ކުޅިވަރު

އިތުރުވި ކުޅުންތެރިންނާއެކު ޓީމުގެ ބުރަދަން އިތުރުވެއްޖެ: ކޯޗު

މިފަހަރު ސްކޮޑަށް އިތުރުވި ކުޅުންތެރިންނާއެކު، ޓީމުގެ ކޮލީޓީގެ ބުރަދަން މިހާރު އިތުރުވެފައިވާ ކަމަށް، ގައުމި ޓީމުގެ ކޯޗް، ޑަރެން ސްޓްވާޓް ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި، ބުޓާނާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗާއި، އެ މެޗަށް ތައްޔަރުވުމުގެ ގޮތުން، އަފުގާނިސްތާނާ ދެކޮޅަށް، ކުޅޭން އެކުލަވާލި ސްކޮޑުން، ގައުމީ ކޯޗް ވަނީ މެދުކެނޑުމަކަށްފަހު، ނިއުރޭޑިއަންޓްގެ އަކުރަމް އަބްދުލް ގަނީ އާއި ގްރީންސްޓްރިޓްގެ ސްޓައިކަރު އަހްމަދު ރަޝީދު (އަންމަޑޭ) އަށް ޓީމުން ފުރުސަތު ދީފަ އެވެ.

އަފުގާނިސްތާނާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް، އަރަބި އެމިރޭޓްސް ދުބާއީއަށް ފުރުމުގެ ކުރިން މީޑިއާތަކާ ވާހަކަ ދައްކަމުން، ސްޓްވާޓް ބުނީ އަކުރަމް އާއި އަންމަޑޭ ވެސް ސްކޮޑުގައި ހިމެނުނީ އެ ކުޅުންތެރިންގެ މަސައްކަތުން ކަމަށެވެ.

"ފަލަސްތީން ގޭމުން ފެށިގެން އަހަރެން ބުނިން އަކުރަމް ކައިރީގައި އޭނާގެ ކުޅުން ވަރަށް ފުރިހަމަ ކަމަށް، އޭނާ ޓީމަށް ނެގީ އޭނާ އަމިއްލައަށް އޭނާ ކުރި މަސައްކަތުން، އަހަންނަށް ހީވަނީ އޭނާ އަކީ މެޗުގައިވެސް ކީ ކުޅުންތެރިންގެ ތެރިންގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިޔަކަށް ވާނެހެން، އޭނާގެ ލީޑާޝިޕްވެސް ވަރަށް ރަނގަޅު، އަދި އޭނާ ހުރީ ޓީމާއެކު، މަސައްކަތް ކުރަން ލިބުމުން ވަރަށް ހިތްހަމަޖެހިފައި،" އަކުރަމްއާ ބެހޭގޮތުން، ސްޓްވާޓް ބުންޏެވެ.

މީގެ ކުރިން، ގައުމީ ޓީމުގައި އަކުރަމް އެންމެ ފަހުން، ހިމަނާފައި ވަނީ، 2015 ވަނަ އަހަރު، ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް އެކުލަވާލި ޓީމުންނެވެ. އޭރު މެލޭޝިއާގެ ޕީޑީއާރްއެމްއަށް ކުޅެމުން ދިޔަ، ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އަށް، ކުލަބަށް ވަގުތު ދިނުމުގެ ގޮތުން، އޭނާ ގައުމީ ޓީމުގައި ނުހިމަނައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދިޔަ ޓީމުގެ ކެޕްޓަންކަން ކުރީވެސް އަކޫ އެވެ.

ކޯޗް ބުނީ އަހްމަދު ރަޝީދު ޓީމަށް ނެގީ، ސްޓައިކަރެއްގެ ރޯލުގައި އޭނާ ދައްކަމުންދާ މޮޅުކުޅުމުން، ކަމަށެވެ. އަދި މިހާރު ޓީމުގައި ތިބި ސްޓައިކަރުންނަށް ނުކުޅެވޭ ހާލަތެއް އަތުވެއްޖެނަމަ އޭނާގެ ދައުރު ބޮޑުވާނެ ކަމަށް ސްޓްވާޓް ފާހަގަ ކުރި އެވެ.

"އޭނާ [އަންމަޑޭ] އަކީ ވަރަށް ހަލުވި ކުޅުންތެރިޔެއް، އޭނާ ޓްރެއިނިންގައި ކުރާ މަސައްކަތް ފެނިފައި އަހަރެން ވަރަށް ހިތްހަމަޖެހޭ، ހުރަސްތަކުން އަންނަ ބޯޅަތަކުގައި އޭނާ ވަރަށް ހުޝިޔާރު، ބޯޅަ ލިބޭ ކޮންމެ ވަގުތަކު އޭނާ ހުންނާނީ ޕެނަލްޓީ އޭރިއާގައި، އަސައްކޮ [އަސަދުﷲ އަބްދުﷲ]އަށް ނުކުޅެވޭ ހާލަތެއްގައި އަންމަޑޭގެ ދައުރު ވަރަށް ބޮޑުވާނެ،" ކޯޗް ބުންޏެވެ.

މީގެކުރިން، އަންމަޑޭއަށް ގައުމީ ޓީމުން ފުރުސަތު ދީފައި ވަނީ، މީގެ ތިން އަހަރު ކުރިން ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގަ އެވެ. ނަމަވެސް، އެ ފަހަރުގެ ސްކޮޑަށް، އޭނާ ނެގި ނަމަވެސް، މުބާރާތަށް ނެގި، ފައިނަލު ސްކޮޑުން އޭނާ އަށް ފުރުސަތެއް ނުލިބެ އެވެ.

ވިކްޓަރީގެ ޑިފެންސިވް މިޑްފީލްޑާ މުހައްމަދު އާރިފް (ބަކާ) އަށް ފުރުސަތު ނުދިނުމުން، ޓީމުގެ ސިލެކްޝަނާ މެދު ވަނީ ފަޑުކިޔުންތައް އަމާޒު ވެފަ އެވެ. ސްޓްވާޓް ބުނީ ރާއްޖޭގެ އެއްވެސް ކުޅުންތެރިޔަކާ މެދު އޭނާ ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށާއި، ކުޅުންތެރިން ނަގަނީ، ދަނޑުން އޭނާއަށް ފެންނަ ކަންކަމާ މެދު ބެލުމަށް ފަހުގައި ކަމަށެވެ.

އޭނާ އިތުރަށް ސްކޮޑުގައި ކުޅުންތެރިން ހިމެނޭނެ އަދަދު 23 ކުޅުންތެރިންނަށް ގިނަ ނަމަ، އޭނަ ނަގަން ބޭނުންވާ ކިތަންމެ ކުޅުންތެރިޔެއް އަދިވެސް އެބަތިބި ކަމަށާއި ނަމަވެސް ވަކި އަދަދަކަށް ހިމަނަން ޖެހޭތި އެހުރިހާ ކުޅުންތެރިން ހިމެނޭނެ ގޮތެއް ނެތް ކަމަށެވެ.

ރާއްޖެއިން އަފްގާނިސްތާނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. ބޫޓާނާ ދެކޮޅަށް މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.