެއްކީ އެކކުވެރިކަަމެއް އުފެދުނު މުސްލިމެކެވެ. އެ އެކުވެރިޔާ އިސްލާމްދީނާއި ބެހޭ ގިނަ ވާހަކަ ތަކެއް ދެއްކުމަށް ފަހު އޭނާއަށް ހަދިޔާކުރީ މުސްހަފެކެވެ
" އެފޮތް ބޭއްވިން އަހަރެންގެ ކޮޓަރީގައި އަހަރެން ނުކިޔެވިޔަސް. އަދި އެއް ދުވަހަކު އަހަރެންގެ ބޭބެއަށް އެފޮތް ފެނުނު، އޭނާ ބުނި މީ ކޮން އެއްޗެއްހޭ، މިވާނީ ޤުރުއާނަށޭ. އޭނާ އެފޮތް ބޭރަށް ގެންދިޔަ، އަދި އޭނާގެ އެކުވެރިންނާއި އެކު އެ ފޮތް އަންދައިލި،" ސެރެންޓޯނިއޯ ވިދާޅުވެފައިވާ ގޮތުގައި އެހާދީސާއިން އޭނާއަށް އެނގިވަޑައިގެންނެވީ އިސްލާމްދީނަށް މީހުން ނަފުރަތު ކުރާ މިންވަރެވެ.
އެހެންވެ، އިސްލާމްދީނަށް ނުވަނުމަށް އޭނާ ގަސްދުކުރި އެވެ. އެހެން މުސްލިމް އެކުވެރިއަކާ ބައްދަލުވެވަޑައިގެންނެވީ އޭގެ ފަހުންނެވެ.

ދެވަނަ މުސްލިމް މީހާ

"އޭނާ އޭނާގެ ޖާހިލުކަމުން ޢީސާ ޢަލައިހިއްސަލާމަށް ނުބައި ބަސްތައް ބުނަން ފެށި. އަހަރެން އެކަމާ ވަރަށް ރުޅި އައި. އަހަރެން ހިތަށް އެރި އަހަރެން އޭނާގެ ދީނާ ބެހޭ ގޮތުން ދިރާސާ ކުރާނަމޭ. އަދި އެއަށް ފަހު އެދީނަށް ހަމަލާ ދޭނަމޭ." އޭނާ ވިދާޅުވެފައިވެ އެވެ.

އިސްލާމްވެވަޑައިގެންނެވުން

އެއަށް ފަހު އޭނާ އިސްލާމްދީނުގެ އިލްމު ވަރަށް ބޮޑަށް ހޯއްދެވި އެވެ. ކީރިތި ޤުރުއާނާއި ސަޙީޙު ބުޚާރީ ކިޔަވައި ވިދާޅުވިއެވެ. ނަމަވެސް ޤުރުއާނަކީ ﷲގެ ވަހީބަސްފުޅުކަން އޭނާއަށް ޔަގީން ކުރެއްވުނީ މިރަކްލްސް އޮފް ގުރުއާން ( ޤުރުއާނުގެ މުޢުޖިޒާތްތައް) ނަމަކަށް ކިޔާ ފޮތެއް ވިދާޅުވުމުންނެވެ.
"... އެއީ ވަރަށް ބޮޑު ލައިބްރަރީއެއް. އަހަރެން ކިޔަން ފެށިން ފޮތެއް، އެއީ މިރަކުލްސް އޮފް ޤުރުއާން ( ޤުރުއާނުގެ މުޢުޖިޒާތްތައް) ނަމަކަށް ކިޔާ ފޮތެއް. އެފޮތް ކިޔަން ފެށުމުން އަހަރެންނަށް އެ ފޮތް ކިއުން ހުއްޓައެއް ނުލެވުނު. ކުރިން އަހަރެންނަށް އެނގެނީ އިސްލާމްދީނުގައި ހަރާމްކަންމާއި ޙަލާލު ކަންކަމާއި މިކަހަލަ ކަންތައްތައް. ނަމަވެސް އެފޮތް ކިއުމުން އަހަރެންނަށް ޔަގީންވި އެފޮތަކީ ( ކީރިތި ޤުރުއާނަކީ) އެހެން އެއްވެސް ފަރާތެއްގެ ބަސްތަކެއް ނޫން ކަމާއި ﷲގެ ވަހީބަސްފުޅުކަން،" ސެރެންޓޯނިއޯ ވިދާޅުވެފައި ވެއެވެ.
އެހިސާބުން އޭނާ ޝަހާދަތުގެ ދެކަލިމަ ވިދާޅުވެ އިސްލާމްވެވަޑައިގެންނެވިއެވެ.