ކުޅިވަރު

ޑޯޓަމުންޑްގެ ކޯޗަކަށް އަޔެކްސްގެ ޕީޓާ ބޯޝް

Jun 7, 2017

ބުރޫޝިއާ ޑޯޓަމުންޑްގެ ކޯޗްކަށް، ނިމިދިޔަ ސީޒަންގައި، ހޮލެންޑްގެ އަޔެކްސްއަށް ކޯޗްކޮށްދިން ޕިޓާ ބޯޝް ހަމަޖައްސައިފި އެވެ.

ޑޯޓަމަންޑުން ވަނީ ސީޒަންގައި އެ ޓީމަށް ކޯޗް ކޮށްދިން ކޯޗް ތޯމަސް ޓުކެލް ދޫކޮށްލާފަ އެވެ. އެންމެ ފުރަތަމަ، ޑޯޓަމުންޑުން މަސައްކަތް ކުރީ، ފްރާންސްގެ ނީސްގެ ކޯޗް ލޫސިއަން ފާވްރާ އެ ޓީމަށް ގެނައުމަށެވެ.

ނަމަވެސް، ނިސްއިން އޭނާ ދޫކޮށްލަން ބޭނުން ނުވުމުން، ޑޮޓަމުންޑުން ދެން ޓާގެޓް ކުރީ، ބޯޝްއަށެވެ. ނިމިދިޔަ ސީޒަންގައި، އަޔެކްސްއާ ހަވާލުވުމުގެ ކުރިން، އޭނާ ވަނީ ކުޑަ ދުވަސްކޮޅެއްގައި އިޒުރޭލްގެ މެކަބީ ތެލްއަވީވްގައި މަސައްކަތް ކޮށްފަ އެވެ.

އަޔެކްސްއާ އެކު ސީޒަންގެ ކުރީކޮޅު އުނދަގޫކޮށް ދިޔަ ނަމަވެސް، ބޯޝް ވަނީ ޒުވާން ޓީމަކާއެކު، ޔޫރޮޕާ ލީގްގެ ފައިނަލަށް އަޔެކްސް ގެންގޮސްދީފަ އެވެ.

ޑޯޓަމުންޑްގެ ސްޕޯޓިން ޑައިރެކްޓާ މިކޭލް ޑޯކް ބުނީ ބޯޝްގެ ކޯޗިން ފިލޯސަފީއަކީ ޑޯޓަމުންޑްގެ ސްޓައިލްއާއި ސަޕޯޓަރުންނާ ގުޅޭ ސްޓައިލެއް ކަމަށެވެ.

"ޕީޓާގެ ކޯޗިން ފިލޯސަފީ އަކީ، ވަރަށް އެޓޭކިން މައިންޑެއްގައި ރޭވުންތެރިކަމާއެކު ބޯލް ޕޮޒިޝަން ހިފަހައްޓައިގެން ކުޅޭ ފުޓްބޯޅައެއް، އަދި ބެލެންސް ކުރެވިގެން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުޅޭ ކޯޗެއް." ޑޯކް ބުންޏެވެ.

ބޯޝް ބުނީ، ޑޯޓަމުންޑަކީ، ދުނިޔޭގެ އެންމެ ވަރުގަދަ 10 ކުލަބުގެ ތެރޭގައި ހިމެނޭ ކުލަބެއް ކަމަށާއި ޑޯޓަމުންޑާ ހަވާލުވުމުން އޭނާ އުފާވާ ކަަމށެވެ.