ކުޅިވަރު

ސްޕާ ކަޕްގައި އެއްވަނަ ޓީމާ ދެކޮޅަށް ކުޅުމަކީ ފަހްރެއް

Jun 6, 2017

ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ޔޫއެފްއާ ސްޕަކަޕްގައި، ޔޫރަޕްގެ އެއް ވަނަ ޓީމު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުމަކީ ފަހްރެއް ކަމަށް، މެނެޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އޮގަސްޓް ނުވައެއް ގައި ކުޅޭ، ސްޕާ ކަޕްގައި ވާދަ ކުރާނީ، ޔޫރަޕާ ލީގް ޗެމްޕިއަން ޓީމާއި، ޗެމްޕިއަންސް ލީގް ކާމިޔާބު ކުރާ ޓީމެވެ. އެހެންވެ، ޔޫރަޮޕާ ލީގް ޗެމްޕިއަން ހައިސއްޔަތުން، މިއީ މޮރީނިއޯ އޭނާގެ ކުރީގެ ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ.

"އެއީ ވަރަށް ބޮޑު ޝަރަފެއް،" އޭނާގެ އަމިއްލަ ގައުމު ޕޯޗްގަލުގެ ލިސްބަން އަށް އެކެޑެމިކް ދަތުރެއްގައި ގޮސް ހުރި މޮރީނިއޯ ޕޯޗްގަލްގެ މީޑިއާ ވާހަކަ ދައްކަމުން ބުންޏެވެ.

"ޔޫރޮޕާ ލީގް ހޯދާ ކޮންމެ ޓީމަކަށްވެސް ލިބޭ ޝަރަފެއް، އެއީ ޔޫރަޕްގެ އެއް ވަނަ ޓީމާ ދެކޮޅަށް ކުޅުން، ޔޫރަޕްގެ އެއް ވަނަ ޓީމަކަށް އަބަދުވެސް ވާނީ ޗެމްޕިއަންސް ލީގް ހޯދާ ޓީމު،" މޮރީނިއޯ ބުންޏެވެ.

އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގް ފުރުސަތު، ޔުނައިޓަޑަށް ލިބިފައި ވުމާއެކު، އެޓީމުން ދަނީ ޕްރީ ސީޒަންގައި ވަރުގަދަ މެޗުތަކެއް ކުޅެން ތައްޔަރު ވަމުން ނެވެ. އެގޮތުން މިހާރުވެސް، ބާސެލޯނާ އާއި މެނެޗެސްޓާ ސިޓީއާ ދެކޮޅަށް މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ޗެމްޕިއަންސް ލީގަށް ވަނުމަކީ އަހަރެމެންގެ ބައެއް ކުޅުންތެރިންނަށް އާ ކަމަކަށް ވާނެ، ސްޕަކަޕް މެޗަށް ތައްޔާރުވާން، މެނެޗެސްޓާ ސިޓީ އާއި ބާސެލޯނާއާ ދެކޮޅަށް މެޗެއް ކުޅުމަކީ ޝައުގުވެރި ކަމަކަށް ވާނެ." މޮރީނިއޯ ބުންޏެވެ.