މީހުން

ޝަރީފާގެ ދިރިއުޅުގެ ކުލަތައް އެސްޓީއޯއާ ގުޅިފައި!

Jun 8, 2017
3

އެއް ވަޒީފާއެއްގައި ވިހި، ތިރީސް އަހަރު އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު އެފަދަ މިސާލުތައް ރާއްޖޭގައި މަދެކޭވެސް ނުބުނެވޭނެ އެވެ. އެފަދަ އެކަކީ ރާއްޖޭގެ އެންމެ ބޮޑު ކުންފުނި، އެސްޓީއޯގެ މުވައްޒަފެކެވެ. އޭނާ އެ ކުންފުނީގެ ވަޒީފާއާ ގުޅުނީ އުމުރުން އެންމެ 18 އަހަރުގަ އެވެ. ޅަޒުވާން ދުވަސް ވަރު އެވެ. މިއީ އެސްޓީއޯގެ އެންމެ ދުވަސްވީ އަންހެން މުވައްޒަފެވެ. އެ ކުންފުނީގެ މެޑިކަލްގައި މަސައްކަތްކުރާ ޝަރީފާ އަލީ، އެސްޓީއޯ އަށް ހިދުމަތް ކުރާތާ 33 އަހަރު ވެއްޖެ އެވެ. މިއަދު ޝަރީފާ ދިރިއުޅުމުގެ އެއް ބަޔަކީ އެސްޓީއޯ އެވެ. އޭނާ ދިރިއުޅުޅުމުގެ ކުލަތައް ގުޅިފައިވަނީ އެސްޓީއޯއާ އެވެ.

"އަޅުގަނޑު އެސްޓީއޯ [ކުރީގެ ޓްރޭޑް] އަށް ވަތްއިރު ފުރަތަމަ ދަރިފުޅަށް ބަނޑު ބޮޑު. ބަނޑަށް ދެ މަސް. އެ ދުވަހަކުން ފެށިގެން މިހާރު މި ތަނުގައި [އެސްޓީއޯ] ގައި އުޅޭތާ 33 އަހަރު ވެއްޖެ،" ތިނެއް އޮގަސްޓް 1983 ވަނަ އަހަރު އެސްޓީއޯގެ ވަޒީފާއާ ގުޅުނު، ޝަރީފާ ބުންޏެވެ.

ޝަރީފާ ދިރިއުޅުމުގެ ގިނަ ކުލަތައް ގުޅިފައިވަނީ ރާއްޖޭގެ އެންމެ ދުވަސްވީ ކުންފުންޏާ ގުޅީފަ އެވެ. އެންމެ ޒުވާން ދުވަސްވަރުން ފެށިގެން އޭނާގެ ވަޒީފާ ހާއްސަ ވަނީ ދިވެހިންގެ ސިއްހީ ހިދުމަތް ދިނުމުގެ ދާއިރާގަ އެވެ. އެސްޓީއޯ މެޑިކަލްގައި އޭނާގެ ގިނަ ހަނދާ ތަކެއް ވަނީ ރައްކާކުރެވިފަ އެވެ.

"ފުރަތަމަ ކުރި މަސައްކަތަކީ ޔައުމިއްޔާ ލިޔުން. އިންވެންޓްރީ ބެލެހެއްޓުން. އޭރުގައި މާކަބޮޑު ކަމެއް ހަގީގަތަށް ބުނާނަމަ ނޯވެ! އޭރު ވެސް މެޑިކަލް އެއްޗިހި ހުރޭ. ބޭސް ކޮޅޫވެސް ވަރަށް މަދު. އޭރު ހުންނާނީ އެންމެ ދެ ފްރިޖު ބޭސް އެއްޗިހި ބަހައްޓަން. އެހާވެސް އެއްޗިި މަދުވާނެ. އެކަމަކު މިހާރު ވަރަށް ބޮޑަށް ފުޅާވެފައި މިވަނީ،" ފުރަތަމަ ކާތިބާއެއްގެ ވަޒީފާއަށް ވަތް ޝަރީފާ ކިޔައިދިނެވެ.

މިހާރު ޝަރީފާގެ ޒިންމާ އޮތީ މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އެސްޓީއޯގެ ބޭސް ފިހާރަތަކާ ގުޅިފަ އެވެ.

ޝަރީފާ އެސްޓީއޯގައި 33 އަހަރު ވަޒީފާ އަދާކޮށްފައިވާއިރު ހިތުން ތަފާތު ތަޖުރިބާތައް ކޮށްފި އެވެ. މި ދުވަސްތަކުގެ ތެރެއިންވެސް އެންމެ ހަނދާނުން ނުފިލާ ދުވަހަކީ އެސްޓީއޯ ބޭސް ގުދަނުގައި 2008 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާ އެވެ. މި ދުވަހަކީ އޭނާ އެންމެ ހިތުން ނުފިލާނެ އަދި އެންމެ ދެރަވީ ވެސް ދުވަހެވެ.

