ރޯދަ މަހާ ރޯއްޖާ

ޑރ. ލޯރެންސް އިސްލާމްވީ އާދަޔާ ހިލާފު ހާދިސާއަކަށް ފަހު


އެމެރިކާގެ ނަސޯރާ އާއިލާއަކަށް އުފަން ޑރ. ލޯރެންސް ބްރައުން އަކީ ލޮލުގެ އޮޕަރޭޝަންތަކާބެހޭ ޑޮކްޓަރެކެވެ. އޭނާ ތަޢުލީމު ޙާސިލު ކުރެއްވީ އެމެރިކާގެ ކޯނެލް ޔުނިވަސިޓީއާއި ޖޯޖް ވޮޝިންޓަން ޔުނިވަސިޓީއިންނެވެ. ވައިގެ ސިފައިންގެ ޑޮކްޓަރެއްގެ ގޮތުގައި އޭނާ އަށް އަހަރު ހޭދަ ކުރެއްވިއެވެ.

ބްރައުން އަކީ އިސްލާމްވެވަޑައިގެންނެވުމާ ހަމައަށް ވެސް ތަނަވަސް ދިރިއުޅުއްވުމެއްގައި އަނބިކަނބަލަކާއި ތިން ދަރިކަނބަލުންނާއެކު ދިރިއުޅުއްވަމުން ގެންދެވި ބޭފުޅެކެވެ. ދީން ޝޯއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭނާ އިސްލާމްވެވަޑައިގެންނެވުމުގެ ކުރިން އެއްވެސް ދީނެއް ރަނގަޅަށް ގަބޫލެއް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި އޭނާ ތަބައަވެވަޑައިގެންނެވީ މާއްދިޔަތަށެވެ.

"...ވަރަށް ގިނަ މީހުން ހީކުރަނީ އަހަރެން އިސްލާމްވުމުގެ ކުރިން އަހަރެންނަކީ ނަސޯރާއެކޭ. އެ ގަބޫލު ކުރުން އިސްލާޙު ކޮށްލަދޭން އަހަރެން ބޭނުން. އަހަރެން ބުނާނީ ނޫނެކޭ. އަހަރެންނަނީ ނަސޯރާއަކަށް ވެވޭތޯ މަސައްކަތް ކުރި މީހެކޭ. ވަރަށް ބުރަކޮށް މަސައްކަތް ކުރި މީހެކޭ. ނަސޯރާއަކަށް ވުމަށް އަހަރެން ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރިން. އެކަމެއް ނުވި އަހަރެންނަކަށް،" ބްރައުން ވިދާޅުވެފައި ވެއެވެ.

ކަލަކު ވޮޑިގެންވާކަމާއި ދީނަކަށް ތަބަޢަވާން ޖެހޭކަން ބްރައުންއަށް ގަބޫލު ކުރެއްވުނީ އޭނާއަށް ކުރިމަތިވި ހާދިސާއަކަށް ފަހުގައެވެ.

އާދަޔާ ހިލާފު ހާދިސާ

ކުރިމަތިވެވަޑައިގެންނެވި ކަމަކީ ވަރަށް ނުރައްކާތެރި ސިއްހީ މައްސަލައެއް ހުރި ދަރިކަނބަލެއް އޭނާއަށް ލިބިވަޑައިގެންނެވުމެވެ.

"... އަހަރެންގެ އަމިއްލަ އެއްވެސް ބާރެއް ނެތްކަން އަހަރެންނަށް އިހުސާސްވި އެއީ ފުރަތަމަ ފަހަރު. އޭގެ ކުރިން އަހަރެންނަށް މައްސަލައެއް ކުރިމަތިވެއްޖެއްޔާ، އަހަރެން އަމިއްލައަށް އެކަމަށް ހައްލެއް ހޯދަން. އަހަރެން ގިނައިން ފައިސާ ބޭނުންވެއްޖެއްޔާ ބުރަކޮށް މަސައްކަތް ކުރަން. އަހަރެން އަމިއްލައަށް ފަރުވާ ކުރެވެންޏާ އަމިއްލައަށް ފަރުވާ ކުރަން. އެހެން މީހުންގެ އެހީ ބޭނުންވެއްޖެއްޔާ އެމީހުންގެ އެހީގައި ފަރުވާ ކުރަން،" ބްރައުން ވިދާޅުވެފައި ވެއެވެ.

