ދެ ވަނަ ބޮޑު ހަނގުރާމަ 1939 ވަނަ އަހަރު ފެށުމާއެކު މި ސަރަހައްދުގެ އެންމެ ނާމާން ތަނަކަށް ވީ އިންޑިޔާ ކަނޑެވެ. އެއީ ޖަރުމަނާއި އަދި 1941 ގެ ސެޕްޓެމްބަރުން ފެށިގެން ޖަޕާނުގެ މަނަވަރު ފަހަރާއި ފީނާ ބޯޓު ފަހަރު އިންޑިޔާ ކަނޑަށް ވަދެ އިއްތިހާދީންގެ ބޯޓު ފަހަރަށް ހަމަލަ ދޭން ފެށުމުންނެވެ. ހަނގުރާންމަތީ ބޯޓުގެ އިތުރަށް މުދާ އުފުލާ އަދި ފަސިންޖަރުން ދަތުރު ކުރާ މަދަނީ ބޯޓު ފަހަރަށް ވެސް ޖަޕާނާއި ޖަރުމަން އަދި އިޓަލީގެ އުޅަނދުތަކުން ދިޔައީ ހަމަލަ ދެމުންނެވެ. ނަތީޖާއަކީ އާރެއް ބާރެއް ނެތް އެކަނިވެރި ދިވެހި ރާއްޖެއަށް ގަބޫލު ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ކުރިމަތިވުމެވެ.
ވިޔަފާރީގެ ދަތުރުތަކަށް ދިމާވި ހުރަސްތަކާއެކު ކާޑުގެ ދަތިކަން ކުރިމަތި ވުމެވެ. ރަށްރަށުގައި ހެދޭ ކާބޯތަކެތި އަޅާ ގަސްތައް ވެސް ގިނަ ދުވަސްތަކެއް ނުވެ މަދުވެ، މުޅި ރާއްޖެ ހާލުގައި ޖެހުމެވެ. ބަނޑުހައި ހޫނު ކަމުގައި މީހުން މަރުވާން ފެށުމެވެ. ހަނގުރާމަ 1945 ގައި ނިމެންދެން ދިވެހިން ތިބީ ބަނޑުހައި ހޫނުކަން މަތީގަ އެވެ. ދުނިޔެ އަށް އަމާންކަން އައި އިރު ރާއްޖޭގައި ބަނޑަށް ޖެހިގެން ގާތްގަނޑަކަށް 12،000 މީހުން މަރުވި ކަމަށް ބެލެވެ އެވެ. (މީއީ ލިޔެވިފައިވާ މަޒުމޫނުތަކާއި ފޮތްތަކުގައިވާ އަދަދު ބަލައިގެން އަންދާޒާ ކޮށްފައިވާ ވަރަށް ޔަގީން އަދަދެކެވެ.)
ދިވެހިންނަކީ އެދުވަސްވަރު ސިލޯނު، އިންޑިޔާ އަދި ބަންގާޅަށް ވިޔަފާރި ދަތުރުތައް އޮޑި ފަހަރުގައި ވެސް ކުރި ބައެކެވެ. އަހަރަކު އެއް ފަހަރު ހުޅަނގު މޫސުމުގެ އެންމެ ފަހު ނަކަތުގައި ރާއްޖެ އިން ބޭރަށް ގޮސް އަދި އިރުވައި މޫސުމުގެ ވަޔާއެކު ރާއްޖެ އަށް ވިޔަފާރި ކޮށް އުޅުނު ބައެކެވެ.
