ރިޕޯޓް

ހަތިޔާރާއެކު ނުކުމެ ވޯރާއިން ސައިޒުކުރި މާޝަލް ލޯ

Jun 5, 2017
2
  • ސިފައިން ހަވަޔަށް، ފަޒާއަށް ބަޑި ޖެހި
  • އިނގިރޭސީން މެދުވެރިކޮށް ސުލްހައިގެ ވާހަކަ ދެއްކި
  • މުޒާހަރާ ކޮށް ވޯރާއިންނަށް އަނިޔާކުރި
  • ފިތުނަށް އުފެއްދި ދެމީހުން ފޮނުވާލި ބަޑިޖައްސައިގެން

ރާއްޖޭގެ ވެރިކަމުގެ ބާރުތައް ސިޔާސީ ވާދަވެރި ކަމުގައި ފޮތިފޮތިވަމުން ދިޔަ ދަނޑިވަޅެއްގައި "އެއް ޕާޓީ" އިން ވޯރާވިޔަފާރިވެރިން މާލެ ގެނެސް އެމީހުންގެ ފިހާރަފަތިތައް ދަމައިލުމާ އެކު ވޯރާއިންނަށް ހީވީ ދުނިޔެ ރަންވި ހެނެވެ. ހަގީގަތުގައި ވެސް ރާއްޖޭގެ މުޅި އިގްތިސޯދު އޮތީ އެމީހުން މޮޑޭނެ ގޮތަކަށް މޮޑެން އޮތް ފުށްގަނޑެއްގެ ގޮތުގަ އެވެ. ދިވެހިންނަށް މަލާމާތާއި ފުރައްސާރަ ކުރަމުން ދިން ގެއްލުންތަކުގެ ތެރެއިން ތިލަވި އެއް ކަމަކީ "މާޝަލް ލޯ ގަޑުބަޑު" ގެ ނަމުން މަޝްހޫރުވި ބޮޑު ހަމަނުޖެހުމެވެ.

ވޯރާއިން 1944 ގައި ބޯޓުތައް ދުއްވުން ހުއްޓާލައި "ރާއްޖެ ބަނޑަށް މަރައިލަން" ކުރި އިހުތިޖާޖް ނުވަތަ ބަސް ނޭހުމުގެ ހަރަކާތަކީ "މާޝަލް ލޯ" ހިންގި ސަބަބު ކަމަށް ސިފަވާ ގޮތަށް ބައެއް ތާރީހީ ލިޔުންތައް ހުރި ނަމަވެސް މިއީ ދުރު ދުރުގައި ހިނގާފައިވާ ތަފާތު ދެ ކަމެކެވެ.

"ދަހަނާ އެޅި" ސިފައިންނާއި ފުލުހުން ނެރެ ރުކުރުވައިގެން މާޝަލް ލޯ ހިންގަން ޖެހުނީ ވޯރާއިންނާއި ދިވެހި ސަރުކާރާ ދެމެދު އުފެދިގެން އައި ހަމަނުޖެހުންތަކެއްގެ ނަތީޖާ އިން ކަމަށް ތާރީހު އިލްމުވެރިޔާ އަބްދުލް ހަކީމް ހުސައިން މަނިކު ލިޔުއްވަ އެވެ.

ތަހުލީލީ ނަޒަރަކުން ބަލާއިރު މާޝަލް ލޯ ހިންގަން ޖެހުނީ ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށުމާ އެކު ވުޖޫދުވެގެން އައި ގާނޫނުތަކާއި ގާނޫނީ ބެލެނިވެރިކަން ލިބުނު ގަވައިދުތަކާއި ގާނޫނުގެ ގޮތުގައި މާނަ ކުރެވޭ އުސޫލުތައް ވޯރާއިންނަށް ގަބޫލު ނުކުރެވިގެން ކަމަށް ބުނުމުގެ ޖާގަ އެބަ އޮތެވެ.

