ރޯދަ މަހާ ރޯއްޖާ

މަންމައަށް ދެ މުށް ފޮތި، ބައްޕައަކަށް ނެތް!

ދަރިފުޅުގެ މުސްތަގުބަލް މައިންބަފައިންނަށް މުހިންމުވެ އެވެ. އެހެންވެ އަބަދުވެސް ދަރިން ފޮނުވާލެވެނީ މާލެއަށެވެ. މަންމައާއި ބައްޕަ ރަށުގަ އެވެ. އެއީ ދެމަފިރިންގެ ނިންމުމެކެވެ. މާލެއަށް ފޮނުވާ ދަރިފުޅު އެނބުރި ރަށަށް ދާކަށް ބޭނުމެއް ނުވެ އެވެ. މާލޭ ފެނަށް ދިރުމުން ރަށުގައި މަންމަ އާއި ބައްޕަ ހުރުން ފިޔަވައި މާ ބޮޑު ހާއްސަ ކަމެއް ރަށަކަށް ނޯވެ އެވެ.

ކޮންމެ މީހަކު ވެސް ވަޒީފާއެއް ހޯދައިގެން ދިރިއުޅުން ފައްކާ ކުރަނީ މާލެއަށެވެ. ބަލަނީ ވެސް މާލޭ މީހަކާ އިނދެވޭތޯ އެވެ. މާލޭގައި އެންމެ ފުރަތަމަ ވަޒީފާއަށް ގޮސް މުސާރަ ލިބޭ ދުވަހު މަންމައަށް ހަދިޔާ ފޮނުވައިދޭނެ އެވެ. އެންމެ ފުރަތަމަވެސް ގަންނަން ބޭނުންވީ މަންމައަށް ހަދިޔާ އެކެވެ. ބައްޕައަށް ގަންނާނެ އެއްޗެއް އެ ދުވަހަކު ނޭނގޭނެ އެވެ.

ފޮތި ފިހާރައަކަށް ވަދެ މަންމައަށް ހެދުން ފަހަން ފޮތި ގަނޑެއް ވަރަށް ގިނައިން ގަނެވޭނެ އެވެ. އިތުރަށް ގަނެވެނީ ރަށުގައި ތިބި ކޮއްކޮމެންނަށް ކަމުދާނެ ކަހަލަ ކޮންމެވެސް އެއްޗެކެވެ. ކިތަންމެ ގިނައިން އެއްޗެހި ފޮނުވި ނަމަވެސް ބައްޕައަށް ހާއްސަކޮށް އެއްވެސް އެއްޗެއް ނުފޮނުވެ އެވެ. އެކަން އިހުސާސެއްވެސް ނުކުރެވެ އެވެ. ބައްޕަ ވެސް ޝަކުވާއެއް ނޯންނާނެ އެވެ.

އީދަށް ހަދިޔާ ގަންނަ އިރުވެސް މަންމައަށް ފޮތިގަނޑެކެވެ. ފައިވާނެކެވެ. އެހެން ނޫނީ ބުރުގާއެކެވެ. އެއްފަހަރުވެސް ބައްޕަމަތިން ހަނދާނެއް ނުވެއެވެ. ރޯދައަށްވެސް މަންމަ އަށް އާ ފޮތިގަނޑެއް ފޮނުވިން ދޯ އެވެ.

މިއީ ކަން ހިނގާ ގޮތެވެ. މައިންބަފައިންނަށް ހަދިޔާއެއް ގެންނަން ވިސްނައިގެން ހަދިޔާގެ ގޮތުގައި މަންމައަށް ދެވެނީ ހަތަރު މުށް ފޮއްޗެވެ. ބައްޕައަށް ގިނަ ފަހަރަށް ނޫނީ އެއްވެސް ގޮތަކަށް އެއްޗެއް ނުދެވެ އެވެ. ބައެއް ފަހަރު ގަމީހެއް ގަނެދީފާނެ ފައިވާނެއް ދީފާނެ އެވެ. އެވެސް އެފަހަރު ސައިޒު ދިމައެއް ނުވާނެއެވެ. ދެން ފަހަރަކުން ސައިޒު ދިމާވެދާނެތީ ނުގަންނާނެ އެވެ. ރާއްޖެއިން ބޭރަށް ގޮސްފައި އަންނައިރުވެސް އާންމުކޮށް ހުރިހާ ފަހަރަކު ހަދިޔާ ގެނެވޭނީ އެ ގޮތަށެވެ. ބައްޕައަށް ހަދިޔާއެއް ލިބެނީ "މިފަހަރު ބައްޕައަށް ގަޑިއެއް ގެނެސްދޭށޭ" އަމިއްލައަށް އިސްވެ ބުނިއްޔާ އެވެ.

މި އާދަ ހިނގާތާ ވަރަށް ޒަމާން ވެއްޖެ އެވެ. ހަދިޔާއެކޭ ބުނާ ކޮންމެ ފަހަރަކު މަންމައަށް ފޮތިގަނޑެއް ގަންނަން ހިތަށް އަންނަނީ ކީއްވެ ހެއްޔެވެ؟ އެ ފޮތިގަނޑުގައި ބައްޕަ ނުހިމެނެނީ ކީއްވެގެން ހެއްޔެވެ؟

"ރަނގަޅު ވާހަކައެއް، ތިހެން ބުނީމަ ފާހަގަވެސް ކުރެވިއްޖެ. މަންމައަށް އަބަދުވެސް ފޮތިގަނޑެއް ގަނެފައި ފޮނުވާލީމަ އެ ނިމުނީ، އީދަށްވެސް، ރާއްޖެއިން ބޭރަށް ގޮސް އަންނަ އިރުވެސް މަންމައަށް ވެއްޖެޔާ ފޮތިގަނޑަކުން ފުދޭ. ނޭނގެ އެހެން ވަނީ ކީއްވެކަމެއްވެސް ބައްޕައަކަށް އެއްޗެއް ނުދެވޭ،" އުމުރުން 31 އަހަރުގެ އަންހެނަކު ބުންޏެވެ.

ފަހަރުގައި އެއީ ބައްޕައަށްވުރެ ގިނައިން މަންމަ ފޯނުކޮށް، ހާލު ބަލާ ހަދާތީ ހެއްޔެވެ؟ ބައްޕައަށް ވުރެ މަންމަ މާބޮޑަށް ލޯބިވަނީ ހެއްޔެވެ؟ ބޮޑުވެގެން އައިއިރު ގިނައިން ހެދުން ގަނެދެނީ މަންމައަށް ވީމަ ހެއްޔެވެ؟

ފޮތިގަނޑެއް ނޫނަސް މަންމައަށް ވެސް ދެވޭނެ ހަދިޔާތައް ބައިވަރެވެ. ރީތިވާ އެއްޗެހިވެސް ގަނެދެވިދާނެ އެވެ. މިހާރުގެ ފޯނެއް ވެސް ހަމަ އެންމެ ރަނގަޅުވާނެ އެވެ. ބަދިގެއަށް ރީތި ތަށި ސެޓެއް ދިނަސް މަންމަ ވަރަށް އުފާވާނެ އެވެ. ހައްތަހާވެސް ދެވިދާނެ ހަދިޔާ އެވެ. އެހެން ނަމަވެސް ފޮތިގަނޑަކުން ނޫނީ ހަމަ ނުނިމެނީ ހެއްޔެވެ؟ އަދި މަންމައާ އެއްވަރަށް ހަދިޔާ ދިނުމުގައި ބައްޕަވެސް ހިމަނަންޖެހެ އެވެ.