އެހެން ނަމަވެސް ހަނގުރާމައިގެ ސަބަބުން އިންޑިޔާ ކަނޑު ނާމާން ތަނަކަށް ވެފައިވާތީ މާކަނޑަށް ނުކުމެ ވިޔަފާރި ދަތުރު ކުރީ ވަރަށް މަދު ބައެކެވެ. ދަތުރު ކުރި އެއް އޮޑިއަށް ވަރަށް ހިތާމަވެރި ހާދިސާއެއް ދިމާވެސް ވި އެވެ. އައްޑު އަތޮޅުން ފުރައިގެން ސިލޯނަށް ދަތުރު ކުރަނިކޮށް ޔާހުންބަރާސް ނުވަތަ ފަތުހުލް މުބާރިކަށް ޖަޕާނުގެ ސިފައިން 1942 ގައި ހަމަލާ ދީ ފައްތާލި އެވެ. އެއިން ދަތުރު ކުރި 39 މީހުންގެ ތެރެއިން 37 މީހުން ވަނީ އެ ހާދިސާގައި މަރުވެފަ އެވެ. -- މި ރޯދަ މަހުގައި އެ ހާދިސާގެ ވާހަކަ ލިޔާނަމެވެ.
ރާއްޖެއަށް ހަނގުރާމައިގެ ތެރޭގައި އިނގިރޭސީންގެ ހެޔޮކަމުން ކޮންމެވެސް ވަރަކަށް ކާޑު ލިބެމުން ދިޔަ އެވެ. ނަމަވެސް އަތޮޅުތަކަށް އެކަށީގެންވާ މިންވަރަކަށް ކާޑު ލިބޭނެ ގޮތެއް ނުވި އެވެ. ރައްޔިތުން ބަނޑަށް ޖެހުމުން ސަރުކާރުން އަތޮޅުތަކަށް ގަސް އިންދުމަށާއި ދަނޑުވެރިކަން ފުޅާ ކުރުމަށް އެންގެވި އެވެ. އަދި އެންމެ ފަސޭހައިން ލިބެން ހުރި ފަތްޕިލާވެލި ކެއުމަށް ބޭނުން ކުރުމަށް އިރުޝާދު ދިނެވެ.
މިގޮތުން މަގޫ، ބޯށި ފަތް ކެއުމަށް ހުރިހާ ރަށަކަށް ސަރުކާރުން އެނގެވި އެވެ. ވަރަށް ގިނައިރު ވަންދެން ފެނުގައި ކެއްކުމަށް ފަހު މަގޫ ފަތުގެ ހިތިކަން ފިލުމުން ގަބުޅި ނުވަތަ ބިންބިއާ އެއްކޮށްގެން ވެސް ކައި އުޅުނެވެ. ފެނު ކައްކާފައި ހުންނަ ހުސް މަގޫފަތް ކައި އުޅުނު މީހުން ވެސް މަދެއް ނޫނެވެ.
ދެ ވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ހަބަރު ލިބުމާ ގުޅިގެން ބަނޑުހައި ހޫނުކަން ކުރިމަތި ވެދާނެތީ ސަރުކާރުން ރައްޔިތުންނަށް ގަސް އިންދުމަށާއި ހަރަދުތައް ކުޑަ ކުރުމަށް އިލްތިމާސް ކުރި އެވެ. އެ ދުވަސްވަރު ސަރުކާރުގެ މަތީ މަގާމުތައް ފުރުއްވި އަދި ދާހިލީ ވަޒީރު މުހައްމަދު އަމީނު ވިދާޅުވެފައިވާ ގޮތުގައި މި އިލްތިމާސްތަކަށް އެންމެ ފުރަތަމަ ރައްޔިތުން މާ ބޮޑަކަށް އަޅައެއް ނުލަ އެވެ. މައްސަލައިގެ ބޮޑުކަން ރައްޔިތުންނަށް އިހުސާސްވީ ތަންކޮޅެއް ފަހުންނެވެ. ފަހުން ގަސް އިންދާނެ ގޮތް އޮޅުން ފިލުވައިދީ ނަސޭހަތް ދެއްވުމަށްޓަކައި އިބުރާހިމް ފާމްލަދޭރި ކިލެގެފާނާއި މާދޫގޭ އަހުމަދު ކަލޭފާނު އަތޮޅުތަކަށް ފޮނުއްވި އެވެ. އެންމެ ދެކުުނުގެ ތިން އަތޮޅު ކަމުގައިވާ އައްޑޫ، ފުވައްމުލައް، އަދި ހުވަދު އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އެ ދެބޭފުޅުން ދަތުރު ކުރެއްވި އެވެ. މި ދަތުރަށް އެ ބޭފުޅުން އެނބުރި މާލެ ވަޑައިގަތީ 29 އޭޕްރީލް 1942 ގަ އެވެ. މާލޭގައި ވެސް ގަސް އިންދުމުގެ މަސައްކަތް ވަރަށް ވަރުގަދައަށް ކުރި އެވެ. އެ ދުވަސްވަރަކީ ހުސް ބިންތައް ގިނަ ގޯތިތަކުގައި ވެސް ގަސް ހައްދާނެ ޖާގަ އޮތް ދުވަސްވަރެއް ކަމުން އެކަށީގެންވާ ގޮތެއްގައި މާލޭގައި ވެސް ގަސް އިންދި އެވެ. އަދި ހުޅުލެ އާއި ވިލިނގިލީގައި ވެސް ކާބޯތަކެތި ހެއްދުމުގެ މަސައްކަތް މާލޭގެ އަވަށްތަކުން ކުރި އެވެ.
ކަނޑު ދަތުރުފަތުރު ކުރުން މަދުވުމުގެ ސަބަބުން ހަނޑޫ ލިބުން މަދުވާތީ 1942 ގެ އޭޕްރީލް މަހު ސަރުކާރުން ހަނޑޫ ކޮންޓްރޯލް ކުރި އެވެ. މީހެއްގެ މައްޗަށް އިރަކަށް ބައި ލާހި މަގުން ހަނޑޫ ހަމަޖެއްސި އެވެ. އަދި ކޮންމެހެން ބޭނުންވާ އެހެން ބާވަތްތައް ވެސް އޮތީ މި އުސޫލަށް ކޮންޓްރޯލެއްގެ ދަށުގަ އެވެ.
ޖަޕާނު ސިފައިން އޭޕްރީލް 5، 1942 ގައި ސިލޯނުގެ ވެރިރަށް ކޮޅުނބަށާއި އިރުމަތީ ބަނދަރެއް ކަމަށްވާ ޓްރިން ކޮމަލީ އަށް ދިން ބާރުގަދަ ހަމަލައިގެ އަސަރު ވެސް ރާއްޖެ އަށް ކުރީ ބަނޑުހައި ހޫނު ކަމަށް ލިބުނު އިތުރު ދައްޗަކާއި ވޭނެއްގެ ގޮތުގަ އެވެ. ނާ ފަހަރާއި އޮޑި ފަހަރު ކޮޅުނބަށް ވަނުން، މި ހާދިސާ އަށް ފަހު އިނގިރޭސީން މަނާ ކުރި އެވެ.
"ނަތީޖާ އަކީ މާލެ އަށް ކާބޯތަކެތި ލިބޭނެ ދޮރުތައް މުޅިން ބަންދުވުން. އެކަމުގެ ނަތީޖާއެއްގެ ގޮތުން މެދުވެރި ނުވެ ނުދާނޭ، ކާބޯތަކެތީގެ ދަތިކަން ދިވެހި ރާއްޖެ އަށް ވެރިވެގަތީ ވަރަށް ވެސް މަތިވެރި ދަރަޖައަކަށެވެ." މުހައްމަދު އަމީނު، އޭނާ ލިޔުއްވި "ދިވެހި ރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" މި ފޮތުގައި ވިދާޅުވެފައި ވެ އެވެ.
