ރިޕޯޓް

ދަރިފުޅާއި އަނބިމީހާ ބަލައިދިނުމަށް ސުމޭ ވަސީއަތްކުރި!

އެންމެ ފަހުން އޭނާ ކުރީ ވަސިއްޔަތެކެވެ. "އަހަރެންގެ އަނބިމީހާ އާއި ދަރިފުޅު ބަލައިދޭތި! ހުސެއިން ގާތު ވެސް ބުނާތި!" ގެއްލުމުން ހޯދަން ފަށާފައިވާ އައްޑޫ ސިޓީ ހިތަދޫ، އާބިން، މުހައްމަދު ސުމައިދު (ސުމޭ)، ކަނޑަށް ގެއްލުމުގެ ކުރިން އޭނާގެ ދެ ރަހުމަތްތެރިންނަށް ކުރި ވަސީއަތަކީ މިއީ އެވެ. ސުމައިދު އޭނާގެ ދެ ރަހުމަތްތެރިން ކަމަށްވާ، ހުސެއިން ސައީދު އާއި އިބްރާހިމް ނާއިފު، މަހަށް ނިކުތީ އިއްޔެ ހަވީރު އެވެ. ކުޑަ ލޯންޗެއްގައި ތިން ރަހުމަތްތެރިން ނުކުތީ ދޮށީގައި މަސް ބާނާލައި، ރޯދަ ކުރުކޮށްލުމަށެވެ.

"ހަތަރެއް ޖަހާއިރަށް ފުރަން އުޅުނީ، އެކަމަކު ސުމޭ ނާދޭ އެ ގަޑިއަށް، 4:30 ވި ފަހުން ފުރުނީ، ސުމޭއަށް ގުޅާފަ އޭނަ ނުލައި ފުރަނީއޭ އޭވެސް ބުނިން ... އޭގެ ފަހުން ޓެކްސީއެއްގަ އޭނަ އައީ،" ސުމޭއާއެކު މަހަށް ދިޔަ ނާއިފް މިއަދު އަވަސް އަށް ބުންޏެވެ.

ތިން އެކުވެރިންގެ މަސް ދަތުރު ބިރުވެރި ހާދިސާއަކަށް ބައްދަލުވީ، ފުރިތާ ވެސް މާގިނަ އިރުތަކެއް ނުވަނީސް އިރުވެސް ހުއްޓަ އެވެ. ނާއިފް ބުނި ގޮތުގައި، އެމީހުން މަސް ބޭނުމަށް މަޑުކޮށްގެން ތިބީ، ބޮޑެތި ރާޅުތަކެއް ނަގާ ސަރަހައްދަކާ ވިއްސަކަށް ފޫޓް ދުރުގަ އެވެ. މަޖަލުގައި މަސް ބާނަން ތިއްބާ، ކުއްލިއަކަށް ބޮޑު ރާޅެއް ލޯންޗާ ކައިރިން އުފުލި އެކަން އިހުސާސް ވިއެވެ. ކިރިޔާ ފަހަތް ބަލައިލެވުނީ އެވެ. ވާނީ ދެތިން ސިކުންތެވެ. އެ ބިޔަ ރާޅު އުފުލި އެ މީހުން ތިބި ކުޑަ ލޯންޗުގެ ބިންދާލި އެވެ. ސުމޭ އާއި ނާއިފް ކަނޑަށް ވެއްޓުނެވެ. ހުސެއިން ހުރީ ލޯންޗުގެ ހުންގާނުގަ އެވެ. އޭނާ ކަނޑަށް ވެއްޓުނު ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.

