ރިޕޯޓް

ގޮމަ ގްރޫޕްގެ ރަނި ކަމަނާ!

ދިވެހި ސަގާފީ ލަވައަށް ނަށާލައި ދިވެހި އަންހެނުންގެ ކިބައިގައި ހުރި ނެށުމުގެ ހުނަރު ބޭރުގެ ބަޔަކަށް ދައްކާލަން ބޭނުންވެއްޖެނަމަ އެންމެ ފުރަތަމަވެސް އޮންނާނެ ނަމަކީ "ގޮމަ" އެވެ. އެ ގްރޫޕްގެ ވާހަކަ އެވެ. ނަށާ އެހެން ގްރޫޕްތައް ހެން އުފެދި ދެތިން އަހަރެއް ފަހުން ވުޖޫދުން ނެތިގެން ނުގޮސް މިއަދާ ހަމައަށް ރާއްޖޭގައި "ނާށަލަ ނަށާލައި" ގޮމަ އެބައޮތެވެ. އެއީ ލައްކަ މަސައްކަތް ނޫން ހެއްޔެވެ؟

ގޮމަ ގްރޫޕް އުފައްދައި ދެގޮތެއް ނުވެ ގްރޫޕް ހިންގުމުގެ މުގުލުގައި ހުރީ އައިޝަތު ޝިމްލާ އެވެ. އޭނާއަކީ ގޮމައިގެ ރަނިކަމަނާއެވެ. ޝިމްލާ ވެސް ސްކޫލް ދައުރުގައި ގަދަޔަށް ނަށައި ހެދި އެވެ. ނަމަވެސް ސްކޫލް ނިންމާލާފައި ނަށާ ގްރޫޕެއް އުފައްދައިގެން ނެށުމުގެ ދާއިރާ ތަރައްގީ ކުރަން އޭނާގެ އޭރު ވިސްނުން ގެންގުޅެފައެއް ނުވެއެވެ. ގޮމައަކީ އިއްތިފާގަކުން އުފެދިގެން އައި ގްރޫޕެެކެވެ.

ނަވާރަސަތޭކަ ނުވަދަހި ހަތް ވަނަ އަހަރު ޝިމްލާގެ ރަހުމަތްތެރިއަކު، އޭނާ މަސައްކަތް ކުރާ އޮފީހުން ރާއްޖެއިން ބޭރުގެ ބަޔަކަށް ދޭން އުޅުނު ޝޯއެއްގައި ދިވެހި ސަގާފީ ނެށުންތަކެއް ދައްކާލަން ބޭނުން ވިއެވެ. އޭނާ އެދުނީ ޝިމްލާގެ އެހީއަށެވެ. އެހެންވެ ރައްޓެހި އަންހެން ކުދިން ކޮޅެއް އެއްކޮށްލައި ގްރޫޕެއް ގޮތަށް މަސައްކަތް ފަށައިގަތް ތަނާ ކަންދިމާ ކުރި ގޮތުން އެ ޝޯ ކެންސަލްވީ އެވެ.

ޝިމްލާ ބުނި ގޮތުގައި އޭރު ހުރީ ޕްރެކްޓިސް ކޮށް ކޮސްޓިއުމް ވެސް ފަހާފަ އެވެ. އެހެންވެ ކުރެވުނު އެ މަސައްކަތް ބޭކާރުކޮށް ނުލާންވެގެން އެ ގްރޫޕްގެ ނަމަކަށް "ރަނި" ގްރޫޕް ހެދީ އެވެ. އަދި ރިސޯޓުތަކުގައި ޝޯ ދޭން ފެށީ އެވެ. އެންމެ ފުރަތަމަ "ރަނި" ގްރޫޕުގެ ނަމުގައި ފެށުމަށް ފަހު ތަންކޮޅެއް ފަހުން ނަން ގޮމައަށް ބަދަލުވީ އެވެ.

"ރިސޯޓަށް ގޮސް ޝޯ ދީފައި ފުރަތަމަ މަޖަލަކަށް ފެށީ، އެކަމަކު ޑިމާންޑް ބޮޑުވީމަ ދާއިމީކޮށް މި ކަން ކުރަން ފެށީ،" ޝިމްލާ ބުންޏެވެ.

އެންމެ ފުރަަތަމަ ޝޯ ދޭން ފެށިއިރު ގޮމަ ގްރޫޕުން ނަށަށައިދިނީ ހަމައެކަނި ސަގާފީ ލަވަތަކާށް ސަގާފީ ނެށުން ތަކެވެ. ނަމަވެސް ދިވެހިންނަށް ޝޯތައް ދޭން ފެށިފަހުން ހިންދީ، އިނގިރޭސި އަދި ދިވެހި ލަވަތަކަށް ވެސް ނަށަ އެެވެ. ގްރޫޕް ފުޅާވެގެން ގޮސް އީދު ޝޯ ތަކާއި ހިތާނީ ޝޯތައް ވެސް ދޭން ފެށި އެވެ. ރިސޯޓްތަކާއި ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލް ކުރާ ފެއާތަކުގައި ވެސް އެތައް އެތައް ޝޯއެއް ދީފި އެވެ. ރާއްޖެއިން ބޭރުގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް ގޮމަ މިހާރު މަޝްހޫރެވެ.

އެންމެ ފުރަތަމަ ގްރޫޕް އުފެއްދިއިރު ނަށަން 10 ވަރަކަށް ކުދިން ތިއްބެވެ. އެއީ ހައްތާވެސް ޝިމްލާގެ ރައްޓެހި ރަހުމަތްތެރި ކުދިންނެވެ. އެހެން ނަމަވެސް ކައިވެނިކޮށް ދިރިއުޅުމެއް ފަށާ ހިސާބުން ނުވަތަ ސީރިއަސް ރިލޭޝަނަކަށް ދިއުމުން ނެށުން ހުއްޓާލަން މަޖުބޫރުވެ ކުދިން މަދުވަމުން ގޮސް އަނެއްކާ އާ ކުދިން ނަގަނީ އެވެ. މިހާތަނަށް ފަންސާހަކަށް ކުދިން ގޮމަ ގްރޫޕްގައި ޝޯތައް ދީފައި ވެއެވެ.

ފިލްމީ ދާއިރާގައި ވެސް ހަރަކާތްތެރިވި އަދި މިހާރުވެސް ހަރަކާތްތެރިވާ އެންމެ ކުޅަދާނަ ނެށުންތެރިންގެ ތެރޭގައި ގޮމަ ގްރޫޕްގެ ތެރެއިން ތަމްރީނު ވެގެން ނުކުތް މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ކުރީގެ ފިލްމީ ތަރި މަރިޔަމް ނިޝާ އަދި ފާތިމަތު ފަރީލާ ހިމެނެ އެވެ. އެނޫން ވެސް ބައެއް ކުދިން ގޮމައިގެ ތެރެއިން ފިލްމީ ދާއިރާއަށް ނުކުމެފައިވެއެވެ.

މި ގްރޫޕް މިއަށްވުރެ ފުޅާ ކުރަން ވެސް ޝިމްލާ ބޭނުންވެ އެވެ. އެކަމަށް ވަރަށް ގިނަ ހިޔާލުތައް އޭނާ ކުރެއެވެ. ނަމަވެސް ގިނަ ގޮންޖެހުންތަކެއްގައި ޖެހިފައި އަދި އޮތީ އެވެ.

"އެ ޕްލޭންތަކަށް އަދި އަމަލީ ސިފަ އައިސް ގްރޫޕް ވަރަށް ބޮޑަށް ފުޅާވާނެ،" އޭނާ ބުންޏެވެ.