ދުނިޔޭގެ އެންމެ ވާދަވެރި ލީގަކީ، އިނގިރޭސި ވިލާތުގެ، އިނގިރޭސި ޕްރިމިއާ ލީގެވެ. ލީގަށް ދެވޭ މީޑިއާ ކަވަރޭޖާއި، ޕްރަމޮޝަނަލް އިވެންޓްތަކަށާއި ޓީމުތަކުގެ އިންވެސްޓްމެންޓްތައްކަށް ބެލި ނަމަވެސް، އެންމެ އަގު ބޮޑު ލީގެއްގެ ގޮތުގައި އޮތީ، ޕްރިމިއާ ލީގެވެ.
އެ ލީގްގެ ޓީމުތަކަށް ކޯޗް ކޮށްދޭ، ބިދޭސީ ކޯޗުން ފާހަގަ ކުރާ ގޮތުގައި އިނގިރޭސި ލީގަކީ އެންމެ އުނދަގޫ ލީގެވެ. މީގެ ތެރެއިން ޗެމްޕިއަން ޗެލްސީގެ، އިޓަލީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ އާއި މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް، ޕޯޗްގަލްގެ ހޯސޭ މޮރީނިއޯ އާއި މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އަކީ އެހެން ގައުމުތަކުގައި ވެސް ކާމިޔާބު ހޯދާފައިވާ ކޯޗުން ނެވެ. ނަމަވެސް، މިކޯޗުން ވެސް ފާހަގަ ކުރާ ގޮތުގައި، އެ ކޯޗުން މަސައްކަތް ކުރި ލީގްތަކުގެ ތެރެއިން އިނގިރޭސި ލގަކީ އެންމެ ވާދަވެރި ލީގެވެ.
ނަމަވެސް، ސުވާލަކީ، ޔޫރަޕްގެ ފުޓްބޯޅައިގައި، އިނގިރޭސި ކުލަބުތަކަށް ކާމިޔާބުގެ ދޮރު ނުހުޅުވިގެން އުޅެނީ ކީއްވެ ހެއްޔެވެ. ދެހާސް ބާރަ ވަނަ އަހަރު، ޗެލްސީއިން، ޗެމްޕިއަންސް ލިގް ހޯދިފަހުން، އެ މުބާރާތުގެ ފައިނަލާ ހަމަޔަށްވެސް އިނގިރޭސި ޓީމަކަށް ނުދެވެ އެވެ. އިނގިރޭސި ފުޓްބޯޅައިގެ އެކްސްޕާޓެއް ކަމަށްވާ، އަދި އެގައުމުގެ ފުޓްބޯޅަ ލެޖެންޑެއް ކަމަށްވާ، އެލަން ޝިއޭރާ އުންމީދު ކޮށްގެން ހުރީ، އަންނަ ސީޒަންގައި، އިނިގރިރޭސި ޓީމުތަކުން، ޔޫރަޕްގެ ފުޓްބޯޅައިގައި ބޮޑު ނުފޫޒެއް އުފައްދާނެ ކަމަށެވެ. އަންނަ ސީޒަންގައި، އިނގިރޭސި ވިލާތުގެ ފަސް ޓީމު، ޗެމްޕިއަންސް ލީގްގައި ވާދަ ކުރާނެ އެވެ.
"އިނގިރޭސި ވިލާތުގެ ފަސް ޓީމުގެ ތެރެއިން އެއްވެސް ޓީމަކަށް، [މިހާރު އޮތް ހާލަތުން] ރެއާލް މެޑްރިޑް ނުވަތަ ޔުވެންޓަސް އޮތް ހިސާބަށްވެސް ކައިރި މުސްތަގުބަލެއްގައި ދެވޭނެ ކަމަކަށް ނުފެނެ އެވެ. ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އިނގިރޭސި ޓީމުތަކުން ކުރަން ޖެހެ އެވެ. ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ހޯދައި، ސޮއި ކުރުވަން ޖޭހެކަން ފަހަގަ ކުރަމެވެ." އިނގިރޭސި ޓީމުތަކަށް ޔޫރަޕްގެ ދޮރު ބަންދުވެފައިވާ ސަބަބާ ބެހޭގޮތުން، ޝިއޭރާ ބީބީސީގައި މިއަދު ލިޔެފައިވާ ލިޔުމުގައި ބުނެފައި ވެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ޗެމްޕިއަންސް ލީގް ފައިނަލު މެޗުގެ ދެ ވަނަ ހާފުގައި ރެއާލުން ކުރިއަރައި ތަށިގެން ދިޔައީ ސްޕީޑާއި ކުޅުމުގެ މެންޓަލިޓީ އާއި ޕާސިން އެކިއުރޭޓްކޮށްގެން ކަން ޝިއޭރާ ފާހަގަ ކޮށްފައި ވެއެވެ. އޭނާ ބުނީ، އަންނަ އަހަރު، ޗެމްޕިއަންސް ލީގްގައި އިނގިރޭސި ކުލަބުތަކަށް ކިރިޔާވެސް ވާދައެއް ކުރެވޭނީ އެ ފެންވަރަށް މަސައްކަތް ކޮށްގެން ކަމަށެވެ.
