ރިޕޯޓް

ޑަންޑަނާ ހުސެން އެނބުރި އައީއޭ ބުނުފިއްޔާ އުފާވާނެ!

"މި ދެ ހިތް އަލަކުން ނުގުޅޭނޭ، ތިޔަ ކުރި އަނިޔާ ނުލިފާލާނޭ،" މި ލަވަ ވަރަށް ރީތި އަޑަކުން އަޑު އެހިންދޯ އެވެ؟ ހިތާ ކުޅެލައި، އެ އަޑުގެ ޖާދޫގައި ވެސް ޖެހުނުދޯ އެވެ؟ އެ އަޑުގެ ވެރިޔާ ސްޓޭޖަށް އަރައި، ދައްކާ ހަރަކާތްތަކުން އެތައް އަންހެން ކުދިންނެއްގެ ހިތް ދިވާނާވިދޯ އެވެ؟

އެ އަޑަކީ 2000 ގެ އަހަރުގެ ކުރީކޮޅު މުޅި ރާއްޖެއަށް ގުގުމާލި ރީތި އަޑެވެ. ހުސައިން އިބްރާހީމް ނުވަތަ އެންމެން ދަންނަ ނަމުންނަމަ ޑަންޑަނާ ހުސެންގެ އަޑެވެ. ޑަންޑަނާ ހުސެންއަކީ ރާއްޖެއަށް ބޮޑު އިންގިލާބެއް ގެނައި ޑަންޑަނާ ބޭންޑްގެ ލީޑް ވޯކަލިސްޓެވެ. ބޭންޑުން އެންމެ ވިދާލި ނަމެވެ.

މާލޭގެ ބޮޑެތި ބޭންޑްތަކެއް ރަސްކަންކޮށް، އެ ބޭންޑްތައް ވަށައިގެން ސަޕޯޓަރުން އެނބުރެމުންދިޔަ ދުވަސްވަރެއްގައި ފުވައްމުލަކުގައި އުފެދިގެން އައި ޑަންޑަނާ ބޭންޑް ވަނީ އެ ބޮޑެތި ބޭންޑްތަކަށް ގޮންޖަހާލައި، އެ ބޭންޑްތައް ވަށައިގެން އެނބުރެން ތިބި ސަޕޯޓަރުންގެ ސަމާލުކަން ހޯދައި، ހިތް ދަމައިގެންފަ އެވެ. އެކަމުގެ އެންމެ ބޮޑު ރޯލެއް ކުޅުނީ ހުސެންގެ އަޑާއި އެ ބޭންޑްގެ އަމިއްލަ ރީތި ލަވަތަކެވެ.

ބޭންޑްގެ މަޝްހޫރުކަން ބޮޑުވެ، ބޮޑެތި ޝޯތަކުން ވެސް ބޭންޑަށް ފުރުސަތު ލިބުނެވެ. މިޔުޒިކީ ދާއިރާގައި ވަރަށް އުހުގައި 12 ވަރަކަށް އަހަރު އެ ބޭންޑް ހޭދަކުރި އެވެ. ނަމަވެސް ބޭންޑް ކުއްލިއަކަށް އޮއްސުނީ އެވެ. ޑަންޑަނާ ބޭންޑްގެ ފަހު ނޭވާ 2008 ވަނަ އަހަރު ވަނީ ލާފަ އެވެ. ބޭންޑްގެ އަޑު ކެނޑުމާއެކު އޭގެ އަސަރު ގިނަ ބަޔަކަށް ކުރި އެވެ. އެއްކަލަ ރީތި، ހިތްގައިމު ހުސެންގެ އަޑު ގެއްލުނީ އެވެ. ހުސެން ވެސް ގެއްލުނީ އެވެ.

ޑަންޑަނާ ހުސެންގެ އަޑެއް ބަޑެއް، ހަބަރެއް ދަބަރެއް ނުވެ ގާތްގަނޑަކަށް އަށްވަރަކަށް އަހަރު ފަހުން ހުސެން އަޑު މިވަނީ އިވިފަ އެވެ. ހެސެންގެ މުޅިން އާ ލަވަޔަކުންނެވެ. ހުސެންގެ އަޑުން "ވޭނީ ލޯބި" އަދިވެސް އަޑުއަހަން ބޭނުންވެފައި ތިބި މީހުންނަށް "ބޭވަފާ"ގެ ނަމުގައި މުޅިން އާ ލަވައެއް އެ އޮތީ ދޫކޮށްލާފަ އެވެ.

