ބޭރު ކުޅިވަރު

މިއީ ރެއާލަށް ހައްގު ކާމިޔާބެއް: ޒިދާން

Jun 4, 2017

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރޭ ޔުވެންޓަސް އަތުން 4-1 އިން މޮޅުވެ، ރެއާލް މެޑްރިޑް 12 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލިއިރު، މިއީ އެ ޓީމަށް ހައްގު ކާމިޔާބީއެއް ކަމަށް ރެއާލްގެ ކޯޗު ޒިނެދީން ޒިދާން ބުނެފި އެވެ.

ބާރަ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ރެއާލް އިން ވަނީ އަނެއްކާ ވެސް ޗެމްޕިއަންސް ލީގުގެ ތާރީހުން ހާއްސަ ޖާގައެއް ހޯދައިފަ އެވެ. މިއީ ރީ ބްރޭންޑްކޮށް، ޒަމާނީ ފޯމެޓައް ޗެމްޕިއަންސް ލީގު 1992 ވަނަ އަހަރު ކުޅެން ފެށި ފަހުން، މި މުބާރާތުގެ ތަށި ޖެހިޖެހިގެން ދެ ފަހަރު ޓީމަކުން ހޯދި ފުރަތަމަ ފަހަރެވެ.

ރެއާލް އަކީ މީގެ ކުރިން ވެސް ޗެމްޕިއަންސް ލީގުގެ ތާރީހުން އެތައް ފަހަރަކު ޖާގަ ހޯދައިފައިވާ ކްލަބެކެވެ. ބާރަ ތައްޓާއެކު، ޗެމްޕިއަންސް ލީގުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ފަހަރު މުބާރާތުގެ ތަށި ކާމިޔާބު ކޮށްފައިވަނީ ރެއާލެވެ.

މިއީ 1958 ވަނަ އަހަރުގެ ފަހުން ރެއާލް އިން އެއް ސީޒަނެއްގައި ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ތަށި އުފުލާލި ފުރަތަމަ ފަހަރެވެ.

މެޗަށް ފަހު ޒިދާން ބުނީ ރެއާލަށް ރޭގެ ފައިނަލްގައި ލިބުނީ ހައްގު ކާމިޔާބެއް ކަމަށެވެ.

"ހަމަ ޔަގީނުން ވެސް މި ޓީމުން މި ހޯދީ ވަރަށް ތާރީހީ ނަތީޖާއެއް،" ކުޅުންތެރިޔެއްގެ ގޮތުގައި 2002 ވަނަ އަހަރު ރެއާލްއާއެކު މި މުބާރާތް ކާމިޔާބުކުރި ޒިދާން ބުންޏެވެ. "މިއީ މެޑްރިޑްގެ ކުޅުންތެރިންނާއި ކޯޗުންނާއި މެނޭޖްމަންޓް އަދި ސަޕޯޓަރުންނަށް ވަރަށް ތާރީހީ ދުވަހެއް. މި ކާމިޔާބު އަހަރެމެންނަށް ހައްގު. މި ކާމިޔާބު ހޯދުމަށް އަހަރަމެން ވަރަށް ބުރަ މަސައްކަތެއް ކުރިން."

ޒިދާން ބުނީ މި ކާމިޔާބާއެކު، އަންނަ ސީޒަންގައި ވެސް ރެއާލްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.

"ދެން އަހަރެމެން ވިސްނާނީ އަންނަ އަހަރަށް. އަހަރެން މި ކްލަބާއެކު ހެދި ކޮންޓުރެކްޓްގައި ބާކީ އެއް އަހަރު އެބައޮތް. މި ހިސާބުން އަހަރެމެން އަންނަ ސީޒަނަށް ތައްޔާރުވާން ފަށާނީ،" ޒިދާން ބުންޏެވެ.