ރޯދަ މަހާ ރޯއްޖާ

ބައިސްކަލުން ވައި ކަފާ މީހާ: ރާއްޖޭގެ އެއް ވަނަ

  • ބައިސްކަލް ދުއްވުމުން ރާއްޖެއަަށް ވަނަ ހޯދައިދިން
  • ރާއްޖޭގެ ގިނަ މުބާރާތްތަކުގެ ޗެމްޕިއަން
  • ކާމިޔާބު ކުރަން ބުރަ މަސައްކަތްތަކެއް ކުރި

ނަވާރަ ސަތޭކަ ހަތް ދިހައިގެ އަހަރުތަކުގައި މި ތަރީގެ ވިދުން ގަދަ އެވެ. އެ ދުވަސްވަރު ރާއްޖޭގައި ބާއްވާ ހުރިހާ ބައިސްކަލް މުބާރާތް ތަކުން ރަން ވަނަތައް ހޯދަނީ ފަސޭހަކަމާއެކުގަ އެވެ. އޭރު އޭނާއާ ވާދަކުރެވޭ މީހުން ފަސް އިނގިލިން ގުނާލެވޭނެ އެވެ. މިއީ ކުރީގެ މަޝްހޫރު ބައިސަކަލް ދުއްވުންތެރިޔާ އިބްރާހިމް ޝަރީފް އާއްމު ނަމުންނަމަ "ވީޝަން ޝަރީފް" އެވެ.

"އެ ދުވަސްވަރު ބާއްވާ ހުރިހާ މުބާރާތްކުންވެސް އެއްވަނަ ހޯދަން. އެކަމަކު ވަރަށް މަސައްކަތުން އެވަނަ ލިބެނީ،" މިހާރު 60 ގެ އަހަރުތައް ގުނަމުން ގެންދާ ލީޝަން ޝަރީފު ބުންޏެވެ.

ވީޝަން ޝަރީފު ފުރަތަމަ ބައިސްކަލް ދުއްވަން ފެށީ 1970 ވަނަ އަހަރު އެވެ. އޭނާ ބައިސްކަލުގައި މުބާރާތްތައް ޖަހަން ފަށާފައިވަނީ 1977 ހިސާބު އެވެ. ފުރަތަމަ "ޓްރެކަށް" ނުކުތްއިރު ވެސް އޭނާގެ ހުނަރު ފާހަގަވާ ކަމަށްވެ އެވެ. މިގޮތުން ފުރަތަމަ ބައިވެރިވި މުބާރާތުގައި ވެސް ފައިނަލް ބުރު ދުއްވާފައިވެ އެވެ.

"ނަވާރަ ސަތޭކަ އަށްޑިހަ ހިސާބުން ފެށިގެން ވަރަށް ގިނަ ރޭސްތަކުން ވަނަ ލިބޭ.އޭރު 11 ރޭސް ބާއްވާ. މީގެ ތެރެއިން ގިނަ ރޭސްތައް ކާމިޔާބުކުރެވޭ،" ޝަރީފު ބުންޏެވެ.

"ފުރަތަމަ ދުއްވީ މާލެ ވަށައި އެންމެ ބުރެއް. އެކަމަކު ފަހުން ހަތަރު ބުރަށް ބަދަލުކުރީ. އެ ދުވަސްވަރު އެންމެ ފޯރުގަދަ އެއް ކުޅިވަރަކީ މިއީ،" ޝަރީފު ބުންޏެވެ.

އެ ދުވަސްވަރު ވީޝަން ޝަރީފްއާ ވާދަކުރެވޭ މީހުން މަދެވެ. ނަމަވެސް އެކި ދުވަސްވަރު ވާދަކުރާ ނަންތަކެއް އޭނާ ފާހަގަ ކުރެ އެވެ. މީގެ ތެރޭގައި ސައުތު ތައުފީގާއި ސައުދު ހަސަން އާއި އަލީ ސަލީމް ފަދަ ބޭފުޅުން ހިމެނެ އެވެ.

"އެންމެން ދުއްވަން ފަށައިގެން ދުއްވުން ހުއްޓާލީ. އެކަމަކު އަޅުގަނޑު ދުއްވަމުން ގެންދިޔައީ،" ޝަރީފު ބުންޏެވެ.

ޝަރީފުވަނީ 1994 ހިސާބު ރާއްޖޭން ބޭރުގައި ބޭއްވި މުބާރާތްތަކުގައި ވާދަކޮށް ވަނަވެސް ހޯދާފަ އެވެ. މިގޮތުން އިންޑިޔާގެ އޮތް މުބާރާތެއްގައިވެސް ވާދަ ކުރި އެވެ.