ގަސް އިންދާން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަށީގެންވާ މިންވަރަށް ކާބޯތަކަތި ލިބޭ ގޮތެއް ނުވި އެވެ. ބަނޑުހައި ހޫނުކަން ހުރިހާ ރަށެއްގައި ވެސް ދިޔައީ ބޮޑުވަމުންނެވެ.
"ބައެއް ރަށްރަށުގައި ބަނޑުހައި ހޫނު ކަމުގެ ސަބަބުން މީހުން މަރުވާން ފެށީ ބިރުގަންނަހާ ގިނަ އަދަދަކަށެވެ. މަރުނުވެ ތިބި ބައެއްގެ ހަށިތައް ދިޔައީ ހަމައެކަނި ކަށިތަކަކަށް ވަމުންނެވެ. ބަނޑުހައި ހޫނުކަން މި ދަރަޖައަށް ދާން ފެށިއިރު ފޭރާމުގެ ދަތިކަން އެއަށް ވުރެ ވެސް ބޮޑު ވެއްޖެ އެވެ. ހަށިގަނޑު ނިވާކޮށްލާނޭ އެއްވެސް ފަދައެއް ނެތިގެން ބޭރަށް ނުނުކުމެވޭ ފަދަ ހާލުގައި ޖެހިފައި ތިބީ މަދު އަންހެނުންނެއް ނޫނެވެ." މުހައްމަދު އަމީނު ލިޔުއްްވާފައި ވެ އެވެ.
ކާބޯތަކެތީގެ މަދުކަމާއެކު ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދާތީ އޮކްޓޫބަރު 22، 1942 ގައި އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން ބައެއް ތަކަތި ހަމައެކަނި ސަރުކާރުން ވިއްކާ ގޮތަށް ހަމަޖެއްސި އެވެ. އަދި އަތޮޅުތަކުގެ ހާލަތު ބައްލަވައި ލެއްވުމަށް ދާހިލީ ވަޒީރު މުހައްމަދު އަމީނު އުތުރުގެ އަތޮޅުތަކަށް ފެއްޓެވި ދަތުރުފުޅުގައި އެންމެ ބޮޑަށް ބަނޑަށް ޖެހިފައިވާ ކަމަށް ފާހަގަ ކުރައްވާފައި ވަނީ ނ. މަނަދޫ އެވެ.
"މަނަދޫގައި މިހާރު ވެސް ބަނޑަށް ޖެހިގެން ހިސާބަކަށް މީހުން އެބަ މަރުވެ އެވެ. ވަރަށް ހާލު ދެރަވެފައިވާ ވިއްސަކަށް ކުދިން ވެސް އެބަތިއްބެވެ،" މަނަދޫގެ ހާލަތާ ބެހޭ ގޮތުން އަމީނު ލިޔުއްވާފައި ވެ އެވެ.
އަމީނު ދަތުރުފުޅު ކުރެއްވި އިނގިރޭސި މަނަވަރު "މާލޮއި" އިން 20 ބަސްތާ ހަނޑުލާއި 20 ބަސްތާ ގޮދަން އަތޮޅަށް ބެހުމަށް ހަވާލުކުރި އެވެ.
ރުއްރުކުގެ ކާއްޓާއި ގަބުޅި ހުސްވުމުން އެމީހެއްގެ އަތު ޖެހުނު ގޮތަކަށް ޖެހުުނު ދިމާއަކުން ކަމުން ގޮސް އެންމެ ފަހުން އަގުބޮޑު ގަހަނާ އާއި ތެލިތައްޓާއި ފުރާޅުގެ ޓިނު ވިއްކައިގެން ވެސް ބައެއް މީހުން ކާއެއްޗެހި ހޯދި އެވެ.
ބަނޑުހައި ހޫނު ކަމުގެ ވޭން ކުޑަވާން ފެށީ 1945 ގެ އޯގަސްޓުގައި ހަނގުރާމަ ނިމި އިންޑިޔާ ކަނޑު އަމާން ވުމުންނެވެ.