މީހުން

ބޯޅަ ދޫކޮށްލިއަސް ދިރިއުޅުން ބޯޅައާއެކު!

ކުޅިވަރު ކުޅުންތެރިންގެ ތެރެއިން މިއީ ނަމޫނާ މޫނެކެވެ. މުޅި އާއިލާ ކުޅިވަރުގެ ތެރޭގައި އުޅުމުން ކަމަށް ވެސް ވެދާނެ އެވެ. ކުޅިވަރުން ލިބުނު އަހުލާގާއެކު، ކުޅިވަރުގައި އެންމެ އަލިގަދަ ތަރިއަކަށްވި އެވެ. ރާއްޖޭގެ އަންހެން ވޮލީ އާއި ނެޓްބޯޅާގައި މިއަށްވުރެ ވަކިން ވިދުވަރު ގަދަ ތަރިއެއް ނެތެވެ. އައިޝަތު ނާޒިމާ މިއަދު ކުޅިވަރު ކުޅުން ހުއްޓާލައި، މިހާރު ބޯޅަ "ދޫކޮށްލިއަސް" އަބަދު ވެސް އޭނާގެ ހިތުގައި ބޯޅަ އެބައޮތެވެ. އޭނާއަކީ އެފްއޭއެމްގެ ފުރަތަމަ އަންހެން ނައިބުރައީސާ އެވެ.

ނާޒިމާ ކުޅިވަރުގެ ތެރެ އަށް ނުކުތީ ގްރޭޑް ތިނަކާ ހަމައިންނެވެ. އޭރު ވެސް ނާޒިމާއަކީ އެންމެ ބާރު ދުވުންތެރިޔާ އެވެ. އާއިލާގައި އޮތް ކުޅިވަރުގެ ފޯރީގައި ނުކުތް ނާޒިމާ ހުއްޓުނީ މި ދާއިރާއިން އުހުގަ އެވެ. ފުރަތަމަ އެއީ ބާރު ދުވުންތެރި އެކެވެ.

އޭގެ ފަހުން ނާޒިމާގެ ވިދުން ދިޔައީ ގަދަ ވަމުންނެވެ. އުމުރުން އެންމެ 11 އަހަރުގައި ގައުމީ އެތުލެޓިކްސް ޓީމުން ޖާގަ ހޯދި އެވެ، އެކަން ވެގެން ދިޔައީ ނާޒިމާ ކުޅިވަރުގެ ޝަހްސިއްޔަތު ބައްޓަށް ކުރަން ލިބުނު ފުރުސަތަކަށެވެ. އެތްލެޓިކްސްގެ އިތުރުން ނާޒިމާވަނީ ނެޓްބޯޅަ އާއި ބާސްކެޓް އަދި ވޮލީ ވެސް މޮޅަށް ކުޅެފަ އެވެ،

"އެންމެ ފުރަތަމަ ނޭޝަނަލް ޓީމެއްގައި ޕާފޯމް ކުރީ 14 އަހަރުގައި. އެތްލެޓިކްސްގައި 200 މީޓަރު އަދި 100 ގެ އިތުރުން ލޯންގް ޖަންޕްގައި އުޅުނިން. އޭރު 100 އާއި 200 ގެ ފަސްޓް ވެސް ލިބޭ،" އެތްލެޓިކްސްގެ ބައެއް ކާމިޔާބީތައް ނާޒިމާ ކިޔައިދިނެވެ.

ނާޒިމާ އެތްލެޓިކްސްގައި އުޅުނުއިރު ވޮލީގައި ކުރިއަރަމުން ދިޔައެވެ. އެ ކުޅިވަރުގައި ވެސް އޭނާގެ ވިދުން ގަދަ އެވެ. އެހެންވެ އޭނާ އަށް ޖެހުނީ އެތްލެޓިކްސް އާއި ވޮލީގެ ތެރެއިން ކޮންމެވެސް އެއް ކުޅިވަރެއް ހިޔާރު ކުރާށެވެ. އެންމެފަހުން އެ އުނދަގޫ ނިންމުން ނާޒިމާ ނިންމީ އެވެ.

