ކުޅިވަރު

ނޫސްވެރިޔަކާ ކުރިމަތިލުމަށްފަހު ތުރާން ރިޓަޔާ ކޮށްފި

Jun 7, 2017

ނުސްވެރިޔަކާ ކުރިމަތިލުމެއް ހިންގުމަށްފަހު، ތުރުކީގެ ކެޕްޓަން އަދި ބާސެލޯނާގެ މިޑްފީލްޑާ އަރުދާ ތުރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ތުރުކީގެ ކުޅިވަރު ނޫސްވެރިޔެއް ކަމަށްވާ ބިލާލް މެސޭއާ ދެމެދު ކުރިމަތިލުމެއް ހިނގީ، މެސަޑޯނިއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެނބުރި އައި ދަތުރުގައި މަތިންދާ ބޯޓް ތެރެއިން ނެވެ. ތުރާން ވަނީ، މެސޭއަށް އަނިޔާވާ ގޮތަށް އޭނާގެ ކަރުގައި ހިފާފަ އެވެ.

"އަހަންނަށް ކުރެވުނު ކަންތަކަށް އަދަބު ލިބެން އަހަރެން މިހުރީ ތައްޔާރަށް، އަހަރެން މި ކުރަނީ އަހަރެން ކުރަންޖެހޭ ކަމެއް، އެހެންވެ އަހަރެން ގައުމީ ޓީމަށް ކުޅުން ހުއްޓަލިކަން އިއުލާން ކުރަން،" ތުރާން 30 ބުންޏެވެ.

"ގައުމީ ޓީމުގެ ޖޯޒީގައި ހުރެ، ގައުމީ ޓީމު ދަތުރު ކުރަމުންދަ މަތިންދަ ބޯޓެއްގެ ތެރޭގައި އަހަރެން ކޮށްގެން ވާނެ ކަމެއް ނޫން." އޭނާ ބުންޏެވެ.

ތުރާން ބުނީ އޭނާ މަސައްކަތް ކުރަނީ މޮޅު ކުޅުންތެރިޔަކަށް ވުރެ ބޮޑަށް ރަނގަޅު އިންސާނަކަށް ވުމަށް ކަމަށާއި، އޭނާއަށް ކުރެވުނު ކުށް އޭނާ ގަބޫލު ކުރާ ކަަމަށެވެ.

ތުރާން އޭނާގެ ފުޓްބޯޅަ ކެރިއާ ފެށީ އުމުރުން 17 އަހަރުގައި ތުރުކީގެ ގަލަތަސަރާއީ އިން ނެވެ. އޭނާ ވަނީ އުމުރުން 19 އަހަރުގައި ތުރުކީގެ ސީނިއާ ގައުމީ ޓީމަށް ކުޅެން ފަށާފަ އެވެ.

ގަލަތަސަރާއީއަށް ފަހުން، އޭނާ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ތުރުކީގެ މަނިސްޕޫރަށް ކުޅެފަ އެވެ. ދެން އޭނާ ބަދަލުވީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށެވެ. ބާސާއަށް 2015 ވަނަ އަހަރު އޭނާ ބަދަލުވީ 34 މިލިއަން ޔޫރޯ އަށެވެ. އެއީ ތުރުކީގެ ކުޅުންތެރިޔަކު އެންމެ އަގު ބޮޑުކޮށް ހެދި ޓްރާންސްފާގެ ޑީލެވެ.