ވެރިކަމުގައި ގާނޫނީ އިންތަކެއް ޖެހުމުގެ ކުރީގައި ވޯރާއިންނަށް ހީވެފައި އޮތީ ރާއްޖެ އަކީ އެމީހުންގެ ތަނެއް ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ސަބަބުން އެމީހުންނަށް ހުރަސްތަކެއް ކުރިމަތިވުމުން އެކަމާ ނުރުހި ގާނޫނީ ބާރުކަނޑުވާލައި ކުރިން ވެސް އެމީހުން ދައްކަމުން ދިޔަ ނުލަފާކަން ދެއްކުމުގެ ނިޔަތުގައި ހަޅުތާލެއް ރޭވީ އެވެ. ނަތީޖާއެއްގެ ގޮތުން ސިފައިންނާއި ފުލުހުން ނެރެ، ބަޑި ދިއްކުރަން ސަރުކާރަށް ޖެހުނީ އެވެ. ހަގީގަތުގައި ވޯރާއިންގެ މި ހަރަކާތަކީ ޣައިރު ގާނޫނީ ހަރަކާތެކެވެ.

މާޝަލް ލޯ ހިންގަން ޖެހުނު ގޮތާ ބެހޭ ގޮތުން މުހައްމަދު އަމީނު ލިޔުއްވާފައިވާ ވާހަކަތަކާއި ތާރީހު އިލްމުވެރިޔާ އަބްދުﷲ މުފީދު ދިރާސާ ކުރައްވާފައިވާ ގޮތާ ވަރުން އަޅުވައިލުމުން ދެންނެވި ގޮތާ ދުރަކަށެއް މާޝަލް ލޯގެ މަންޒަރެއް ނުދެ އެވެ. ނަމަވެސް ރަނގަޅު ދިރާސާއަކުން މިނޫން ގޮތަކަށް ފުރޮޅިގެން ދިއުމުގެ ފުރުސަތު ނެތެކޭ ވެސް ނުބުނެވޭނެ އެވެ. އެކަމަކު ރާއްޖޭގައި ތާރީހު ލިޔެވެމުން އައިސްފައިވާ ގޮތާއި ސަރުކާރުތަކުން ތާރީހު ބަދަލުކޮށް ބައްޓަން ކުރަމުން އައި ތަރުތީބަށް ބަލާއިރު މިފަދަ ފުރޮޅުމެއް ގެންނާނެ އެކަށީގެންވާ ހެކި ހޯދުމަކީ މިހާރު ފަސޭހެ ކަމަކަށް ވެދާނެތޯ އެއީ އުފެދޭ ސުވާލެކެވެ.

ހަގީގަތުގައި ރާއްޖޭގައި ފުރަތަމަ ގާނޫނު އަސާސީއެއްގެ ބާރުވެރިކަން ހިނގައިގަތް އިރުވެސް އިމްޕޯޓް މުދަލަކީ ވޯރާއިން ވިއްކީމާ ނޫނީ ދިވެއްސަކަށް ލިބޭ އެއްޗެއް ނޫނެވެ. ނަމަވެސް ގާނޫނު އަސާސީގެ ބެލެނިވެރިކަން ލިބުނު ގާނޫނުތަކާއި އުސޫލުތަކުން ވޯރާއިންގެ "މޮނަޕޮލީ" އަށް ހީނަރުކަން އައުމުގެ އަލާމާތްތައް ފެންނަން ފެށުމުން ވޯރާއިންނަށް އެ ގާނޫނުތައް ހަޖަމުނުކުރެވި އެމީހުންގެ ބާރުވެރި ކަމުގެ ތެރެއަށް ވިޔަފާރި އިތުރަށް ފިރުކައިލާން ބޭނުންވީ އެވެ.

