މިއުޒިކް

މީރާގެ އަޑުން "ނަޗް ބަލިޔޭ" ފަޅު ފިލުވާލައިފި

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވި މިއުޒިކް ޝޯއަށް ރާއްޖެ އައިސް ދިވެހިން އަންހެން ކުދިންގެ ހިތްތަކުގެ ފުނަށް ވާސިލްވި ސަނަމް ޕޫރީއާއެކު ލަވައެއް ކިޔާލުމުގެ ފުރުސަތު ކުޅަދާނަ ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދަށް ލިބުނެވެ. އެފުރުސަތުގެ ބޭނުން ހިފައި އެ ލަވައިން މީރާ އާ ސަނަމް ވަނީ ދިވެހިންގެ ގައިން ހީބިހި ނަގުވާލާފަ އެވެ.

މީރާގެ ފަރި ހަރަކާތްތަކާއި ރާއްޖޭގެ ވިލުނޫކުލަ އާއި ފެހިކަަން ދައްކުވައިދޭ މާހައުލެއްގައި މީރާ އާ ސަނަމް ކިޔާލާފައިވަނީ "ޔޭ ވާދާ ރަހާ އެވެ. އެ ލަވައިގެ ނޯޓް މައްޗަށް ހިއްލާލާފައިވާއިރު އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ލަވައިގެ ވަކި ހިސާބަކަށް ފައްތާފައިވާ ދިވެހި ލިރިކްސް އެވެ.

އެ ލަވަ ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާ މިހާރުވެސް އަޑުއަހާ ފޫހި ނުވާލަވައަަކަށް ވެފައިވަނިކޮށް އެ ލަވަ މިވަނީ އިންޑިއާގެ ސްޓާ ޕްލަސް އިން ގެނެސްދޭ "ނަޗް ބަލިޔޭ" ޕްރޮގްރާމްގައި ނެށުމަކުން ގެނެސްދީފަ އެވެ. މީރާގެ އަޑު "ނަޗް ބަލިޔޭ" ގެ ފަޅު ފިލުވާލާ އެވެ. ނަޗް ބަލިޔޭ އަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލު ޕްރޮގްރާމެކެވެ.

އެތައް ހާސް ބަޔަކު ވަނީ މީރާ އާ ސަނަމްގެ އެ ލަވައަށް ތައުރީފް އޮއްސާފަ އެވެ. އެ ލަވަ ވަނީ ބައިނަލް އަގްވާމީ ދުނިޔޭގައިވެސް ވިދާލާފަ އެވެ.

ނަޗް ބަލިޔޭ އަކީ 2005 ވަނަ އަހަރުން ފެށިގެން އުފައްދަމުން އަންނަ ޝޯ އެކެވެ. މިހާރު ކުރިއަށް ދަނީ އެ ޝޯގެ އަށް ވަނަ ސީޒަނެވެ.