ބޭރު ކުޅިވަރު

ގްރީޒްމަން: މިވަގުތު އެތުލެޓިކޯ ދޫކޮށްލުމަކީ "ހަޑި" ކަމެއް

Jun 5, 2017

ފީފާއިން އެތުލެޓިކޯއާ ދެކޮޅަށް އަޅާފައިވާ އަދަބު އިސްތިއުނާފު ނުކުރެވުމުން، މިވަގުތު އެ ކުލަބު ދޫކޮށްލުމަކީ، "ހަޑި ކަމަކަށް" ވާނެ ކަމަށް، އެޓީމުގެ ފޯވަޑް ފްރާންސްގެ އެންޓޯން ގްރީޒްމަން ބުނެފި އެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ޓީމަށް ގެނައުމުގައި، ފީފާގެ ގަވާއިދުތަކާ ހިލާފް ވެފައި ވާތީ، ފީފާއިން ވަނީ އެތުލެޓިކޯ އާ ދެކޮޅަށް އެއް އަހަރު ދުވަސް ވަންދެން، އާ ކުޅުންތެރިޔަކު ނުގެނެވޭ ގޮތަށް، ދޮރު ބަންދުކޮށްލާފަ އެވެ. ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށްވެސް މި އަދަބު ދިނެވެ. ނަމަވެސް، ރެއާލުއިން އިސްތިއުނާފަށް ހުށަހެޅުމުން، ކުޅިވަރުގެ އާބިޓްރޭޝަން ކޯޓުން ވަނީ ރެއާލްއަށް އަޅާފައިވަާ އަދަބު ލުއިކޮށް ދީފަ އެވެ.

ނަމަވެސް، އެތުލެޓިކޯއިން މައްސަލަ ހުށަހެޅުމުން، އެ ކުލަބަށް އިސްތިއުނާފްގެ މައްސަލަ ކަމިޔާބުވާ ގޮތެއް ނުވިއެވެ. އެހެންކަމުން، އެތުލެޓިކޯއަށް ޖެހޭނީ، މިއަހަރު ނިމެންދެން، އިތުރު ކުޅުންތެރިޔަކު ސްކޮޑުގައި ނުހިމަނައި މަޑުކުރާށެވެ.

ކުރިއަށް އޮތް ޓްރާންސްފާ ޕީރިއަޑްގައި ގްރީޒްމަން، މެންޗެސްޓާ ޔުނައިޓެޑަށް، ބަދަލުވާން އުޅޭ ވާހަކަތައް ވަރަށް ބޮޑަށް، ވަނީ ދެކެވިފަ އެވެ. ނަމަވެސް، އެތުލެޓިކޯއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅު ލުއިކޮށް ނުދިންއިރު، އޭނާ އެތުލެޓިކޯ ދޫކޮށްލުމަކީ ހަޑި ކަމަކަމަށް ވާނެ ކަމަށް، އޭނާ ދެކެ އެވެ.

"ކޯޓުގެ ހުކުމް އައިސްފައި އެއޮތީ، އެތުލެޓިކޯއަށް އާ ކުޅުންތެރިން ނުގެނެވޭނެ ކަމަށް، އަހަރެންގެ ކުޅިވަރުގެ އެޑްވައިޒަރު، އެރިކް އޮލްހެޓްސް އާއި އަހަރެން މަޝްވަރާ ކުރުމަށްފަހު، އަހަރެމެން ނިންމީ [އަހަރެން] އެތުލެޓިކޯގައި މަޑު ކުރަން، މިއީ ކުލަބަށް އުނދަގޫ ވަގުތެއް، މިވަގުތު އަހަރެން ޓީމު ދޫކޮށްލައިފިނަމަ އެ ވާނީ ވަރަށް ހަޑި ކަމަކަށް." ފްރާންސްގެ ތީވީ ޗެނަލެއްގައި ވާހަކަ ދައްކަމުން، ގްރީޒްމަން ބުންޏެވެ.