ލޯބީގެ ގޮތުން ދެހިތެއް އެކުގައި ފަށާ ދަތުރު ކައިވެންޏަށް ބަދަލުވި ނަމަވެސް "ދޭ ލިވް ހެޕިލީ އެވަ އާފްޓާ" އަކަށް ނުވެވެ އެވެ. ފުރާވަރަށް އަރައިގެން އަންނަ އިރު އާންމުކޮށް ވިސްނިފައި އޮންނަނީ ކައިވެނި ކުުރުމުން ހުރިހާ ކަމެއް ހައްލުވެ ދިިރިއުޅުން ފުރިހަމަވީ ކަމަށެވެ. ކަނޑުގެ ގަދަ ރާޅުތައް ތަޖުރިބާ މި ކުރެވެނީ ކައިވެންޏަށް ފަހުގަ އެެވެ.
އެ ކަނޑުގެ ރާޅުތަކަކީ އޭގެ ޒާތުގައިވެސް ބޮޑެތި އަދި ބިޔަ ރާޅުތަކަށްވާއިރު ރާޅުތަކުން ސަލާމަތްވެގެން ކުރިއަށް ދިއުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. ހާއްސަކޮށް ފިރިމީހާ މާބޮޑަށް މުށު ތެރެއަށް ލައިގެން ގެންގުޅެން އަނބިމީހާ ބޭނުންވެއްޖެ ނަމަ އެވެ. މިއީ އާންމުކޮށް ދިމާވާ މައްސަލަ އެކެވެ. ހައްތަހާވެސް ފިރި މީހާ ބޭވަފާތެރިވެ އެހެން އަންހެން ކުއްޖަކާ ދިމާ ބަލައިލާ ފާނެތީ މާބޮޑަށް ވިސްނެނީ އެވެ. ފޯނުވެސް ޗެކުކޮށް ގިނަ ގިނައިން ސުވާލު ކުރެވެނީ އެވެ.
އެ ކަންތައްތަކަކީ އެހެން އަންހެނުންނަށް ފިރިމީހާގެ ޝައުގުވެރިކަން ދަމައިގަންނާނެ ކަންތައްތައް ކަން ހަނދާނުގައި ބަހައްޓަން ވާނެ އެވެ. އޭގެ އިތުރުންވެސް ފިރިން ބޭވަފާތެރިވެ އެހެން އަންހެނުން ކައިިރއަށް ދާން މެދުވެރިވާ ސަބަބުތައް އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަކަށް ދެމަފިރިން ދެމެދުގައި އަންޑަސްޓޭންޑިން އޮންނަން ޖެހޭ މިންވަރަށް ނެތުމެވެ. އެކަމުގެ ސަބަބުން ބައެއް ފަހަރަށް ފިރިމީހާއަށް އެކަނިވެރިކަން އިހުސާސްވެ އެވެ. ބޭނުންވާ ސަޕޯޓު އަނބި މީހާގެ ފަރާތުން ނުލިބުމަކީ އެހެން އަންހެނަކާ ދިމާލަށް ދެވޭ އެއް ސަބަބެވެ.
މިއީ ބައެއް އަންހެނުންނަށް ދިމާވާ މައްސަލަ އެކެވެ. ވަޒީފާ އާއި ގޭގެ ކަންތައްތައް އަދި އަމިއްލަ އެހެނިހެން ކަންތައްތަކުން ޝެޑިއުލް އޮންނަނީ ބިޒީ ވެފަ އެވެ. ފިިރިމީހާ އާ އަނގައިން ބުނެވޭ ވަގުތަކަށް ވަނީ ރޭގަނޑު ނިދަން އޮށޯތުމަށްފަހުގަ އެވެ. އެވަގުތުކޮޅުވެސް ގިނަ ފަހަރަށް ނުލިބެ އެވެ. ބުރަ ދުވަހެއް ކަމުން ވެފައި ހުންނަ ވަރުބަލިން ވަރަށް އަވަހަށް ނިދެ އެވެ. ވަގުތު ނުދެވޭނަމަ ފިރިހެނުންވެސް ނިކަން ފަސޭހައިން އެހެން ދިމާލަކަށް ހިނގައިދާނެ އެވެ.