"ސްޕެއިންގެ ޗެމްޕިއަން ވަނީ ވަރަށް އަވަހަށް ގޭމް ބަދަލު ކޮށްލާފަ އެވެ. އަދި އެހާމެ ބޮޑަށް ޔުވެންޓަސްއާ މެދު އެޓީމުން ވަރަށް އަވަހަށް ފާރަވެރިވެ ކުރިއަރައިގެން ދިޔަ އެވެ. އަދި އެ ޓީމު އެއް ޓަޗް ނުވަތަ ދެ ޓަޗް ޕާސިން ގޭމަކީ، އެންމެ މަތީ ފަންތީގައި ކާމިޔާބު ހޯދަން ބޭނުންވާ ކޮންމެ ބަޔަކަށް ފިލާވަޅެކެވެ." ޝިއޭރާ އޭނާގެ ލިއުމުގައި ބުނެފައި ވެއެވެ.
ޗެލްސީއިން 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގް ހޯދި ފަހުން، އެ މުބާރާތުގެ ސެމީ ފައިނަލަށް އިނގިރޭސި ޓީމުތަކަށް ދެވުނީ ދެ ފަހަރު އެވެ. އެއީ 2014 ވަނަ އަހަރު ޗެލްސީ އާއި 2016 ވަނަ އަހަރު މެންޗެސްޓާ ސިޓީ އެވެ. ނިމިދިޔަ ސީޒަންގައި، މެންޗެސްޓާ ސިޓީއާ މެދު އިނގިރޭސިން އުންމިދުތަކެއް ކުރި އެވެ. ކޯޗް ގާޑިއޯލާ ވެސް ހުރީ ބޮޑު އުންމިދެއްގަ އެވެ. ނަމަވެސް، ދެ ވަނަ ބުރުގައި އެ ޓީމަށް ލަނޑު ދިނީ، ފްރާންސްގެ މޮނަކޯ އިން ނެވެ.
ސިޓީ އަށް ކުރިމަތިވި ނާކާމިޔާބު ހަނދާން ނައްތާ ލުމަށްފަހު އަންނަ ސީޒަނަށް ތައްޔާރުވުމަށް ބެންފީކާގެ ކީޕަރު އީޑަސަން މޯއަސް އާއި މޮނާކޯ އަށް ކުޅުނު ޕޯޗްގަލްގެ ބެނާޑޯ ސިލްވާ ގެނެސް، އަންނަ ސީޒަނަށް ތައްޔާރު ވުމަށް ސިޓީން ކުރަމުންދާ މަސައްކަތް ޝިއޭރާ ފާހަގަ ކޮށްފައި ވެއެވެ.
ކޮންޓޭ އަށް ޗެމްޕިއަންސް ލީގްގައި، މާބޮޑު ރެކޯޑެއް ނެތަސް، މޮރީނިއޯ އާއި ގަޑިއޯލާ އަދި ކްލޮޕް އަކީ ރެކޯޑް އޮތް ކޯޗުން ނެވެ. ޝިއޭރާ ބުނީ އެ ކޯޗުންނާއި މުޅި ޓީމު އެކުގައި، ކުރިން ޗެމްޕިއަންސް ލީގްގައި އެ ކޯޗުން، ކުރި މަސައްކަތައްވުރެ، ތަފާތު ގޮތަކަށް، އިނގިރޭސި ޓީމުތައް ގޮވައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެ މެންޓަލިޓީ މުޅި ޓީމަށް ކޮންވިސް ކޮށްދިމުގެ މުހިންމުކަން ޝިއޭރާ ފާހަގަ ކޮށްފައި ވެއެވެ.
އަންނަ އަހަރު ޗެމްޕިއަންސް ލީގް ފައިނަލު މެޗު އޮންނާނީ، ޔޫކްރޭންގެ ކިއޭވް ގައެވެ. އެހިސާބަށް އިނގިރޭސި ޓީމުތައް ދިއުމަށް، މިފަހަރުގެ ފައިނަލުގައި ކުޅުނު ރެއާލް އާއި ޔުވެންޓަސްގެ މަސައްކަތުގެ ރޭޓް، އިނގިރޭސި ޓީމުތަކުން ވަޒަންކޮށް އަޅާ ކިޔަން ޖެހޭނެ ކަމަށް ޝިއޭރާ ބުނެފައި ވެއެވެ.
"އަހަރެމެންގެ ޓީމުތައް ބަލަން ޖެހޭނެ، ރެއާލް އާއި ޔުވެންޓަސް އަށް، އަދި ފައިނަލާ ހަމަޔަށް ދިއުމަށް، އެ ޓީމުތަކުން ކުރި މަސައްކަތް ބަލައި، ހުރިހާ ދާއިރާއަކަށް ފޯކަސް ކޮށް މަސައްކަތް ކުރަން ޖެހެ އެވެ." ޝީއޭރާ އޭނާގެ ލިޔުން ނިންމާލަމުން ބުނެފައި ވެއެވެ.