މީހުން

ފިލާ އޮތް އިއްސެ ހުނަރާއެކު އުހަށް ދިޔައީ ކިހިނެއް؟

ތަރިންގެ އާއިލާއަކަށް ނިސްބަތްވި ނަމަވެސް އެންމެ ފުރަތަމަ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފިލްމީ ދުނިޔެއަށް ނޭވާ ލީ އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ގެނެސްދިން ޑްރާމާއިން 1996 ވަނަ އަހަރު އެވެ. ކޮމެޑީ ރޯލެއް ކުޅެ ފުރަތަމަ އަހަރުވެސް އެވޯޑު އުފުލައިލި އެވެ. ޖެހިގެން އައި އަހަރު ކުޅުނު ޑްރާމާއިންވެސް އެވޯޑު ގެންދިޔަ އެވެ. ޑްރާމާ މުބާރާތުގައި އިއްސެ ބައިވެރިވި ކޮންމެ އަހަރަކުވެސް އެވޯޑް ހާސިލް ކުރި އެވެ. އޭގެ ފަހުން ފިލްމީ ދާއިރާގައިވެސް އިއްސެއަށް ލިބިފައި ހުރި އެވޯޑުތައްވެސް ވަރަށް ގިނަ އެވެ.

އެހެން ނަމަވެސް ފިލްމު ކުޅެން އެ ދާއިރާއަށް ނުކުތުމަކީ އިއްސެ އެއް ގޮތަކަށްވެސް ބޭނުންވި ކަމެއް ނޫނެވެ. އޭރު އޭނާގެ ވިސްނުމުގައި އޮތީ އަދާކުރަމުން ދިޔަ ވަޒީފާއިން ވީހާވެސް މައްޗަކަށް ދިއުމެވެ. ޑްރާމާގައި ފުރަަތަމަ އަހަރު ބައިވެރި ކުރީވެސް ގަދަކަމުންނެވެ. ޝޫޓިން އަށް ދާން އޮތް ދުވަހު އޮފީހަށް ސަލާމް ބުނެފައި ފިލާ އޮތީ ބަދިގޭ އުނދުނުގެ ފުއްޑަނަށް ވަދެ އެވެ.

"ޝޫޓިން އަށް ނުދާން ފިލާ އޮތީ ބަދިގޭ އުނދުނުގެ ފުއްޑަނަށް ވަދެ، އޮފީސް މީހުން ހޯދަން އައިސް ނުފެނިގެން ދިޔައީމަ ބަދިގެއިން ނުކުތީމަ މަންމަ ބުނީ އެކުދިން ބުނާ ކަމެއްވެސް ކޮށްދޭށޭ، އޭރު ވަޒީފާއަށް ވަންތާ ދެ މަސް ވާނީ. އެހެންވެ މަންމަ ބިރުގަތީ ވަޒީފާ ގެއްލިދާނެތީ، އެހެންވެ ދިޔައީ،"

އިއްސެ ބުނި ގޮތުގައި އޭނާ ސެޓަށް ދިޔައިރު ހުރިހާ ކަމެއް އޮތީ ރެޑީވެފަ އެވެ. މޭކަޕް ކޮށްލައިގެން އެރީ... ޑައިރެކްޓަރަަކަށް ހުރީ ސޯލިހު، ކެމެރާމަނަކަށް ހުރީ މަނިކު، ފުރަތަމަ ދެ ސީން ނިންމާފައި މަނިކު ބުނެފި އިއްސޭ މިފަހަރު އެވޯޑު ގެންދާނެ،" އިއްސެ ބުންޏެވެ.

އޮފީސް ޑްރާމާ މުބާރާތުން ތައާރަފް ވުމަށްފަހު އިއްސެ ފިލްމުތައް ކުޅެން ފެށި އެވެ. އެންމެ ފަހުން ތޭރަ އަހަރު ވަންދެން އެއާޕޯޓުގައި ވަޒީފާގައި އުޅެފައި އެ ވަޒީފާއިން ވަކިވެ ފިލްމީ ދާއިރާއަށް ހުސްވީ އެވެ. އޭގެ ފަހުން އަށް އަހަރު އެ ދާއިރާއަށް ހިދުމަތްކުުރުމަށްފަހު އަނެއްކާވެސް މިހާރު ހުރީ ތަންކޮޅެއް ދުރުގަ އެެވެ. އަނެއްކާވެސް އެއާޕޯޓްގެ ވަޒީފާއެއްގަ އެވެ.

މާގިނަ ފީޗާ ފިލްމުތަކެއް ނުކުޅުުނު ނަމަވެސް އިއްސެގެ ކުރު ފިލްމުތަކާއި ލަވަތައް ވަރަށް ގިނަ އެވެ. އިއްސެގެ ފުރަތަމަ ފީޗާ ފިލްމަކީ "އެދިއެދި ހޯދީމޭ" އެވެ. އެކްޓިން އިއްސެއަށް އެންމެ ރަނގަޅަށް ދަސްވީ އެ ފިލްމުންނެވެ.