"ސާފް ގޭމްސް އަށް ދާން ވެގެން ޖެހުނީ ކޮންމެ ވެސް އެކަށްޗެއް ހިޔާރު ކުރަން. އެހެންވެ ވޮލީ ނެގީ. ފެމެލީން ވެސް ޑިސައިޑް ކުރީ ވޮލީ ކަމަށް. އެހެންވެ ވޮލީއަށް ދިޔައީ،" ނާޒިމާ ބުންޏެވެ.

ވޮލީގައި ނާޒިމާ އަށް ރާއްޖޭން ހުރިހާ ކާމިޔާބީއެއް ލިބިއްޖެ އެވެ. އޭނާ ވަނީ ހަވީރުން ހޮވި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމާއި ސޯސިއޭޝަންގެ ވަނަތައް އެތަށް އަހަރަކު ހޯދާފަ އެވެ. މީގެ އިތުރުން ނާޒިމާގެ އެންމެ ފާހަގަ ކޮށްލެވެނީ އަނެއް ކާމިޔާބީއަކީ މުޅި އޭޝިޔާ އިން ހޮވި އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިންގެ ލިސްޓުގެ 11 ވަނަ ލިބުމެވެ. މިއީ ނާޒީމާ ގައުމަށް ހޯދައިދިން ރީތި ނަމެކެވެ.

"ވޮލީއަކީ ރަނގަޅު އާމްދަނީއެއް ވެސް ލިބޭ ކުޅިވަރެއް. ކުރިން އަައްޑޫގައި ބާއްވާ މުބާރާތްތަކުގައި 15،000ރ. އާއި 30،000ރ. ގެ އާމްދަނީއެއް ކުރު މުބާރާތްތަކުގައި ވެސް ލިބޭ. ވޮލީގައި ޕޮލިސް ޓީމަށް ވެސް ކުޅުނިން. އެންމެ ބޮޑު އެގްރީމެންޓްގައި،" ނާޒިމާ ބުންޏެވެ.

ވޮލީ ކެރިއަރުގައި ނާޒިމާ ފާހަގަ ކުރެވޭ ދުވަސް ތަކެއްވެސް ހިމެނެ އެވެ. މިގޮތުން އޭޝިޔަން ގޭމްސްގެ ރޭންކިން މެޗުން މޮޅުވުމާއި ސާފް ގޭމްސް ހިމެނެ އެވެ.

ދެން މިއޮތީ ނާޒިމާގެ ދިރިއުޅުމުގެ ވާހަކަ ތަކެވެ. ނާޒިމާ އާއި ފިރިމީހާ ނިޒާމްބެ ދިމާވީ ކިހިނެއް ހެއްޔެވެ؟ މިއީ ކުޅިވަރުގެ ތެރެ އިން އުފެދުނު ލޯތްބެއް ބާ އެވެ؟

"ނިޒާމްބެ އާ ދިމާވަނީ އެއާޕޯޓުން. އޭރު ދެ މީހުން ވެސް އުޅުނީ އެއާޕޯޓުގައި. އެންމެ ކުރިން ވެސް ވަރަށް ގާތް ފްރެންޑްސް މިއީ. އެހެންވެ ވަރަށް ގާތްވާނެ. އެއާޕޯޓުން ދިމާވި،" ނާޒިމާ ބުންޏެވެ.

ނާޒިމާ އެންމެ މަޝްހޫރުވި ދުވަސްވަރު އެއް ދުވަސް ކިޔައިދޭނަމަ، މިހާރާ ވަރަށް ތަފާތެވެ. އޭރު ވަޒީފާގައި އުޅުމަށް ފަހު ބްރޭކް ނަގައިގެން ނޭޝަނަލް ޓީމް ޕްރެކްޓިސް އަށް ދަނީ އެވެ. އަދި ޕްރެކްޓިސް ނިމިގެން އަލުން ޑިއުޓީގެ ބާކީ އޮތްބައި ފުރިހަމަ ކުރަން އަލުން އޮފީއަށް ދާން ޖެހެ އެވެ. އަދި ޑިއުޓީގެ ބާކީ ބައި ނިންމާލުމަށް ފަހު ގެއަށް އައިސް ނިދަނީ އެވެ.

