ރިޕޯޓް

ސިޔަރަތު: މިވަރު ފޮތެއް، މިވަރު އަޑެއް ކޮބާ؟

ރޯދަ މަހު މެންދުރު ފަހު 2:15 ވުމުން އެ އޮތީ ރޭޑިއޯގެ ހާއްސަ ވަގުތާ ޖެހިފަ އެވެ. ރޭޑިއޯގެ ވޮލިއުމުން ހިއްލައިލަންވީ އެވެ. ހާޖަރާ މުހައްމަދު ތައުފީގުގެ ވަރުގަދަ އަދި ރީތި އަޑުން ކީރިތި ރަސޫލާގެ ސީރަތެވެ. ރޯދަ މަހު އެވަގުތުން ފެށިގެން 3:00 ޖެހުމާ ހަމައަށް އެއި ސިޔަރަތަށް ދިވެހިން ހިބަކޮށްފައިވާ ވަގުތެވެ.

ހުސައިން ސޮލާހު ދީނަކީ ރާއްޖޭގައި އުފެދުނު އެފަދަ ދެވަނަ އެއް ނެތް އިލްމުވެރިއެކެވެ. އެމަނިކުފާނު ތަރުޖަމާ ކުރައްވާ ދިވެހި ބަހުން އެކުލަވާލައްވާފައިވާ ކީރިތި ރަސޫލާގެ ސިޔަރަތަކީ ދިވެހި ބަހުން މިހާތަނަށް އެކުލަވައިލެވިފައިވާ އެފަދަ ދެވަަނައެއް ނެތް ފޮތެކެވެ. އެ ސިޔަރަތު އަޑު އަހައިގެން ނިދާލަން ފަސޭހަ އެވެ. ބަލި މީހުންނަށް އެ ސިޔަތުން ފަސޭހަކަން ލިބެ އެވެ. އެ ސިޔަރަތުން އަދިބިއްޔާތުގައި މުއްސަނދިވެ ކުރިއަރައިގެން ދެއެވެ. އިސްލާމީ ތާރީހު ދަސްވެ އެވެ. ބަހުގެ ހަމަތަކާއި އުސޫލުތަކާއި ބަލާޣާތްތެރިކަން ދަސްވެ އެވެ. ވާހަކަ ދެއްކުން ތެރިކަމުގެ މޮޅު ފިލާވަޅަކަށްވުމުގެ އިތުރުން ކީރިތި ރަސޫލާގެ ހަޔާތްޕުޅު އެކަށް ދަސްވެ އެވެ. ދިވެއްސަކު ލިޔުއްވާފައިވާ މިވަރުގެ ފޮތެއް ދެން ދައްކަބަލާށެވެ. ސޮލާހުއްދީނުގެ ލިޔުއްވެވި ކީރިތި ރަސޫލާގެ ސިޔަރަތު ހާޖާރަގޭ ތައުފީގުގެ އަޑުން ރިކޯޑްކުރިކަން ވެސް ނަސީބަކެވެ. އަދި އެ މަސައްކަތް ކުރެއްވި ބަޔަކު ކުރައްވާފައި އެވަނީ އޭރުގެ ފެންވަރުގައި އެންމެ މޮޅަށެވެ.

ކުރިން، ސިޔަރަތުގައި ހިމެނޭ ހާދިސާ ގުޅޭ މަދަހަ ސީރަތު ގެނެސްދޭ ގަޑީގައި ޖެގި އެވެ. އެކަމަކު އެއީ މާ ކަމުދާ ކަމަކަށް ނުވި އެވެ. އެހެންވެ އެ ބައި ފަހުން އުނިކުރީ އެވެ.

"އަޅުގަނޑުމެން އެކްސްޕެރިމެންޓްކޮށްލަން ކުރި ކަމެއް އެއީ، އަޅުގަނޑު ހިތަށް އެރީ ދަނޑިވަޅުތަކާ ގުޅުވައިގެން މަދަހަ ގެނެސްދޭނަމަ ތަންކޮޅެއް އަޑުއަހާ ހިތްވާނެއޭ، ހަތަރު ބޭފުޅުން ތިބެގެން ބޮޑު އެއްޗެއް ކިޔުމުގެ ބަދަލުގަ، އެހެން ހެދީމަ ދިވެހިންނަށް އެކަން މާ ރަނގަޅު ކަމަކަށް ނުވި. އެހެންވެ އަޅުގަނޑު އެބައި ދުއްވާލީ، ދެން އޭގެ ފަހުން މުޅި ސިޔަރަތު ތައުފީގު ލައްވައި ރެކޯޑް ކުރުވީ،" ބަދުރުއް ނަސީރު ވިދާޅުވި އެވެ.