ބްރައުންގެ އެ ދަރިކަނބަލުން އުފަން ވުމާއެކު ގެންދަން ޖެހުނީ އައިސީޔޫއަށެވެ. އޭނާއަށް ކުރިމަތިވެފައިވާ މައްސަލައިގެ ސަބަބުން ހަށިގަނޑުގެ ބަޔަކަށް އޮކްސިޖަން ނުލިބި، އެބައިގެ ކުލަ ބަދަލުވަމުން ދިޔައީ އެންމެންގެ ކުރިމަތީގަ އެވެ.

"އަހަރެންނަށް އެތަން ފެނުމުން އިހުސާސް ކުރެވުނީ ކޮންމެވެސް ބާރުގަދަ ފަރާތެއްގެ މަދަދަށް އަހަރެން އެދެން ޖެހެޔޭ،" ދުއާ ކުރަން ގަސްދު ކުރެއްވުނު ގޮތާއި ބެހޭ ގޮތުން ބްރައުން ވިދާޅުވެފައި ވެއެވެ.

ހޮސްޕިޓަލުގެ އަޅުކަން ކުރާ ކޮޓަރިއަށް ވަޑައިގެން އޭނާ ދުއާއެއް ކުރެއްވިއެވެ. އޭނާ ދުއާ ކުރެއްވީ ދީނެއް ނުދަންނަ މީހެއްގެ ދުއާއެވެ.

"އަހަރެން ކުރީ ދީނެއް ގަބޫލު ނުކުރާ މީހެއްގެ ދުއާ. އޭ ކަލާންގެއޭ، ކަލަކު ވަންޏާ، އަހަރެން އެހީ ބޭނުމޭ. އެއީ އަހަރެންނަކަށް ޔަގީނެއް ނޫން ކަލަކު ވޮޑިގެންވާ ކަން،" ބްރައުން ވިދާޅުވެފައި ވެއެވެ.

އެ ދުއާއާއެކު އޭނާ ވައުދެއް ވެސް ވެވަޑައިގެންނެވި އެވެ. ދަރިކަނބަލުން އެހާލަތުން ސަލާމަތް ކުރައްވައިފި ނަމަ، ޚާލިޤު ރުހިވޮޑިގަންނަވާ ދީނެއް ހޯއްދަވަން މަސައްކަތްކޮށް، އެދީނަކަށް ތަބައަ ވެވަޑައިގަންނަވާނެ ކަމުގެ ވައުދެވެ. އަދި އެ ދީނަކަށް މަގު ދެއްކެވުން އެދި ދުއާ ވެސް ކުރެއްވިއެވެ.

ދުއާ ކުރެއްވުމުގައި އެންމެ 15 މިނެޓް ހޭދަކުރެއްވުމަށް ފަހު އައިސީޔޫއަށް ވަޑައިގެންނެވުމުން އޭނާއަށް ފެނިވަޑައިގެންނެވީ ގަބޫލު ކުރައްވަން ދަތި މަންޒަރެކެވެ. ދަރިކަނބަލުންގެ ހާލުކޮޅު ވަނީ މުޅިން ރަނގަޅުވެފަ އެވެ. ތަޖުރިބާކާރު ޑޮކްޓަރެއްގެ ހައިސިއްޔަތުން އެކަން ރަނގަޅުވާނެ ސިއްހީ އެއްވެސް ހަމައެއް އޭނާއަކަށް ވިސްނިވަޑައެއް ނުގެންނެވި އެވެ. އެތަނުގައި ތިއްބެވި އެހެން ޑޮކްޓަރުން ވެސް ތިއްބެވީ ހައިރާންކަން މަތީގައެވެ.