ނާއިފާއި ސުމޭ އެކުގައި ކަނޑަށް ވެއްޓި، ސަލާމަތްވުމަށް މަސައްކަތްކުރީ ވެސް އެކުގަ އެވެ. ތިބީ އެކަކު އަނެއްކަކު ފެންނަ ހިސާބު ކައިރީގަ އެވެ. ހާލު ބެލޭ ހިސާބުގަ އެވެ. ނަމަވެސް ބިޔަ ރާޅުގަނޑުގެ ތެރޭގައި އެ ދެ މީހުން ވަރަށް އަވަހާ ވަރުބަލިކޮށްލި އެވެ. އެހެން ނަމަވެސް ފެންމަތީގައި ތިބުމަށް ދެމީހުން ވެސް ހިތްވަރު ކުރަމުންދިޔައެވެ. އެމީހުންނަކަށް ހުސައިނަށް ވީ ގޮތެއް ވެސް ލޯންޗަށްވީ ގޮތެއް ވެސް ނޭނގެ އެވެ.

އިރުކޮޅެއް ފަހުން ސުމޭ، ނާއިފް ގާތު ބުނީ، "ފަޔަށް ތަދުވާ" ކަމަށެވެ. ނާއިފް ދިން އިރުޝާދަކީ ފަޔަށް ރެސްޓް ދީގެން އޮތުމަށެވެ. ފެންމަތީ އެމީހުން ތިބީ އެއްގަމަށް ދެވޭނެ ކަމުގެ އުއްމީދުގަ އެވެ. އެކަމަކު އޮއި ވެސް ގަދަ އެވެ. އެކި ދިމާލަށް ބޭއިހުތިޔާރުގައި ދެވެ އެވެ. އޭރު ގަޑިން 6:00 ޖެހީ އެވެ. ގަޑި ބެލީ ސުމޭގެ އައިފޯން ހަތަކުންނެވެ.

އިރު އޮއްސޭން ދަނިކޮށް ދެ އެކުވެރިންގެ ދެމެދަށް އަނެއްކާވެސް ވަނީ ބިޔަ ދެ ރާޅެވެ. އެ ދެ ރާޅު ޖެހުމާއެކު ދެ މީހުން ދުރުވި އެވެ. އޭރު ދެ މީހުން ތިބީ ވިއްސަކަށް ފޫޓް ދުރުގަ އެވެ. އެ ވަގުތު ނާއިފް ކަންފަތުގައި ޖެހުނީ ސުމޭ ވަރަށް ބާރަށް ގޮވާލި އެވެ. އޭނާ އެދެމުންދިޔައެވެ: "މަގޭ ކޮޔާއި ވައިފް އީ ބަލަހެއްޓިވާ، [މަގޭ ދަރިފުޅާއި އަންހެނުން ބަލައިދޭތީ އިނގޭ]"

ސުމައިދު، އޭނާ ރަހުމަތްތެރިޔާއަށް ވަސީއަތް ކޮށްފައިވަނީ، އޭނާގެ ހަތަރު އަހަރުގެ އަންގެން ދަރިފުޅާއި އަނބިމީހާ ބަލައި ދިނުމަށެވެ.

ސުމޭދުމެން ގެއްލުނު ހަބަރު އިއުލާންވީ ރޭ 8:30 ގަ އެވެ. އެ ހަބަރާއެކު މުޅި އާއިލާ ވަނީ ސިހުމެއްގަ އެވެ. ހިތާމައިގެ ކަނޑަކަށް ޣަރަގުވެފައެވެ

ވަސިއްޔަތަށްފަހު ވެސް ސުމޭގެ ހަބަރު ނާއިފަށްވި އެވެ. އޭނާގެ އަޑު އިވުނެވެ. ހަރު އަޑުން "ﷲ އަކުބަރު" އޭ ގޮވައި ހެދި އެވެ. ނާއިފު ވެސް ދިޔައީ ކިޔުނު ހެޔޮ އެއްޗެއް ކިޔަމުންނެވެ. ނާއިފު ބުނި ގޮތުގައި އޭރު އޭނާ ވެސް އޮތީ ވަރަށް ބޮޑު ބިރުވެރިކަމެއްގަ އެވެ. ސުމޭއަށް ވާނުވާ ނޭނގި ނުފެންނަ ހިސާބަށްދާތީ ކަންބޮޑުވުން އިތުރުވަމުންދިޔަ އެވެ. އިރުއިރުކޮޅާ ސުމޭއަށް ގޮވައި ހެދެ އެވެ. ސުމޭއާ ދިމާލަށް ދާން މަސައްކަތްކުރިޔަސް އޮއި ބާރު ކަމުން އެ ދިމާލަކަށް ވެސް ނުދެވެ އެވެ.