"ކުޅެފައި ހުރި ފިލްމުތައް އަދަދުން މަދުވާނެ، އެކަމަކު ކުޅެވިފައި ހުރި އެއްޗެހި އާންމުން ބަލައިގަތީމަ ތަންކޮޅެއް ބޮޑުކޮށް ފެންނަނީ، ކުރު ފިލްމުތައް އޮންނާނެ، ބުނަން ނޭނގޭ ވަރަށް އެހާ ގިނަ،"

އިއްސެގެ ބައެއް ފީޗާ ފިލްމުތަކުގެ ތެރޭގައި، "އެދިއެދި ހޯދީމޭ" އާއި "އުމުރަށް ސަލާމް" އާއި "އިނގިލި" އާއި "ހޭލާ، ސަޒާ" އަދި "ލޫދިފާ" ހިމެނެ އެވެ. އިއްސެގެ ކުރު ފިލްމުތަކަށް ބަލާއިރު ސިޔާސީ ފިލްމުތަކާއި ކޮމެޑީ ފިލްމުތައް ގިނަ އެވެ. އެންމެ ގިނައީ ކޮމެޑީ ރޯލްތަކެވެ. ކޮމެޑީ ރޯލްތައް ކުޅެން އިއްސެ ބޭނުން ވަނީ ހެއްޔެވެ؟

"ސީރިޔަސް އާ ކޮމެޑީ އާ އޭތި އެ ލޭބަލް ކޮށްލާފައި އިނީމަ އެހެން އެ ކިޔަނީ، އަސްލު އެހެން އިންނަ ކަމެއް ނޫން އެއީ. އަޅުގަނޑުގެ އެބައި އިންނާތީވެ ޑައިރެކްޓަރުން އޭތި ކުޅުވަނީ އަސްލު، ސީރިއަސް ބައިވެސް، ކޮމެޑީ ރޯލަކުން އަޅުގަނޑު ނުކުތީ އެއާޕޯޓު ޑްރާމާއިން، ޖެހިގެން އައި އަހަރު އަޅުގަނޑު ކުޅުނީ ދެ ރޯލެއް، ސީރިޔަސް ރޯލަކާއި ކޮމެޑީ ރޯލަކާއި، އެއީ ކޮންމެ އެއްޗަކަށް ވިޔަސް އޭރު ކާމިޔާބު ވީމަ އެހެން ކުރިއަށް ދިޔައީ،"

"ކޮމެޑީ އަކީ އަސްލު އެންމެ އުނދަގޫ ކެޓަގަރީ އެކްޓިންގައި، އޭގެ ޓައިމިން އާ ބުނަން ޖެހޭ އެއްޗެހި ބުނުމާ އެ ހަރަކާތްތަކާއި އެއީ ކޮންމެ ކޮންމެ މީހަކަށް ވާނެ ކަމެއް ނޫން، އެކަން ހަށިގަނުގެ ތެރޭ އިންނާތީވެ އެހެން މީހުންނަށް އަޅުގަނޑު ކިބައިން ބޭރުކުރަން އެނގެނީ އަސްލު. ކޮންމެހެން ވަކި އިންޓްރެސްޓެއް ހުރެގެން އެހެން ވެފައި އިން ކަމެއް ނޫން،" އިއްސެ ބުންޏެވެ. "ދެން އަނެއްކާ މުހަންމާ، އޭނަ އަކީ ރާއްޖެއަށް ކޮޕީ އިއްސެއެއް އުޅޭކަން އިޝްތިހާރު ކޮށްދިން މީހެއް. 2007 ވަނަ އަހަރު އެއީ، ބުރުނީއަށް ކުރި ދަތުރެއްގައި ނައްޓާލީ ދެމަސް ދުވަހަށް އެރަށަށް ޗުއްޓީ ނަގައިގެން. ތިން ހަތަރެތި ނަގައިގެން އައީ، އަޅުގަނޑުގެ ކޮމެޑީ މީހުން ތެރެއަށް އާންމުވި ގޮތް އެއީ، ދެން މުހައްންމާ އެއްޗެއް ހަދަންޏާ އަޅުގަނޑު ލާ އޭގެ ތެރެއަށް، އަޅުގަނޑު މެން ދެ މީހުންގެ ކޮމްބިނޭޝަން ވެސް ދިމާވަނީ، ދެން ޝަމީލް އާ އެކުވެސް ވަރަށް ގިނަވާނެ"

ފިލްމީ ދާއިރާއިން އިއްސެއަށް ދެވިފައި ހުރި ހިސާބަށް އަދި މިހާތަނަށް އެހެން އެއްވެސް ފަންނާނަކަށް ދެވިފައެއް ނެތެވެ. ދާއިރާއިން ދެވޭނެ އެންމެ އުހަށް ވާސިލްވެފަ އެވެ. އިއްސެ އުފުލާލައިފައިވަނީ ހަމައެކަނި ގަައުމީ އެވޯޑުތަކެއް ނޫނެވެ. ބައިނަލް އަގްވާމީ އެވޯޑުވެސް އޭނާ ހާސިލް ކުރި އެވެ.