މިހާރު އިވެމުން މިދާ ގޮތަށް ސިޔަރތު ރިކޯޑް ކުރެެއްވުމުގައި ރޭޑިއޯގައި ވަރަށް ދުވަހު ހިދުމަތް ކުރެއްވި ކުރީގެ މިނިސްޓަރު ސަމަރު ބުލޫ އިބްރާހިމް މަނިކު ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ބޭފުޅުންތަކެއް ވަރަށް ކުރިން ކުރައްވާފައިވާ މި މަސައްކަތަކީ ތައުރީފް ހައްގު، ވަރަށް ބޮޑަށް ބަލައިގެންފައިވާ މަސައްކަތެވެ. ސީޔަރަތަކީ ހަޔާތުގެ ބަޔަކަށްވެފައިވާ ދިވެހިން މަދެއް ނޫނެވެ. ތައުފީގުގެ އަޑުން ސީރަތު އަޑު އަހައިނުލާ ނުނިދޭ މީހުން އުޅެ އެވެ. އެއީ ނިދުމަށް ފަރުވާ އެކެވެ. ހިތްހަމަޖެހުން ލިބޭ ކަމެކެވެ. ރޯދަ މަހު ވެސް ސީރަތު އަޑުއަހައި ނުލާ ހިތްހަމަ ނުޖެހޭ މީހުން އަދިވެސް ގިނަ އެވެ.

މިކަމުގައި ހިއްސާވާ އެންމެ ބޭފުޅުންނަށް ޝުކުރެވެ. ތަރުޖަމާކުރެއްވި ބޭފުޅާއިން ފެށިގެން އަޑު އެޅުއްވި އަދި ޕްރޮގްރާމް އުފެއްދުމުގެ ފަހަތުގައި ތިއްބެވި އެންމެ ހިދުމަތްތެރި ބޭފުޅުންނަށް ވެސްމެ އެވެ. ރާއމި

"ކީރިތި ރަސޫލާގެ ސިޔަރަތު" ގެ ނަމުގައި ފުރަތަމަ ރޭޑިއޯ ޕްރޮގްރާމް ގެނެސްދޭން ފެށީ، އިބްރާހިމް ނާސިރު ބޮޑުވަޒީރު ކަމުގައި ހުންނެވިއިރު އެވެ. އޭރު ސީރަތު ކިޔަނީ ވެސް ލައިވްކޮށެވެ. އޭރު ސީރަތު ވިދާޅުވެ ދެއްވަނީ ނިޝާން އިއްޒުންދީން އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހިމެވެ. އޭރު އެއީ ދިވެހިރާއްޖޭގެ އަޑެއް ނޫނެވެ. މާލޭ ރޭޑިއޯ އެވެ.

ކީރިތި ރަސޫލާގެ ސީރަތު ޕްރޮގްރާމެއްގެ ސިފައިގައި ގެނެސްދޭ ހިޔާލަށް އައިސްފައިވަނީ އޭރު ރޯދަ މަހަށް ހާއްސަ ޕްރޮގްރާމްތަކެއް އުފެއްދުމަށް ކުރި މަސައްކަތްތަކުގެ ތެރެއިންނެވެ. އެކަމުގައި އިސްކޮށް ތިއްބެވީ އައްބާސް އިބްރާހިމްގެ އިތުރުން ސައިކުރާ އިބްރާހިމް ނައީމެވެ. އެ ދެ ބޭފުޅުން މަސައްކަތް ކުރެއްވީ ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ ބެއްލެވުމުގެ ދަށުންނެވެ. އެމަނިކުފާނަކީ އޭރުގެ ސިނަމާ ކުންފުނީގެ ވެސް ވެރިޔާ އެވެ.