ރާއްޖޭގެ ރައްޔިތުންނާއި ގާނޫނު އަސާސީ އަށް ވުރެ ގަދަވެގަންނަން ވޯރާއިން ރޭވި ރޭވުމުގެ ދަށުން ތަކެތި ވިއްކުން ހުއްޓައިލީ ޖުލައި 26، 1933 ގަ އެވެ. އެދުވަހު ހެނދުނު ވޯރާއިން ފިހާރަތައް ބަންދުކޮށްފި އެވެ. އެ މީހުން ބުނަނީ "އުނދަގޫތަކަކާއި ގެއްލުންތަކެއް ލިބޭތީ ވިޔަފާރި ހުއްޓާލީ" ކަމަށެވެ. އެ އުނދަގޫތަކަކީ ގާނޫނު އަސާސީގެ ބެލެނިވެރިކަމުގައި ހިނގައިގަތް އާ އުސޫލުތައް ކަމުގައި ބެލެވެ އެވެ.

މި މައްސަލައިގައި ސަރުކާރުން ފުރަތަމަ ގެންގުޅުނީ ވަރަށް މަޑުމައިތިރި ސިޔާސަތެކެވެ. އެހެންވާން ޖެހޭ އެއް ސަބަބަކީ މުޅި އިގްތިސޯދު ކުރަހައިދޭ ބަޔަކީ ވޯރާއިންނަށް ވުމާއި އޭރުގެ އިސް ވެރިން މާލީ ގޮތުން ވޯރާއިންގެ އެހީތެރިކަން ހޯދަމުން ދިއުމެވެ. ނަމަވެސް ސަރުކާރުން ވޯރާއިންނާ ދެއްކި ހުރިހާ ވާހަކައެއް ދިޔައީ ސުމަކުންނެވެ.

މި މައްސަލައިގެ ތެރެއަށް އިނގިރޭސި ސަރުކާރުން ވެސް ހިސާބަކަށް ވަނެވެ. "އެޗްއެމްއެސް ހޯކިންސް" ގައި އިސްޓް އިންޑީޒްގެ މަނަވަރުތަކުގެ ވެރިޔާ ވައިސް އެޑްމިރަލް ޑަންބާ ނޭސް ސްމިތު ޖުލައި 26، 1933 ގައި މާލެ ވަޑައިގަތް އިރު އޮތީ މިކަންތައްގަނޑު ލައިގެންފަ އެވެ. އެހެންކަމުން މިކަމާ އިނގިރޭސީން ބެހުނު ވަރަކަށް ބެހެން ދިމާވީ އިއްތިފާގަކުންނެވެ.

އެޑްމިރަލް އަށް މައްސަލަ ހުށަހަޅައި ވޯރާއިންނާއި ސަރުކާ އެކު ވާހަކަތައް އަލުން ފެށި އެވެ. މެދުވެރިއަކަށް އެޑްމިރަލް އިންނަވައިގެން ފެށި ވާހަކަތަކުގައި ދިވެހި ސަރުކާރުގެ ވަކީލަކީ މުހައްމަދު އަމީނެވެ. ނަމަވެސް ވާހަކަތަކަށް ނުބައްލަވާ އެޑްމިރަލް ވޯރާއިންނަށް އެންގެވީ ފުރަތަމަ ފިހާރަތައް ހުޅުވުމަށެވެ. އޭގެ ފަހުން ވޯރާއިންނަށް ހުރި ދަތިތަކެއް ސަރުކާރަށް ހުށަހެޅުމަށެވެ. އޭނާ މާލެ އިން ފުރާވަޑައިގަތީ ޖުލައި 28، 1933 ގަ އެވެ. މިކަމުގައި އިނގިރޭސީން މިއަށް ވުރެ ބޮޑަށް އުޅުނު ކަމެއް ސާފެއް ނުވެ އެވެ.

އެޑްމިރެލްއާ އެކު ދެކެވުނު ވާހަކަތަކަށް ފަހު ސަރުކާރާއި ވޯރާއިންނާ ދެމެދު ބަހުސްކުރެވޭ ލިޔުންތަކެއް ބަދަލުކުރި އެވެ. ފުރަތަމަ ޑޮކިއުމެންޓަށް އޯގަސްޓް 3، 1933 ގައި ސަރުކާރުން ދިން ޖަވާބަކީ "ލަސްނުކޮށް މައްސަލަ ހަމަޖައްސައިދޭނެ" ކަމަށެވެ. އޭގެ ފަހުން އޯގަސްޓް 5 ގައި ވޯރާއިން އަންގަނީ އެމީހުން ގަބޫލަސް "މަސައްކަތު މީހުން ގަބޫލު ނުވާތީ" ފިހާރަތައް ހުޅުވައި ވިޔަފާރީގެ މުއާމަލާތް ފެށެން ނެތް ކަމަށެވެ.