ދެހާސް ސާދަ ވަނަ އަހަރު ސާކް ފިލްމު ފެސްޓިވަލްގައި ވާދަކުރި 24 ފިލްމުގެ ތެރެއިން ރާއްޖެއިން ހުށަހެޅި "އިނގިލި" އިން ބެސްޓް އެކްޓަރުގެ އެވޯޑު އޭނަ ވަނީ ހޯދާފަ އެވެ. ބޮލީވުޑްގެ ދެ ފިލްމު ވާދަކުރަމުން ދަނިކޮށެވެ. ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވާ ތަރި އެކެވެ.

"ސާކް ފިލްމު ފެސްޓިވަލުން ބެސްޓް އެކްޓަރުގެ އެވޯޑް ހޯދީ ބޮލީވުޑްގެ ދެ ފިލްމު އޮއްވަ، އެއީ ރާއްޖޭގެ ގައުމީ ޓީމް ގޮސް މެންޗެސްޓާ ޔުނައިޓެޑް ބަލި ކުރުން ކަހަލަ ކަމެއް، އެއީ ބޮލީވުޑްގެ ވާހަކަ މިދައްކަނީ، އެހެން ނަމަވެސް ރައީސްގެ ސެޓްފިކެޓެއް ނޫން އެއްޗެއް ނުލިބުނު، އޭގައިވެސް އަނެއްހެން މާބޮޑު އަގެއް ނެތް، އެކަން ފާހަގަކުރާނެ މީހަކު ނުވި،"

ފިލްމީ ދާއިރާއިން އިއްސެ މާޔޫސްވި އެއް ސަބަބަކީ އެއީ އެވެ. އެ ދާއިރާއިން އިތުރަށް ކުރި ނޭރުމެވެ. ރާއްޖެއިން ދެވޭ އެންމެ މައްޗަށް ދެވުމުން މީހާ ހުއްޓުމެވެ. މިއީ އިއްސެގެ ހިޔާލެވެ.

ދިވެހި ފިލްމު "ހޭލާ" އަކީވެސް ފިލްމީ ދާއިރާއިން އިއްސެ މާޔޫސްވެފައި ހުއްޓާ އަނބުރާ އެ ދާއިރާއަށް ގެނެސްދިން ފިލްމެވެ. "ހޭލާ" އަށް ފަހު އިއްސެއަށް މި ދާއިރާއިން ގިނަ ފުރުސަތުތަކެއް ލިބުނެވެ.

"މިތަނުގައި މި އިންނަ ހަތަރެސްކަން ގޮޅީގެ ތެރޭގައި ތެޅިތެޅި ހުންނަން މި ޖެހެނީ، ވަކި ހިސާބަކުން މީހާ ހުއްޓެނީ، އަޅުގަނޑަށް ދެން މިއަށްވުރެ ކުރިއަކަށް ރާއްޖޭގައި ނުދެވޭނެ، ދެން ކޮން އެވޯޑެއްތޯ އަޅުގަނޑު މިތަނުން ހޯދާނީ. ބެސްޓް އެކްޓަރު، ކޮމީޑިއަން ސަޕޯޓިން އެކްޓަރު، ހުރިހާ އެއްޗެއްވެސް ލިބިއްޖެ،" އިއްސެ ބުންޏެވެ.

ފިލްމީ ދާއިރާ އާ ތަންކޮޅެއް ދުރުގައި ހުރި ނަމަވެސް މިހާރުވެސް އިއްސެ ދަނީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. މުޅިން އަލަށް ފިލްމީ ދާއިރާއަށް ނުކުންނަ ބަޔަކާ އެކީގަ އެވެ. ޝޫޓުކޮށްފައި ސްކްރީނާ ހަމައަށް ނާންނަ ފިލްމުތަކެއްވެސް އެބަހުއްޓެވެ.

އެންމެ ފަހުން އިއްސެ ކުރި މަސައްކަތަކީ މިއަހަރުގެ އޮފީސް ޑްރާމާ މުބާރާތަށް އެމްއޭސީއެލް އިން ބައިވެރި ކުރި ޑްރާމާގެ މަސައްކަތެވެ. އެ ޑްރާމާ ޑައިރެކްޓް ކުރީ އިއްސެ އެވެ. ޑްރާމާއިން އިއްސެ ފެނިގެނެއް ނުދާނެ އެވެ. އެހެން ނަމަވެސް އެ ޑްރާމާ އަކީ ޒަމާނަށް ފެތޭ އަދި މުޖުތަމައަށް މުހިންމު މެސެޖެއް ދޭނެ ޑްރާމާއެއް ކަމަށް އިއްސެ ބުނެ އެވެ.