ބައެއް ފަހަރަށް ފިރިމީހާ އާ ދޭތެރޭ ހިންހަމަ ނުޖެހެނީ އެވެ. މިފަދަ ގުޅުމެއް ކުރިއަށް ގެންދިއުމަކީ އުނދަގޫކަމެއްކަން ދަންނަންވާނެ އެވެ. ހުރިހާ ދުވަހަކު ހުރިހާ އުފަލެއް ނުލިބޭނެ އެވެ. ތިބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ވާނެ ދުވަހެއްވެސް އަންނާނެ އެވެ. އިންތިޒާރުކޮށްލާށެވެ.
ދޮގު ހެދުން ހުއްޓާލާށެވެ. ދިރިއުޅުމުގައި އެއްވެސް ކަމަކާއި ބެހޭގޮތުން އަދި އަމިއްލަ ކަމަކާއި ބެހޭގޮތުންވެސް ދޮގެއް ނަހަދާށެވެ. ދޮގުހެދުމަކީ ވަރަށް ފަސޭހައިން އިތުބާރު ގެއްލޭ ކަމެކެވެ. އިތުބާރާއު ނުލައި ގުޅުމެއް ކުރިއަށް ނުދެންދެވޭނެ ނޫން ހެއްޔެވެ؟
ފައިސާއަށް ވަރަށް ބޮޑަށް ރައްކާތެރިވާން ވާނެ އެވެ. ހާއްސަކޮށް ތިއީ ވަޒީފާއަށް ނުދާ އަންހެން ކުއްޖެއް ނަމަ އެވެ. ދިރިއުޅުން ބިނާެފައި އޮންނާނީ ފިރިމީހާއަށް ލިބޭ އާމްދަނީއަށް އެކަންޏެވެ. އެހެންވީމަ ބޭކާރު ހަރަދުކޮށް ކޮންމެހެން މުހިންމު ނޫން އެއްޗެހި ނުގަންނާށެވެ. ގޭގައި ހުރެގެންވެސް އާމްދަނީ ހޯދަން ކޮންމެވެސް މަސައްކަތެއް ކުރެވިދާނެ އެވެ. ފައިސާގެ ގޮތުން ކޮންމެވެސް އެހީއެއް ފިރިމީހާއަށް ވެދިނުމަކީ ލޯބި އިތުރުވާނެ ކަމެއް ކަމަށްވެ އެވެ.
އަބަދުވެސް ދިރިއުޅުމަށް އެންމެ ރަނގަޅު ޑިސިޝަންތައް ނަގަންވާނެ އެވެ. އެންމެ ރަނގަޅު ނިންމުންތައް ދިރިއުޅުމުގައި ނުނިމި ގޭތެރޭގެ ކަންތައްތައް ބޮއްސުން ލައިގެން ދާނަމަ ކަންތައްތައް ވަރަށް ގޯސްވާނެ އެވެ. ފިރިމީހާ އެހެން ގޮތެއް ހޯދަފާނެ އެވެ.
މިހާރު ތިހެދެނީ ކޮން ގޯހެއްކަން ބަލާފައި އަވަހަށް އެކަން ހައްލުކުރަން ތިމާގެ ފަރާތުން މަސައްކަތް ފަށާށެވެ. އަދިވެސް މައްސަލަ ހައްލުކޮށް ދިރިއުޅުން ބަދަލުކޮށްލުމުގެ ފުރުސަތު އެބަ އޮތެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. "ދޭ ލިވް ހެޕިލީ އެވަ އާފްޓާ" އަކަށް ދިރިއުޅުން ބަދަލުކޮށްލެވިދާނެ އެވެ.