އެހިސާބުން ސަރުކާރުން އެހެން އޮޕްޝަނެއް ހިޔާރު ކުރި އެވެ. އެއީ އަތިރީގޭ އަހުމަދު ދޮށިމޭނާ ކިލެގެފާނު މެދުވެރިއަކަށް ބަހައްޓައިގެން މައްސަލަ ހަމަޖެއްސުމެވެ. އެ ވާހަކަތަކުން ވެސް ދިޔައީ އޮށްޓަރެއް ފައިދާ ނުވެ ފަނުފުލުންނެވެ. އެހެންކަމުން ސަރުކާރަށް އެހިސާބުން ފުރަތަމަ ޖެހުނީ ރަށްރަށުން އައިސް ތިބި ފަޅުއޮޑިފަހަރުގެ މީހުން ރުއްސާނެ ގޮތެއް ހޯދާށެވެ. އެގޮތުން ކަސްޓަމްސްގައި މަސް ކިރޭނެ ގޮތް ހަދައި އެ މީހުން ބޭނުން އެއްޗެހި ސަރުކާރުން ފަހިކޮށްދީ ބާކީ މަހަށް ސިޓީ ދޭން ފެށި އެވެ.

މައްސަލައިގެ ހުޅު ފަޅައިގެން ދިޔައީ ވޯރާއިންނާ އެކު އެއްގަލަކަށް އަރަން އޯގަސްޓް 13، 1933 ގައި ވިޔަފާރިއާ ބެހޭ ވުޒާރާގައި ބޭއްވި ބައްދަލުވުން ނާކާމިޔާބުވެގެން ނުކުތުމާއެކު ވޯރާއިން ހަޅޭއްފަޅޭއް ލަވައި އަޑުގަދަކުރަމުން ގޮސް ބަންޑާރަ މިސްކިތަށް އެރުމުންނެވެ. އެހިސާބުން މާލޭގެ ނުފޫޒު ގަދަ ބަޔަކު ނުކުމެ މުޒާހަރާއެއްގެ ސިފަ ޖެހޭ ގޮތަށް ހަޅޭއްލަވައި ވޯރާއިންނަށް ގެއްލުންދޭން ދިމާކުރީ އެވެ. ސިފައިންނާއި ފުލުހުން ނުކުމެ މާޝަލް ލޯގެ ގަވައިދުގެ ދަށުން އެއްވުން ރޫޅާލަން ހިފީ އެހިސާބުންނެވެ.

