ކުރީގެ ތަރިންގެ ވިދުން މިހާރު ވެސް ފަނޑުވެގެން ނުދެ އެވެ. އަދި އެ ހަނދާންތަކާއި އެ މަސައްކަތް ގިނަ ތަރިން މިހާރު ވެސް ހަމަ އެގޮތުގައި ކުރެ އެވެ. އެހާރާއި މިހާރުގައި މިފަދަ ތަރިން ހިދުމަތް ކުރުމުގައި މާކަބޮޑު ތަފާތެއް ނެތޭ ބުނެވިދާނެ އެވެ. އެފަދަ އެއް ބޭފުޅަކީ ނަވާރަ ސަތޭކަ ހަތްދިހައިގެ އަހަރުތަކުގައި މަޖީދީޔާ ސްކޫލް ފުޅުބޯޅަ ޓީމުގައި އެންމެ ނަގާ ކިޔާ އެއް ކުޅުންތެރިޔާ އެވެ. އޭގެ ފަހުން ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކްލަބު ކަމަށްވާ ކްލަބް ވެލެންސިޔާ އުފެއްދުމުގައި 1970 ގެ އަހަރުތަކުގައި ވެސް އުޅުއްވި އެވެ. މިއީ އަބްދުލް ހަމީދު އަބްދުލްޣަފޫރު އާއްމު ބަހުންނަމަ (އައްޑޯ) އެވެ.
"އޭރު ހެނވޭރު ޕާކުގައި ކުޅެނީ. އެތަނުން ގިނަ ކުޅުންތެރިން އުފެދުނީ. ފުރަތަމަ ރީޔުނިއަންގައި ބޭއްވި އިންޑިއަން އޯޝަން ގޭމްސް ވެސް ހޮވުނު. އެ ކަމަކު އެފަދަ ނުދެވުނީ،" އައްޑޯ ފުޅުބޯޅައިގެ ދުވަސްވަރުގެ ހަނދާނުން ބައެއް ހިއްސާ ކުރި އެވެ.
ވެލެންސިޔާ އުފެއްދުމުގައި އުޅުނު މީހުންގެ ތެރޭގައި އުޅެ، އެ ކްލަބް ވުޖޫދަށް ގެނައުން ވެގެން ދިޔައީ ދިވެހި ފުޅުބޯ އަށް "ޕާސިކް ގޭމް" ތައާރަފުވުމަށެވެ. އަދި ނޭޕަލްގައި ބޭއްވި ސާފް ގޭމްގައި ގައުމީ ފުޓުބޯޅަ ޓީމަށް ވެސް ކުޅުނެވެ. ނަވާރަ ސަތޭކަ 1984 ގައި އޮތް މި މުބާރާތުގައި ވައިސް ކެޕްޓަކީ އައްޑޯ އެވެ.
"ވެލެންސިޔާ އައިއިރު ރާއްޖޭގައި ރީތި ފުޅުބޯޅައެއް ނުކުޅޭ. އޭރު އޮންނަނީ ބާރަށް ބޯޅަ ޖަހާ މީހާއަކީ އެންމެ މޮޅު މީހާ. މިހެން އޮއްވައި، އެއް ފަހަރު ލިބުނީ 1978 ގައި އާޖެންޓީނާ އާއި ހޮލެންޑު މެޗުގެ ޓޭޕެއް. އެ ޓޭޕު ވީސިއާރަށް އައްވައިގެން އެންމެން ބަލަނީ. މި ޓޭޕު ގެނެސްދިނީ ޒާހިރު ނަސީރު. އެގޮތަށް ބެލީމަ މި އެނގުނީ ހަގީގީ ފުޓުބޯޅަ ކުޅޭ ގޮތް.އެ ޓޭޕު 22 ވަރަކަށް ފަހަރު ބެލިފައި ހުންނާނެ. އެހެންވެ ހެން ހީވަނީ އެގޮތަށް ކުޅެން ފެށުނީ،" އައްޑޯ ވިދާޅުވި އެވެ.
އޭގެ ފަހުން، ރާއްޖޭގެ ކްލަބަކަށް ގެނައި ފުރަތަމަ ކޯޗު ވެސް ވެލެންސީއާ އަށް ގެނަ އެވެ. މިކަން ނިންމީ އޭރު ކްލަބް ހިންގުމުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅާކަމަށްވާ ހިޔަލީ މުހައްމަދު ރަޝީދު އެވެ. ފުރަތަމަ ކޯޗަކީ ސްރީލަންކާ މީހެވެ.
"އޭގެ ފަހުން ކްލަބް ތަކަށް ކޯޗުން ގެންނަން ފެށީ. އޭގެ ފަހުން މުބާރާތް ވެސް ދިގުވެއްޖެ،" މިޑް ފީލްޑަށް ކުޅުނު އައްޑޯ ވިދާޅުވި އެވެ.