ނަމަވެސް، ކައިވެންޏަށްފަހު އެންމެ ބޮޑު އެހީތެރިކަމެއް ދޭ މީހަކަށްވީ ފިރިމީހާ ނިޒާމް އެވެ. މިހާރުގެ އެއް ދުވަސް ބަލާނަމަ މިހާރު ނާޒިމާ މަސައްކަތް ކުރަނީ އެފްއޭއެމްގަ އެވެ. އެފްއޭއެމްގެ އަންހެނުން ފުޓުބޯޅައިގެ ބަޔާއި މާކެޓިންގެ ބައި ބަލަހައްޓަނީ އޭނާ އެވެ.

"ކިތަންމެ ބުރަ ވިއަސް އަބަދު ވެސް ކޮންމެ ވެސް އެކަކު ކުދިންގެ ކަންތައް ބަލަހައްޓަން ހުންނަން. ދަރިފުޅު ބަލާ ސްކޫލް ދޮށަށް ވެސް ނިޒާމް ނޫނީ އަޅުގަނޑު ދަން."

ނާޒިމާ ގަބޫލުކުރާ ގޮތުގައި ކުޅިވަރުގައި މިހާރު ހުރި ހިސާބަށް އާދެވުމުގެ ސިއްރަކީ އާއިލާ އާއި ފިރިމީހާ ނިޒާމްގެ މަސައްކަތެވެ.

"އަބަދު ވެސް މޮޅުވާށޭ މި ވޯޑު އާއިލާގެ ތެރެއިން އިވޭ. އެންމެ ކުޑައިރު އަޅުގަނޑު ބުނަން މަޖަލަކަށް ވެސް ބޭނުންވަނީ މަރުވީމަ ވެސް ޓީވީން ނަން ގޮވާލާ ވަރު ކޮށްލާށޭ ބޭބެމެން ބުނާނެ މަރުވީމަ ޓީވީން ގޮވާނެއޭ. ނާޒި ބުނަނީ އެގޮތަކަށް ނޫނޭ! ބޮޑެތި މީހުންގެ ނަން ގޮވާލާ ގޮތަށޭ،" ކާމިޔާބު ހޯދުމަށް އަބަދު ވެސް ބުރަކޮށް މަސައްކަތް ކުރާ ނާޒިމާ ކިޔައިދިނެވެ.

"ނާޒިގެ ކާމިޔާބުގައި ދައްތަ އާއި މަންމަގެ ސަޕޯޓު ވެސް ވަރަށް ބޮޑަށް ލިބުނު."

ނާޒިމާ ކާމިޔާބުގެ ސިއްރަކީ ސްޕޯޓްސް ޑިސިޕްލިންނެވެ. ނާޒިމާ ކުޅިވަރުގެ ކެރިއަރުގައި އެންމެ ހަނދާން ބެހެއްޓި އެއް ކަމަކީ ވެސް އެއީ އެވެ.

"އަބަދު ވެސް ޑިސިޕްލިން އަށް ބަލަން. ކުޅިވަރުގައި ކުރިއަށް ދާން އެންމެ ބޮޑަށް އެހީތެރިވެދިން އެކަމަށްވާނެ ނިޒާމް. ޕްރެކްޓިސް ކުރާއިރު ވެސް އަބަދުހެން ހުންނާނެ އަދި މިސްޓޭކްސްތައް ކިޔައިދޭނެ. އެހެންވެ ވަރަށް ބޮޑު ހިތް ވަރަކަށް ވެގެންދިޔަ ކުރިއަށް ދިއުމުގައި،" ނާޒިމާ ބުންޏެވެ.

މިހާރު ނާޒިމާ ގައުމީ ފެންވަރުގައި ކުޅުން ވަނީ ހުއްޓާލާފަ އެވެ. އޭނާ މިވަނީ ބޯޅަ "ދޫކޮށްލާފަ" އެވެ. ނަމަވެސް އަދި ވެސް ހިތުގައި އޮތީ ބޯޅަ އެވެ. އޭނާ އަދި ވެސް ހުރީ ކުޅިވަރަށް ހިދުމަތް ކުރުމުގަ އެވެ. އޭނާގެ އަޒުމަކީ ހުއްޓާނުލައި ކުޅިވަރުގެ ރޮނގުން ހިދުމަތް ކުރުމެވެ.