މުހައްމަދު އަމީނުގެ ލިޔުއްވުންތަކުން ސިފަވަނީ ސަރުކާރުން މާޝަލް ލޯ ހިންގީ އެއްވި މީހުންގެ ސަބަބުން ވޯރާއިންގެ ޖާނަށް ގެއްލުމެއް ލިބިދާނެ ކަމަށް އެމީހުން ސަލާމަތްކޮށް ހިމާޔަތް ދިނުމަށް ކަމަށެވެ. އެހެންނަމަވެސް އެއީ މުޅިން އެކަން ވެފައިވާ ގޮތް ކަމަށް ލަފައެއް ނުކުރެވެ އެވެ. އެންމެ ބޮޑަށް ގާތްކުރެވޭ ގޮތަކީ ސަރުކާރުން ރާވައިގެން އެންމެ ފަހު މަރުހަލާއެއްގައި ވޯރާއިން ބިރުގަންނަވާލުމަށް އެ ފިޔަވަޅު އެޅުއްވީ ކަމަށެވެ. "ވޯރާއިން ބިރުގަންނަވާލީ މާޝަލް ލޯ" އޭ ކިޔަން ޖެހެނީ އެހެންވެގެން ކަމަށް ވުމީ އެކަށީގެންވާ ގޮތެކެވެ. މީހުންގަނޑު އެއްވީ އޯގަސްޓް 14 ގައި ކަމަށް ވެފައި ހަމަ އެދުވަހު ވޯރާއިން އަމިއްލަ ޖާނައިގެން އެނބުރި ރާއްޖެއިން ދިއުމަށް އެދުމާއި ރަނގަޅަށް ވިސްނުމަށް ފަހު ގޮތެއް ނިންމުމަށް ސަރުކާރުން ޖަވާބު ދީފައިވުމުން ވެސް މާޝަލް ލޯ ހިންގީ އެންމެ ފަހު ވަގުތު ވޯރާއިން "ސައިޒަށް ކަނޑައިލުމަށް" ކަން އެނގެ އެވެ. ސަރުކާރުން ވޯރާއިންގެ ބޯޓުތަކުގެ ރިޔާ ބޭލުމާ ދެކޮޅުހެދި "ފަކަލް ސުރޫރު" ގެ ރިޔާ ގަދަކަމުން ބޭލުމަކީ ވެސް މިއަށް ބާރު ލިބޭ ކަމެކެވެ.

ރައްޔިތުން ހެނދުނު ނުކުމެ ބަންޑާރަ މިސްކިތުގައި ތިބި ވޯރާއިންނަށް ހަމަލާދޭން ދިމާކުރުމުން ވޯރާއިން ތިބީ ވަރަށް ބިރުންނެވެ. އެއްވި މީހުން ތިބީ މިސްކިތް ހަލާކުކޮށްލައިގެން ވިޔަސް ވޯރާއިންނަށް ހަމަލަދޭން ތައްޔާރަށެވެ. އެއްވުމުގައި ގަލޮޅުން 50 މީހުންނާއި މައްޗަންގޮޅިން 50 މީހުންނާއި ފަޅު އޮޑިފަހަރުގެ އެންމެން ބައިވެރިވި ކަމަށް އަބުދުލް ހަކީމް ވިދާޅުވެފައިވެ އެވެ. އޭރުގެ އާބާދީ އަށް ބަލާއިރު އެއީ ވަރަށް ބޮޑު އެއްވުމަކަށް ވާނެ އެވެ. ބައެއް އެހެން ތާރީހު އިލްމުވެރިން ވިދާޅުވަނީ ވެލާނާގޭ މުހައްމަދު ދީދީ އިސްވެހުންނަވައިގެން މުޒާހަރާއެއް ރޭއްވެވީ ކަމަށާއި އޭނާ ލައްވާ ސަރުކާރުން އެކަން ކުރުވީ ކަމަށެވެ.

މި އެއްވުން ވަރު އަރައި އަނިޔާ ކުރާ ހިސާބަށް ދިއުމުން މީހުން މައިތިރިކޮށް އެއްވުން ރޫޅައިލާން ވަޑައިގަތީ މުހައްމަދު އަމީނާއި ހަސަން ފަރީދެވެ. އެ ދެ ބޭފުޅުންނާ އެކު ހަތިޔާރު އެޅި ސިފައިންނާއި ފުލުހުން ކުރި މަސައްކަތުން ވެސް އެއްވުން ރޫޅުނީ ވަރަށް ގިނައިރުންނެވެ. އެއްވުމުގެ ތެރޭގައި މިސްކިތުގެ ދޮރެއް ހަކާލުކޮށްލައި ތޭރިތަކުން ވޯރާއިންނަށް އަނިޔާ ކުރި އިރު އެކެއްގެ އަތުގައި ހިފައި ދޮރުގެ ތޭރިތަކުގެ ތެރެއިން ދަމައިގަތްގަތީނުން ވަރަށް ބޮޑަށް އަނިޔާ ލިބުނެވެ. ބައެއް ރިވާގައި ކިޔަނީ ކުޑަހުޅުން އަތް ބިންދާލީ ކަމަށެވެ. މުޅި އެއްވުން ރޫޅުނު އިރު އާންމުންގެ ބައެއް މީހުންނަށް އަނިޔާ ވިކަމަށް ވެސް ވެއެވެ. އެ ދުވަހު ސިފައިން ވަނީ އިންޒާރެއްގެ ގޮތުގައި ހަވަޔަށާއި ފަޒާއަށް ބަޑި ޖަހާއި އުންޑަތައް ބުރުވާފަ އެވެ. އެކަމަކު ބަޑި ޖަހައިގެން އެއްވެސް މީހަކަށް އެދުވަހު އަނިޔާއެއް ނުވެއެވެ.