އިރުއޮއްސި އަނދިރިވާން ފެށީ އެވެ. އޭރު ސުމޭގެ އެއްވެސް ހަބަރެއް ނާއިފަށް ނުވާތާ 15 ވަރަކަށް މިނެޓް ވެއްޖެ އެވެ. ކުއްލިއަކަށް ދެން އިވުނީ، "ނާއްޕޭ" އޭ ކިޔާ ސުމޭ ވަރަށް ބާރަށް ނާއިފަށް ގޮވާލި އަޑެވެ. އެއަށް ނާއިފް ރައްދުވެސް ދިނެވެ. އެކަމަކު އެއަށްފަހު ސުމޭގެ ހަބަރެއް ނުވި އެވެ. އެއީ ސުމޭގެ އަޑު އެންމެ ފަހުން އިވުނު ފަހަރެެވެ.

އޭރު ތިބެވުނީ ޝަންގްރިއްލާ ރިސޯޓް ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ މަޑިހެރަ، ކަނޑުއޮޅި ކަންމަތީގަ އެވެ. އެ ހިސާބުން އޮޔާ ދަމުން ގޮސް، ނާއިފް ލެއްގީ ފަރު މައްޗަށެވެ. ފަރުމަތީ އިނދެގެން ވެސް ސުމޭއަށް ވަރަށް ގޮވި އެވެ. ނަމަވެސް ހިލަމެއް ނުވި އެވެ. އެހެންވެ ދެން އެންމެ ރަނގަޅު ގޮތަކީ އެއްގަމަށް އަރައި، ކަމާބެހޭ ފަރާތާ އެންގުން ކަމަށް ދެކި، ނާއިފް މިސްރާބު ޖެހީ ޝަންގްރިއްލާއަށް އެރުމަށެވެ. އޭރު ލޯންޗާއެކު ހުސެއިން އެ ރިސޯޓް ފަޅު ތެރޭގައި އިނެވެ. އޭނާގެ ބޮލަށް ވަނީ އަނިޔާވެފަ އެވެ. ދެ މީހުން އެކީގައި ރިސޯޓަށް އަރައި، އެކަން ރިޕޯޓްކުރީ އެވެ.

ސުމައިދުގެ ފޯނު މިހާރު ވަނީ ފެނިފަ އެވެ. އެ ފޯނު ފެނުނީ ޝަންގްރިލާ ރިސޯޓު ކައިރީގައިވާ ފަޅު ކައިރިންނެވެ. އޭގެ އިތުރަށް އޭނާ މަސް ބާނަން ގެންގުޅުނު ދޮށި ވެސް މިހާރު ވަނީ ފެނިފަ އެވެ. އެ ދޮށި މޫދުން ނަގާފައިވަނީ ސުމައިދުގެ ބޮޑުބޭބެ އެވެ.

އައްޑޫ ސިޓީ، ފޭދޫއަށް ނިސްބަތްވާ 25 އަހަރުގެ ނާއިފަކީ އާންމުކޮށް މަހަށް ގޮސް އުޅޭ ޒުވާނަކަށްވި ނަމަވެސް ހުސެއިނާއި ސުމޭއާއެކު މަހަށް ދިޔަ މިއީ ފުރަތަމަ ފަހަރެވެ. ފުރަތަމަ ފަހަރަކީ ފަހު ފަހަރަށް ނުވުމަކީ އޭނާ އެދޭ ގޮތެވެ. އެދިއެދި އިނީ ގާތް އެކުވެރިޔާ ހެޔޮ ހާލުގައި ފެންނާނެތޯ އެވެ.

"އެއީ އޭނާގެ އަޑު އިވުނު ފަހު ފަހަރު... ދުއާކުރަން ސުމައިދު ހެޔޮ ހާލުގައި ފެނުމަށް އެދި،"