އައްޑޯ އަށް ކުޅިވަރުގައި ގިނަ އިނާމު ތަކެއް ވެސް ލިބިފައިވެ އެވެ. މިގޮތުން 21 އަހަރުން ދަށުގެ ކުޅުންތެރިއަކަށް ފުރަތަމަ ދިން އެންމެ އުންމީދީ ކުޅުންތެރިޔާގެ އިނާމު 1981 ގައި ދެ އަހަރަކު ލިބުނެވެ. މީގެ އިތުރުން 2013 ވަނަ އަހަރު ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން ސަރުކާރުން ދެއްވާ އިނާމު ވެސް ލިބުނެވެ. މީގެ އިތުރުން ވެލެންސިޔާ އެފްއޭކަޕް ކާމިޔާބު ކުރިއިރު ކޯޗަކީ ވެސް އައްޑޯ އެވެ. އަދި ގައުމީ ފުޅުބޯޅަ ޓީމުގެ އެސިސްޓެންޑް ކޯޗުގެ މަގާމު ވެސް ފުރުއްވިއެވެ.
ކުޅުމުގެ އިތުރުން، ފުޓުބޯޅައިގެ މެނޭޖުމަންޓުގައި އައްޑޯ ގިނަ ހިދުމަތްތަކެއް ކުރެއްވި އެވެ. އެފްއޭއެމް ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވި އެވެ. އަދި އޭއެފްސީ އިން ބާއްވާ ގިނަ ފުޓުބޯޅަ މުބާރާތްތަކުގައި މެޗު ކޮމިޝަނަރު ކަން ވެސް ކޮށް އަދި މިހާރު ވެސް ދަނީ ކުރަމުންނެވެ.
ފުޅުބޯޅައިގެ ތަފާތު މަސައްކަތުގައިވެސް އަައްޑޯ ވަނީ ކާމިޔާބު ހޯދާފަ އެވެ. މިގޮތުން 2010 ވަނަ އަހަރު އޭޝިޔާގެ އެންމެ މޮޅު މެޗު ކޮމިޝަނަރުކަން ހޯދާފައިވަނީ އޭނާ އެވެ.
އައްޑޯ މަސައްކަތް ކުރައްވަމުން ގެންދެވީ އެއާ މޯލްޑިސްގަ އެވެ. އޭގެ ފަހުން މެލޭޝިޔާ އެއާލައިންގެ ރާއްޖޭގެ މެނޭޖަރުގެ މަގާމު ވެސް ފުރި އެވެ. މިހާރު އައްޑޯ މަސައްކަތް ކުރަނީ އެއާ އޭޝިޔާއާ އެކުގަ އެވެ. މި އެއާލައިންގެ ރާއްޖޭގެ ރެޕްރެޒެންޓަކީ އައްޑޯމެންނެވެ.
އައްޑޯގެ އޭރުގެ އެއް ދުވަސް ބުނެދޭނަމަ، ވަރަށް ތަފާތު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭރު އޮފީސް ނިންމާލުމަށްފަހު ދެން ދާނީ ފުޅުބޯޅަ ކުޅޭށެވެ. އަދި އެއަށްފަހު ދެން އުޅޭނީ ފުޅުބޯޅައިގެ ތެރޭގަ އެވެ. ނަމަވެސް މިހާރުގެ އެއް ދުވަސް ވަރަށް ތަފާތެވެ. އައްޑޯއަކީ އެއާ އޭޝިޔާގެ ރެޕްޒެޓެންޓަކަށް ވުމުން އަބަދު ވެސް މަސައްކަތް ކުރަން ޖެހެ އެވެ. އަދި ހާއްސަކޮށް އިންޓަނެޓުން މަސައްކަތް ކުރާ ޒަމާނަކަށް ވުމުން، އެ މަސައްކަތް ތާ އަބަދު ކުރަން ޖެހެ އެވެ.
"ވަރަށް އޮގަނައިޒްކޮށް އުޅޭނީ އޭރު. އެއާ މޯލްޑިވްސްގައި ފަތިހުވެސް ދާން ޖެހިދާނެ. އެހެންވެ ފަރިތަކުރަން ދާން ގަޑި ހަމަޖައްސާފަ އޮންނާނީ. އޭރު ފަތިހު ގޮއްސަ ހަވީރަށް ނިންމާނީ. ހަވީރު ދާނީ ފުޅުބޯޅަ ކުޅެން،" އައްޑޯ ވިދާޅުވި އެވެ.
އެކަމަކު ކުޅިވަރުން އައްޑޯއަށް ވަނީ ފުރިހަމަ އަހުލާގެއް ލިބިފަ އެވެ. ގަޑިއަށް ސަމާލުވުމާއެކު، މަސައްކަތުގެ އަހުލާގު މިއީ ކުޅިވަރުން ދަސްވި ކަންތަކެވެ.
"އަޅުގަނޑު ބުނާނީ ސީރިއަސްކޮށް ކުޅިވަރު ކުޅޭ މީހަކުނަމަ ހުންނާނެއޭ ޑިސިޕްލިންއެއް. ހާއްސަކޮށް ވަގުތަށް ސަމާލުވުން ފަދަ ކަންކަން. ފުޓު ބޯޅައަކީ އެންޖޯއީ ކުރާ ކަމެއް. މިހާރު ވިޔަފާރިވެސް އެގޮތަށް. އެހެންވެ މިއީ ހުރިހާ މީހުންވެސް އެންމެ ވިސްނަން ޖެހޭ ކަމަކީ."