ބަންޑާރަ މިސްކިތުގެ ތެރެއިން މީހުން ނެރެ އެތެރޭގައި ސިފައިންގެ ސަފުތައް ރުކުރުވާލާފައި ވޯރާއިންނަކީ އިނގިރޭސީންގެ ރައްޔިތުން ކަމަށާއި އެމީހުންގެ ޖާނަށް ގެއްލުމެއް ވާ ނަމަ އެކަން ތަހުގީގުކުރަން އިނގިރޭސީން އަންނާނެ ކަމަށް މުހައްމަދު އަމީނު ވިދާޅުވާން ފެއްޓެވުމަކީ އާންމު ރައްޔިތުން އެދުވަހު އެތަން ދޫކޮށް ދިޔަ ހިސާބެވެ. އަމީން ވިދާޅުވަނީ މައްސަލަ ހަމަޖައްސަން ބޮޑުވަޒީރާއި ރަސްގެފާނަށް ދުކޮށްލައްވާފައި ގެއަށް ދިއުމަށާއި ލަސްނުކޮށް ފިހާރަތައް ހުޅުވައި ކުށްވެރިވާ ވޯރާއިން ރާއްޖެ އިން ޑީޕޯޓްކޮށްލައްވާނެ ކަމަށެވެ. އޭރު ބިރުން ވިރިފައި ތިބި ވޯރާއިން ތިބީ ފިހާރަތައް ވެސް އަލުން ހުޅުވަން އެއްބަސްވެގެންނެވެ.

މުހައްމަދު އަމީނާއި ހަސަން ފަރީދުގެ ބެއްލެވުމުގެ ދަށުން މާޝަލް ލޯ ހިންގަން އަމުރު ކުރެއްވީ ބޮޑުވަޒީރު އަދި އަސްކަރިއްޔާގެ ވެރިޔާ މުހައްމަދު ފަރީދެވެ. މާޝަލް ލޯގައި އެއްވުން ރޫޅާލައި ވޯރާއިން ވިޔަފާރި މުއާމަލާތް ފެށުމާ އެކު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ކަސްޓަމްސްގައި ބޭއްވި އެވެ. އެ މަޖިލީހަށް ވޯރާއިންގެ މުހައްމަދު އަލީ ކަރީމްޖީ އާއި އަކުބަރު އަލީއާ ދެ ސޭޓުން ހާޒިރުކޮށް ރައްޖެ އިން ފިތުނަ އުފެއްދުމުގެ ކުށުގައި ޑީޕޯޓްކޮށްލީ އެވެ. އެ ދެ މީހުން ފޮނުވާލީ ސިފައިން ބަޑި ދިމާކޮށްގެން ގެންގޮހެވެ. އޭގެ ފަހުން މާޝަލް ލޯ ނިންމާލީ އެފަދަ ފިތުނަވެރި ގަޑުބަޑެއް ނުހިންގުމަށް އެއްބަސްވާ މުއާހަދާއެއްގައި ސޮއިކުރުވާފަ އެވެ. ދުނިޔެއަށް އާންމުވެގެން އައި މަދަނީ ބަސްނޭހުން ޓެސްޓް ކުރުމުގެ ގޮތުން 1944 ގައި ވޯރާއިން ބޯޓްފަހަރު ދުއްވުން ހުއްޓާލައިގެން ތިބީ މި އެއްބަސްވުން އޮއްވަ އެވެ.