ބޮލީވުޑް

ރިތިކް ރޯޝަން ދަރިންނާ އެކު ރާއްޖޭގައި ނެގި ދެތިން ފޮޓޯ!

Apr 9, 2015

ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަން މިދިޔަ މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރި އިރު ނަގާފައިވާ ބައެއް ފޮޓޯތައް އޭނާ ޓްވިޓާގައި އާންމުކޮށްފި އެވެ.

ރިތިކްގެ ދެ ދަރިން ކަމަށްވާ ރިހާން އާއި ރިދާންގެ އިތުރުން މަންމަ ޕިންކީ އާއި ދައްތަ ސުނޭނާ ވެސް ބައިވެރިވި ދަތުރުގައި ރިތިކް އޭނާގެ ދެ ދަރިންނާ އެކު ޖެޓް ސްކީ ދުއްވާ ފޮޓޯއަކާއި ކެނޯ ދުއްވާ ފޮޓޯއެއް ވެސް އާންމުކޮށްފައިވެ އެވެ.

ޖެޓް ސްކީ ދުއްވާ ފޮޓޯއާ އެކު ރިތިކް ކުރި ޓްވީޓްގައި ބުނެފައި ވަނީ ދިރިއުޅުމުގައި ބާރަށް ކުރިއަށް ދިއުމުގެ ކުރިން ބެލެންސްކުރަން ދަސްކުރަން ޖެހޭނެ އެވެ. ކެނޯ ދުއްވާ ފޮޓޯގައި ބުނެފައި ވަނީ އަހަރެމެންނަކީ ޓޫރިސްޓުން ނޫން ކަމަށާއި ދަތުރުވެރިން ކަމަށެވެ.

ޖުމެއިރާ ވިޓަވެލީގައި ޗުއްޓީ ހޭދަކުރި އިރު އެ ރިސޯޓްގެ ބައެއް މުވައްޒަފުންނާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް، އާންމުކުރި ފޮޓޯތަކުގެ ތެރޭގައި ހިމެނެ އެވެ. ރިތިކް ވަނީ އަދާކުރި މެހްމާންދާރީ އަށް ޝުކުރު އަދާކޮށްފަ އެވެ.

މީގެ ކުރިންވެސް ރިތިކް ވަނީ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އަދި 2010 ވަނަ އަހަރު ނިކުތް، ރިތިކް އާއި ބާބަރާ މޯރީ ލީޑް ރޯލުން ފެނިގެންދިޔަ "ކައިޓްސް"ގެ މަންޒަރުތަކެއް ވެސް ވަނީ ރާއްޖޭގައި ނަގާފަ އެވެ.