"އަހަރެމެންގެ އަތުގައި އޮތް އެކުއްޖާގެ ހިތުގެ އަލްޓްރާ ސައުންޑް ފިލްމު، އެއިން އެނގޭ އެކުއްޖާގެ ހިތުގެ އެ މައްސަލަ ހުރިކަން. ދެން އަހަރެމެން ފަހުން އަނެއްކާ އެކުއްޖާގެ ހިތުގެ އަލްޓްރާ ސައުންޑް ފިލްމެއް ހެދިން. އެއިން ވެސް ފެނުނީ އޭނާގެ ހިތް މުޅިން ރަނގަޅުވެފައިވާކަން،" އަޖާއިބު ކުރުވަނިވި އެހާދިސާ ހިނގި ގޮތް ކިއުއްވައި ދެއްވަމުން ބްރައުން ވިދާޅުވެފައި ވެއެވެ.

އެއަށް ފަހު އޭނާ ފުރަތަމަ ދިރާސާ ކުރެއްވީ ޔަހޫދީ ދީނެވެ. ދެން ދިރާސާ ކުރެއްވީ ނަސޯރާ ދީނެވެ.

އޭނާ ވިދާޅުވެފައިވަނީ ނަސޯރާއަކަށް ނުވެވުނީ އެދީނުގައި ހުރި ދެކޮޅު ނުޖެހޭ ގިނަ ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.

އެގޮތުން އުފެދުނު ގިނަ ސުވާލުތަކެއް އެދީނުގެ އެކި އެކި މަޒްހަބުތަކުގެ ފާދިރީންނަށް ކުރިމަތި ކުރުމުން ވެސް ގަބޫލު ކުރެވޭ ފަދަ ޖަވާބުތަކެއް ނުލިބުނު ކަމަށް ވިދާޅުވެފައި ވެއެވެ.

އެގޮތް މިގޮތަށް ބަދަލު ގެނެސްފައިވާ ސަމާވީ ފޮތްތައް ދިރާސާ ކުރެއްވުމުން ބްރައުންއަށް އެނގިވަޑައިގެންނެވީ އީސާ ޢަލައިހިއް ސަލާމް އަށް ފަހު އަދި ރަސޫލަކު ފޮނުއްވާނެ ކަމަށް އެ ފޮތްތަކުގައިވާ ކަމެވެ.

" މޫސާ އަލައިހިއްސަލާމް ވާހަކަ ދައްކަވާފައިވަނީ ތިން ބޭކަލަކާ ބެހޭ ގޮތުން. ދެބޭކަލެއް މި އެނގެނީ. ޢީސާ އަލައިހިއްސަލާމް ވާހަކަފުޅު ދައްކަވާފައި އެބަވޭ އެންމެ ފަހުގެ ރަސޫލާއާ ބެހޭ ގޮތުން. އެންމެ ފަހުގެ ރަސޫލާއަކީ ކޮބައިތޯ؟" އޭނާ އިސްލާމްދީނާއި ބެހޭ ގޮތުން ދިރާ ކުރައްވަން ބޭނުންފުޅުވެވަޑައިގެންނެވި ސުވާލު އުފެދުނު ގޮތް ކިއުއްވައި ދެއްވަމުން ބްރައުން ވިދާޅުވެފައި ވެއެވެ.

ދީންތައް ދިރާސާ ކުރައްވައިގެން ބްރައުންގެ ހިތްޕުޅުގައި އުފެދުނު ހުރިހާ ސުވާލަކަށް ޖަވާބު ލިބިވަޑައިގެންނެވީ މުހައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ބެހޭ ގޮތުން ދިރާސާ ކުރެއްވުމުންނެވެ.

"އަހަރެން ޤުރުއާން ކިޔެވިން، މުޙައްމަދު ރަސުލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަޔާތްޕުޅާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެއް ކިޔެވިން. އެހިސާބުން އަހަރެންގެ ހުރިހާ ސުވާލަކަށް ޖަވާބު ލިބުނު. ހުރިހާ ކަމެއް އޮޅުން ފިލި، އަހަރެން އިސްލާމްދީން ޤަބޫލު ކުރީމު،" ބްރައުން ވިދާޅުވެފައި ވެއެވެ.