ސްކޫލް ނިންމުމަށް ފަހު ފުރަތަމަ އެންމެ ފުރަތަމަ ވަތް ވަޒީފާއަކީ މިއީ އެވެ. ފުރަތަމަ ވަޒީފާއަކަށް ނުކުތީ 2003 ވަނަ އަހަރު އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެއް ވަޒީފާއެއްގައި އުޅެމުން ގެންދަނީ އެވެ. މިއީ ވިލާ ޓްރެވަލްސްގެ ފަރުހަތު އަބްދުލް ލަތީފު، އާއްމު ނަމުންނަމަ ފަރޭ އެވެ.
ފުރަތަމަ ވަޒީފާ އަދާކުރީ ވިލާގެ ކާޑު ސެންޓަރުގަ އެވެ. މިބައިގައި އެއް އަހަރެއްހާ ދުވަހު މަސައްކަތްކުރި އެވެ. އެއަށްފަހު ދެން ވަޒީފާއަދާކުރީ އެއާޕޯޓުގަ އެވެ. ފްލައިޓް ހޭންޑްލިންގައި މަސައްކަތް ކުރި އެވެ.
"ވަޒީފާގައި އުޅެނިކޮށް ވިލާއިން ލިބުނީ ކިޔަވަން ދާން ފުރުސަތެއް. އެ ފުރުސަރުގައި ގޮސް ކިޔަވައިގެން އައިސް އަދިވެސް މި އުޅެނީ މިތަނުގަ،" ފަރޭ ބުންޏެވެ.
މި ކުންފުނީގައި މަސައްކަތްކުރާ 13 އަހަރުވެފައިވާ ފަރޭ ވަނީ މި ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުން ބޭރުގައި މަތީ ތައުލީމް ހާސިލްކޮށްފަ އެވެ. މެލޭޝިޔާގައި ޑިގްރީ ފުރިހަމަ ކުރި އެވެ.
ފަރޭވަނީ ވިލާގެ ގިނަ ވަޒީފާތަކެއް ވެސް އަދާކޮށްފަ އެވެ. ހާއްސަކޮށް ވިލާ ޓްރެވަލްސް މި ދާއިރާ އިން ކުރި އަރައިގެން ދިއުމުގައި ފަރޭގެ ދައުރުވެސް ކުޑަ ނުވާނެ ކަމަށް ބުނެވިދާނެ އެވެ. މި ކުންފުނިން ޓިކެޓި ވިއްކާ މުހިންމު އެއާލައިންތައް ކަމަށްވާ އެއާ އިންޑިޔާ އާއި މެލޭޝިއަން އެއާލައިންސް އަދި ޗައިނާ އީސްޓަން އާއި ސަދަން އެއާލައިން ފަދަ ބޭރުގެ އެއާލައިންތަކަށް ދަނީ ހިދުމަތް ދެމުންނެވެ.
"އެންމެ ކުރިންވެސް އަސްލު ޝައުގުވެރިވަނީ މި ދާއިރާއަށް އެހެންވެ މި ދާއިރާ ހިޔާރު ކުރީ. އަސްލު ވަރަށް ޗެލެންޖިން ދާއިރާއެއް މިއީ."
ފަރޭ ގަބޫލުކުރާ ގޮތުގައި މި ދާއިރާއަކީ ޒުވާނުން މަސައްކަތް ކުރަން އެންމެ ރަނގަޅު އެއް ދާއިރާއެވެ. އަދި މި ދާއިރާގައި ހުރި ފުރުސަތު ތައް ގިނަ އެވެ. ހާއްސަކޮށް ކުރިއަރައިގެންދާން ގިނަ ފުރުސަތުތަކެއް އެބަހުއްޓެވެ.
"މި ދާއިރާގައި ވަރަށް ބައިވަރު ބޭރު މީހުން އުޅޭ. ސޭލްސް އެގްޒެކެޓިވް މަގާމުގައި. އެކަމަކު ރަނގަޅަށް މަސައްކަތް ކޮށްގެން ކުރިއަރައިގެން ދެވޭނެ. މީގައި ޖެހޭނީ ވަޒީފާގައި ރަނގަޅަށް އުޅެން،" ފަރޭ ބުންޏެވެ.
"މީގައި ޖެހޭނީ ކަމަށް ކަމޭ ހިތައިގެން މަސައްކަތް ކުރަން. އެގޮތަށް މަސައްކަތް ކޮށްގެން ކުރިއަށް ދާނީ."
ފަރޭ ގަބޫލުކުރާ ގޮތުގައި ކުންފުނީގެ އެންމެ އިސްވެރިންގެ ފަރާތުން ވަޒީފާއިން ކުރިއަށް ދިއުމުގައި ބޮޑު އެހީތެރިކަމެއް ލިބިގެންދެ އެވެ. މިއާއެކު ދެން އެންމެ ބޮޑު ޝުކުރުއެއް އޮތީ އާއިލާ އަށެވެ.