އައްބާސް އިބްރާހިމްގެ އަޑުން ސީރަތު ލައިވްކޮށް ދެތިން އަހަރު ގެނެސްދެއްވި އެވެ. އެއް ގަޑިއިރަށް ކޮންމެ ދުވަހަކު އެ ޕްރޮގްރާމް ގެނެސްދީ، އެއް މަސް ތެރޭގައި ސީރަތު އެއްކޮށް ގެނެސްދެއްވި އެވެ. އެގޮތަށް ސީރަތު ދެތިން އަހަރަކު ގެނެސްދެއްވިފަހުން ރޭޑިއޯގެ ނަން ބަދަލުވި އެވެ. ސެނެކޯ ރޭޑިއޯއަށެވެ.

ސެނެކޯ ރޭޑިއޯއިން ސީރަތު ގެނެސްދިނީ ރެކޯޑް ކޮށްގެންނެވެ. އެއީ 1970 އަހަރުތަކުގެ ތެރެ އެވެ. އެފަހަރު ސީރަތު ވިދާޅުވެ ދެއްވީ، ހަތަރު ބޭފުޅުންނެވެ. އެއް ބޭފުޅަކީ، ދިވެހިރާއްޖޭގެ އަޑަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވުމަށްފަހު މިހާރު ރިޓަޔާކުރައްވަވާފައި ހުންނެވި ބަދުރުއްނަސީރުގެ ބައްޕާފުޅު، އަލީ ނަސީރެވެ. އޭނާގެ އަޑުން ސީރަތު އަޑުއެހި މީހުނަށް އެ ވަރަށް ކަމުދިޔަ އެވެ. އޭނާ ސީރަތު ވިދާޅުވެ ދެއްވީ ވަރަށް ޖޯޝުގަ އެވެ. ހަނގުރާމާގެ މައިދާނެއްގަ ހުންނަވާ ފަދަ އެވެ.

ދެން ސީރަތު ވިދާޅުވެ ދެއްވީ، ވަހީދު އަހުމަދާއި އިބްރާހިމް ހަލީމެވެ. ހަތަރު ވަނަ ބޭފުޅަކުވެސް ވިދާޅުވި އެވެ. ޔަގީން ނުވާ މައުލޫމާތުތަކަށް ބަލާއިރު ހަތަރުވަނަ ބޭފުޅަކީ ބޮޑުގަލު އިބްރާހިމް މަނިކެވެ. އެ ހަތަރު ބޭފުޅުން ވެސް ކޮންމެ ދުވަހަކު ސީރަތު ވިދާޅުވެ ދެއްވަނީ 15 މިނަޓަށެވެ. ހަތަރު ބޭފުޅުންނަށް ބަހާލައިގެން ދުވާލަކު ގަޑިއިރަކަށް ގެނެސްދިނެވެ. ރެކޯޑްކޮށްފައިވަނީ ހަތަރު ޓްރެކަށް އެންމެ ސްލޯ ސްޕީޑްގަ އެވެ.

އަލީ ނަސީރުގެ އަޑުން ސީރަތު ރެކޯޑްކޮށްފައިވަނީ، ކުރީގެ ޓޭޕަކަށެވެ. އެ ބޭފުޅުން ރިކޯޑްކުރި ސީރަތު ވަރަށް ފަހަކާ ޖެހެންދެން ވެސް އަޑުގައި ހުއްޓެވެ.

ސިޔަރަތު މިހާރު މިއިވޭ ގޮތަށް ގެނެސްދިނުމުގައި އިސްކޮށް އުޅުއްވި ބަދުރު ނަސީރު ވިދާޅުވީ، ހަތަރު ބޭފުޅުންގެ ރާގު ތަފާތުވެފައި، ކިޔުއްވާ ގޮތް ތަފާތުވުމުން އެއީ މާ ކަމުދާ ކަމަކަށް އަޑުއެހުންތެރިންނަށް ނުވި ކަމަށެވެ. އެހެން އެއް ބޭފުޅަކު ލައްވާ ސީރަތު ކިޔުއްވަން ނިންމީ އެވެ. އެގޮތުން ބެލިބެލުމުގައި އެންމެ ރަނގަޅަށް ވިދާޅުވަނީ ހާޖަރާ މުހައްމަދު ތައުފީގު ކަމަށް ބަދުރު ވިދާޅުވި އެވެ. މިހާރު ވެސް އެ އިވޭ އަޑުންނެވެ. އެއަށްފަހު ބަދަލެއް ނައިސް އަދިވެސް އެ އަޑު އެ ދަނީ ކޮންމެ ރޯދަ މަހަކު އިވެމުންނެވެ.