"މި ގޮތުން ބޭއްވި ދެ މުބާރާތުގެ ތެރެއިން އެއް މުބާރާތަކުން އެއްވަނަ އަދި އަނެއް މުބާރާތަކުން ދެވަނަ ލިބުނު. އެ މުބާރާތައް ގެންދިޔައީ ޒާހިރު ނަސީރު. އެ މުބާރާތައްވެސް ހަ މަސް ދުވަހު ޕްރެކްޓިސް ކުރި،" ޝަރީފު ބުންޏެވެ.

" އެ މުބާރާތައް ދިޔައިރު އަޅުގަނޑު އުމުރުން ތަންކޮޅެއް ދުވަސްވެފައި ހުރުމުން އެ މީހުން ސުވާލު އުފެއްދި އަޅުގަނޑަށް މުބާރާތް ޖެހިދާނެތޯ؟ އެކަމަކު ވަނަ ލިބުމުން އެ މީހުންވެސް ތިބި ހައިރާންވެފައި،" ޝަރީފު ބުންޏެވެ.

އޭނާ ބުނީ މުބާރާތްތަކުގައި ވާދަކުރަނީ ލިބޭ އިނާމަށްވުރެ ކުރާ ހިތުން ކުރާކަމެއްގެ ގޮތުގައި ކަމަށެވެ.

"އޭރު ބައެއް މުބާރާތްތަކުން 400ރ. ނޫނީ 150ރ. ވެސް އިނާމަކަށް ލިބޭ. ބައެއް ފަހަރު ރޯޑްރޭސްތަކުގައި ބައިސްކަލް ވެސް ލިބޭ،"ޝަރީފު ބުންޏެވެ.

ޝަރީފުވަނީ މީގެ އިތުރުން ކްބަލް ފެންވަރުގައި ވެސް ގިނަ ވަނަތަނެއް ހޯދާފަ އެވެ.

"ލަޔަން ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓް ކްލަބްގެ އިތުރުން ޔޫތް ސްޕޯޓްސް ކުލަބާއި ކޮރިނޯ ކްލަބުގެ އިތުރުން ބީޖީ ސްޕޯޓްސްއަށްވެސް ބައިސްކަލް ދުއްވައިގެން ތަށި ލިބިފައިވޭ،" ޝަރީފު ބުންޏެވެ

އޭނާ ބުނި ގޮތުގައި 1984 ވަނަ އަހަރު ސްޕޯޓްސް މަން އޮފް ދި އިޔާ ލިބުމަކީ ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

މި ދުވަސްވަރުގެ މުބާރާތްތަކުގައި ޝަރީފު ވަނީ ތަފާތު މަޖާ ކަންތައްތަކާ ވެސް ދިމާވެފަ އެވެ. މިގޮތުން އެ ދުވަސްވަރު ބައިވެރިވި ބައެއް މީހުންގެ ހަނދާންތައް އޭނާ އާކުރެ އެވެ.

"ހޯނު ޔޫސުބު ކިޔާ ބޭފުޅަކު ހުންނަވާނެ. ކޮންމެ މުބާރާތަކުވެސް ބައިވެރިވާނެ. އޭނާ ރޭސް ނިންމާނީ ހުރިހާ ހޮޓަލަކުން ސައި ބޮއިގެން. ޑަބިޔާ ތަޅަން ވެސް ހުރެފާނެ،" އެ ދުވަސްވަރުގެ އުފާވެރި ހަނދާތައް ޝަރީފުއާ ކުރި އެވެ.

ޝަރީފުގެ މަސައްކަތުން ހޯދު ކާމިޔާބީއާއެކު މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ ބައިސްކަލްގެ ހުނަރު މިއަދުގެ ޖީލަށް ދިރުވުމަށެވެ. މިގޮތުން ބައިކް މޯލްޑިވްސްގެ މެންބަރެއްގެ ގޮތުން އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.

މިއީ ރާއްޖޭގައި ހުރި ބައިސްކަލްގެ އެއްވަނަ އެވެ. ހަމަގައިމުވެސް މުޅިގައުމު ފަހުރުވެރިޔާ ޝަރީފަކީ ބައިސްކަލްގައި "ވައިކަފާފައި" ދުއްވާލަން ރާއްޖޭގެ އެއްވަނަ އެވެ.