ބޭރު ކުޅިވަރު

ޗެމްޕިއަންސް ލީގުގައި ބުފޯންއަށް އަނެއްކާ ވެސް ހިތްދަތިކަން

Jun 4, 2017

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރޭ ރެއާލް މެޑްރިޑް އަތުން 4-1 އިން ޔުވެންޓަސް ބަލިވިއިރު، އެ ނަތީޖާގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ކުޅުންތެރިޔަކީ ޔުވެންޓަސްގެ ގޯލްކީޕަރު އަދި ކެޕްޓަން ޖިއާލުއީޖީ ބުފޯން އެވެ. މިއީ އުމުރުން 39 އަހަރުގެ ބުފޯން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ތިން ވަނަ ފަހަރެވެ. ޔުވެންޓަސް އާއި އިޓަލީގެ ގައުމީ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް، ބުފޯން އަށް ނުލިބި އޮތް މުހިންމު އެއް ތައްޓަކީ ޗެމްޕިއަންސް ލީގެވެ. މިހާރު ވެސް "ލެޖެންޑެއް" ގެ މަގާމު ހޯދާފައިވާ ބުފޯން އަށް ޗެމްޕިއަންސް ލީގުގެ މެޑައްޔެއް ނެތި ކެރިއަރު ނިންމާލަން ޖެހުމުގެ ފުރުސަތު މިހާރު ބޮޑެވެ.

ރޭގެ ފައިނަލަށް ބުފޯން ނުކުތީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާގެ ރެކޯޑް ހޯދުމުގެ އުންމީދުގަ އެވެ. އެކަމަކު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަސިމޭރޯ އަދި މާކޯ އަސެންސިއޯގެ ލަނޑުތަކާއެކު، ރެއާލް އިން ވަނީ ޔުވެންޓަސްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ފައިނަލަށް ޔުވެންޓަސް ދަތުރު ކުރިއިރު، މުބާރާތުގައި ކުޅުނު 12 މެޗުން އެ ޓީމް ކޮޅަށް ވަނީ އެންމެ ތިން ލަނޑެވެ. ވަރުގަދަ ޑިފެންސެއް އޮތް ޔުވެންޓަސް ކޮޅަށް ރެއާލް އިން ހަތަރު ލަނޑު ޖެހުމަކީ ޔުވެންޓަސް އަށް ކުރިމަތިި ލަދެކެވެ.

ޔުވެންޓަސްގެ ކެޕްޓަން ބުފޯން އަށް ރޭގެ މެޗުގެ ނަތީޖާ ސަބަބުން ކުރި އަސަރު، މެޗަށް ފަހު އެނާގެ މޫނުމަތިން ފެނުނެވެ. ޔުވެންޓަސްގެ ޓީމު ލީޑު ކުރާ ބުފޯން ވަނީ 2003 އަދި 2015 ވަނަ އަހަރު ވެސް ޔުވެންޓަސްއާއެކު ޗެމްޕިއަންސް ލީގު ފައިނަލް އިން ބަލިވިމުގެ ހިތި ނަތީޖާއާ ކުރިމަތިލައިފަ އެވެ.

"މިއީ ވަރަށް ބޮޑު ދެރައެއް،" މެޗަށް ފަހު ބުފޯން ބުންޏެވެ. "އަހަރެމެން މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވިން. ހީކުރީ އަހަރެމެންނަށް މި ފަހަރު ތަށި ލިބޭނެކަމަށް. ފުރަތަމަ ހާފުގައި އަހަރަމެން ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު ދެވަނަ ހާފުގައި ރެއާލް އިން ތަފާތު ދެއްކީ."

ޔުވެންޓަސްއާއެކު ބުފޯން ހަދާފައިވާ ކޮންޓުރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ. ގޯލުގައި ބުފޯން ދަނީ އަދިވެސް ތަފާތު ދައްކަމުންނެވެ. އެކަމަކު އުމުރުން 40 އަހަރާ ކުރިމަތިލާއިރު، ބުފޯން ކޮންޓުރެކްޓް އާކުރާނެކަމާމެދު އޮތީ ސުވާލު އުފެދިފަ އެވެ. ޗެމްޕިއަންސް ލީގުގެ މެޑައްޔެއް ނެތި ބުފޯން ކެރިއަރު ނިންމާލަން ޖެހިއްޖެ ނަމަ، އެއީ ހަމައެކަނި އޭނާ އަށް ލިބޭނެ ހިތާމައެއް ނޫނެވެ. އެއީ ފުޓްބޯޅަ އަށް ލޯބިކުރާ ކޮންމެ މީހަކަށް ލިބޭނެ ދެރައެކެވެ.