ކުޅިވަރު

ރެއާލުން އެޓީމުގެ ހަތް ކުޅުންތެރިޔަކު ދޫކޮށްލަނީ

Jun 7, 2017
1

މި ސީޒަންގައި، ރެއާލް މެޑްރިޑްގައި ކުޅުނު، އެޓީމުގެ ހަތް ކުޅުންތެރިޔަކު ދޫކޮށްލަން، ރެއާލުން ތައްޔާރު ވެއްޖެ އެވެ.

އޭގެ ތެރެއިން، މިހާރުވެސް، ދޫކޮށްލާނެ ކަމަށް ޔަގީން ކުރެވިފައިވާ ކުޅުންތެރިޔަކީ، ޑިފެންޑަރު ޕޯޗްގަލްގެ ޕެޕޭ އެވެ. ރެއާލްގެ ކޮންޓްރެކްޓް ހަމަވެފައި ވުމުން، ކޮންމެ ކުލަބަކަށް އޭނާ ދިޔަސް ދާނީ ހިލޭ ޓްރާންސްފާ އެއްގަ އެވެ.

ޕެޕޭ، ރެއާލް މި ދޫކޮށްލަނީ، 10 އަހަރަށް ފަހު އެވެ. އޭނާ ވަނީ ރެއާލްގެ ޖޯޒީގައި 300 މެޗު ކުޅެފަ އެވެ. މިދިޔަ އަހަރު، ޗެމްޕިއަންސް ލީގް ރެއާލް ކާމިޔާބު ކުރިއރު، އޭނާ އަކީ ޓީމުގެ ޑިފެންސްގައި މުހިންމު ކުޅުންތެރިޔެކެވެ. ނަމަވެސް، ނިމިދިޔަ ސީޒަންގައި އޭނާ ވަނި ގިނަ ދުވަސްތަކެއް އަނިޔާގައި ހޭދަކޮށްފަ އެވެ.

އޭނާ ގެންދަން، ފްރާންސްގެ ޕީއެސްޖީ އާއި އިޓަލީގެ އިންޓަ މިލާނުން މަސައްކަތް ކުރާ ވާހަކަ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ޓީމުން، ދޫކޮށްލާނެ އަނެއް ކުޅުންތެރިޔަކީ، ޕޯޗްގަލްގެ ފަބިއޯ ކޮއެންޓްރާއޯ އެވެ. ފްރާންސްގެ މާސެލޯއިން، ނިމިދިޔަ ސީޒަންގައި އަލުން ރެއާލްއާ ގުޅުނު ކުޅުންތެރިޔާއަކީ، ސީޒަންގައި ރެއާލްގައި އެންމެ މަދުން މެޗު ކުޅުނު ކުޅުންތެރިޔާ އެވެ. ސީޒަންގެ ކުރީކޮޅާއި ފަހު ކޮޅުގައިވެސް އޭނާ ހޭދަކުރީ އަނިޔާގަ އެވެ. އޭނާ ދާނެ ކަމަށް ބެލެވެނީ، ޕޯޗްގަލްގެ ސްޕޯޓިން ލިޒްބަންއަށެވެ.

ރެއާލުން ދޫކޮށްލާނެ، އެންމެ ބޮޑު ނަމަކީ، ކޮލަމްބިއާގެ ހަމޭސް ރޮޑްރިގޭޒް އެވެ. ނިމިދިޔަ ސީޒަންގައި، ރެއާލްގެ ކީ ކުޅުންތެރިން، ނެތި ކުޅުނު މުހިންމު މެޗުތަކުގައި، ހަމޭސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި ބޮޑެތި މެޗުތަކުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނިކުމެ ތަފާތު ދައްކާފައި ވެއެވެ.

ނަމަވެސް، ޗެމްޕިއަންސް ލީގްގެ ފައިނަލު މެޗުގެ ސްކޮޑުގައި، އޭނާ ހިމަނާފައި ނެތުމުން، އޭނާ ވެސް ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އޭނަ ގެންދަން މަސައްކަތް ކުރަނީ، މެންޗެސްޓާ ޔުނައިޓަޑާއި، އިންޓައިން ނެވެ.

ދޫކޮށްލާނެ ކަމަށް، ބެލެވޭ އަނެއް ކުޅުންތެރިޔަކީ އަލްވާރޯ މޮރާޓާ އެވެ. ޓީމުގެ ސެންޓްރަލްސް ސްޓައިކަރެއްގެ ގޮތުގައި، މޮރާޓާއަށް ފުރަތަމަ 11 ގައި، ފުރުސަތު ދީފައި ވަނީ މަދު މެޗުތަކަކުން ނެވެ. ނިމިދިޔަ ސީޒަންގައި، އޭނާ އަލުން، ރެއާލްއަށް ބަދަލުވީ ޔުވެންޓަސްއިން ނެވެ. އޭނާ ގެންދަން ޔުނައިޓަޑުންވެސް ޝައުގުވެރި ވެއެވެ.

ދެ ކީޕަރުންގެ ތެރެއިން، ކޮންމެވެސް އެއްކީޕަރަކު، ރެއާލް ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެ ޓީމުން މަސައްކަތް ކުރަމުން، ދަނީ ޔުނައިޓަޑްގެ ކީޕަރު، ޑޭވިޑް ޑެހެއާ ގެނައުމަށެވެ. ނަމަވެސް، ޑެހެއާ ގެނައުމުގައި ރެއާލްގެ ވިސްނުން ކޮންމެވެސް ވަރަކަށް ވަނީ މިހާރު ބަދަލު ވެފަ އެވެ. އެއީ ސީޒަންގެ ފަހު ކޮޅުގައި، އެއްވަނަ ކީޕަރު ކޭލޯ ނާވަސް ދެއްކި މޮޅު ކުޅުމުން އޭނާއާ މެދު އިތުބާރު ބޮޑުވުމުން ނެވެ.

ޓީމުން ދޫކޮށްލާނެ ކަމަށް ބެލެވޭ އަނެއް ކުޅުންތެރިޔަކީ ޑިފެންޑަރު ޑަނިލޯ އެވެ. އޭނާގެ މައްސަލައަކީ، ފުރަތަމަ 11 އިން ލިބޭ ފުރުސަތު މަދުވުމެވެ. ނަމަވެސް އޭނާ އެއްކޮށް ދޫކޮށްލާކަށް ރެއާލް ބޭނުމެއް ނޫނެވެ. އެއްވެސް ޓީމަކަށް އޭނާ ދޫކޮށްލިޔަސް، ރެއާލުން ބޭނުން ވަނީ ލޯން އެއްބަސްވުމުގެ ދަށުން އޭނާ ދޫކޮށްލާށެވެ.

ދެން އަނެއް ކުޅުންތެރިޔަކީ، ޒުވާން ސްޓައިކަރު މަރިއާނޯ ޑިއަޒް އެވެ. އޭނާ ގެންދަން، ލިވަޕޫލުން ކުރިން، ޝައުގުވެރިކަން ފާޅު ކުރި އެވެ. ނަމަވެސް މިހާރު އޭނާ ގެންދަން އެންމެ ބޮޑަށް ބޭނުން ވަނީ ސްޕެއިންގެ މަލަގާ އެފްސީން ނެވެ.