"ގޯޑަރުން އެނދި ދުވަހަކު އެއީ ބަނދު ދުވަހެއް. އެކަމަކު އެނގުމާއެކު އަޅުގަނޑުވެސް ދިޔައިން. ހަގީގަތުގައި އެއީ ވަރަށް ދެރަވި، އަދި ހަނދާނުން ވެސް ނުފިލާނެ ދުވަހެއް،" ޝަރީފާ ބުންޏެވެ.

ޝަރީފާގެ ތިން ކުދިން ތިބޭއިރު އެއް ކުއްޖަކަށް 26 އަހަރެވެ. މި ކުދިނާއި ފިރިމީހާގެ ސަޕޯޓަކީ މި ވަޒީފާގައި ކުރި އަށް ދިއުމުގައި އެންމެ މުހިންމު ދައުރެއް ކުޅޭ އެއް ކަމެވެ.

"ވަޒީފާގައި ބުރަކޮށް އުޅުނު ނަމަވެސް އާއިލާ އަށް ވަގުތު ދެން އަބަދު ވެސް. ހުރިހާ ކުދިން ވެސް ދެކެނީ ވަރަށް ރަނގަޅު މަންމައެއްގެ ގޮތުގައި."

ޝަރީފާ ބުނި ގޮތުގައި މި ދުވަސްތަކުގައި އެންމެ ފާހަގަ ކުރެވެނީ އެސްޓީއޯ އިން މުވައްޒަފުންނަށް ބަހައްޓާ ގާތްކަން ކަމަށެވެ. ހާއްސަކޮށް އެ ކުންފުނީގެ ވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން ވަރަށް ބޮޑަށް އޭނާ ފާހަގަ ކުރެވެ އެވެ.

"މި ދުވަސްތަކުގައި އެންމެ ފާހަގަ ކުރެވެނީ ބޭސް ގުދަނުން އައިޖީއެމްއެޗްގެ ސްޓޯ ހަވާލު ކުރި ދުވަސް. އެ ދުވަހު އަޅުގަނޑު ވަރަށް އުފާވި،" ޝަރީފާ ބުންޏެވެ.

އެސްޓީއޯގެ ވަޒީފާގައި މިހާތަނަށް އެންމެ ބުރަކޮށް މަސައްކަތް ކުރީވެސް އެ ދުވަސްވަރެވެ. މި ދުވަސްވަރު މެދުނުކެނޑި ރެއާއި ދުވާލު މަސައްކަތް ކުރަން ޖެހުނެވެ.

އޭނާ މި ދުވަސްތަކުގައި ޝަރީފާ ވަނީ އެސްޓީއޯގައި ގިނަ ކުރި އެރުން ތަކެއް ވެސް ހޯދާފަ އެވެ. މިގޮތުން ޖެހިޖެހިގެން ދެ އަހަރު އެންމެ ގިނަ ދުވަސްވީ އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުގެ މަގާމު ވެސް ހޯދި އެވެ.

މިހާރު ޝަރީފާގެ ޒިންމާ އޮތީ މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އެސްޓީއޯގެ ބޭސް ފިހާރަތަކާ ގުޅިފަ އެވެ.

ޝަރީފާ ގަބޫލު ކުރާ ގޮތުގައި އެސްޓީއޯ ވަޒީފާގައި ކާމިޔާބުވުމުގެ ސިއްރަކީ ކަމަށް ކަމޭ ހިތުމެވެ. މަސައްކަތަށް ދިން ސަމާލު ކަމެވެ. އަނެއް ކަމަކީ އެސްޓީއޯ އިން މުވައްޒަފުންގެ މަސައްކަތް ބަލައި ގަތުމެވެ. ކުންފުނިން މުވައްޒަފުންނަށް ދޭ ސަމާލު ކަމެވެ.

އެއް ވަޒީފާގައި 33 އަހަރުގެ ތަޖުރިބާއާއެކު ޝަރީފާ މިއަދުގެ ޒުވާނުންނަށް މެސެޖެއް ދިނެވެ.

"ބުނަން ބޭނުންވަނީ ފަރުވާތެރިކަމާއެކު މަސައްކަތް ކުރާށޭ. ހަމައެކަނި މުސާރަ އަށް ނުބަލާށޭ. ގަޑިއަށް ފަރުވާތެރިވާށޭ. ފޫނި ނުވާށޭ. ކަމަށް ކަމޭ ހިތާށޭ. އޭރުންނޭ ޓާގެޓަށް ދާނީ،" ޝަރީފާ ނިންމާލަމުން ބުންޏެވެ.