އާ ލަވައަކާއެކު ޑަންޑަނާ ހުސެން އެނބުރި އައިސްފައިވާއިރު އޭނާ ގެއްލުނީ ކީއްވެތޯ އަހާލަން ކީއް ހެއްޔެވެ؟

އޭނާ ބުނީ، ލަވަ ކިޔުމާ ދުރަށް ޖެހިލީ ވަކި ހާއްސަ ކަމެއް ދިމާވެގެން ނޫން ކަމަށެވެ. އަދި ލަވަ ކިޔުން ހުއްޓާލަން ބޭނުންވެގެން ވެސް ނޫން ކަމަށެވެ.

ޑަންޑަނާ ބޭންޑް ވިއްސިވިހާލިވެގެން ގޮސްފައިވަނީ އެ ބޭންޑްގެ މެންބަރުންގެ ހަޔާތަށް އައީ ބަދަލުތަކާއެކު ކަމަށް ވެސް ހުސެން ބުންޏެވެ. އެގޮތުން މެންބަރުން ޒަވާޖީ ހަޔާތެއް ފަށައިގެން އެކި ތަންތަނަށް ދިރިއުޅުން ބަދަލުވެ، ދާއިރާއިން އިތުރަށް ކުރިއަށް ދާން ބޭނުން ނުވުމަކީ ބޭންޑް ވުޖޫދުން ނެތުނު ސަބަބެއް ކަމަށެވެ. ހުސެންގެ އަޑު އިވުނަސް ދެން ޑަންޑަނާ ބޭންޑް ފެނިދާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ.

ހުސެން ބުނީ މިހާރު ވެސް ފުވައްމުލަކު ޑަންޑަނާ ބޭންޑްގައި ހަރަކާތްތެރިވި އެއް މެންބަރަކު ސްޓޫޑިއޯއެއް ހިންގަމުންދާ ކަމަށެވެ. އެއީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ޑަންޑަނާ ބޭންޑްގައި ހަރަކާތްތެރިވި އަހުމަދު ޝަފީގް (އަފަގެ)ގެ އަމިއްލަ ސްޓޫޑިއޯގައި ލަވަ ރެކޯޑްކޮށްލައި ހެދުމަކީ މިހާރު ހުސެންއަށް ލިބޭ ހިތްހަމަޖެހުމެވެ. "ބޭވަފާ" ލަވައަކީ ވެސް އެ ސްޓޫޑިއޯގައި ރެކޯޑްކޮށްފައިވާ ލަވައެކެވެ.

ހުސެން ބުނީ، ބޭންޑް ނުފެނު ނަމަވެސް އޭނާއަށް ލިބޭ ފުރުސަތުގެ ބޭނުން ހިފައި، ޝޯތައް ދޭން އަޒުމު ކަނޑައަޅައިގެން ހުރި ކަމަށެވެ. އޭގެއިތުރުން އަމިއްލަ ރާގުގެ ލަވަތައް އޭނާގެ އަޑުން ކުރިއަށް އޮތްތާ އިވޭ މިންވަރު އިތުރުވާނެ ކަމުގެ އުފާވެރި ހަބަރު ވެސް ދިނެވެ. އަދި ހުސެންގެ އަޑުން ކިޔާފައިވާ މުޅިން އާ ލަވައެއްގެ ވީޑިއޯ ވެސް މިހާރު ފުވައްމުލަކު ދަނީ ތައްޔާރުވަމުންނެވެ. ވަރަށް އަވަހަށް އެ ލަވަ ވެސް ފެނިގެންދާނެ އެވެ.

އަދިވެސް އުފާވެރި ހަބަރެއް ހުސެން ދިނެވެ. ހުސެން ބުނީ، ބޮޑު އީދުގައި ހުސެން ބައިވެރިވާ ބޮޑު ޝޯއެއް ފުވައްމުލަކުގައި ބޭއްވުމުގެ ވާހަކަތައް ދެކެވެމުންދާ ކަމަށެވެ. ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ އެ ޝޯގެ ފަޅު ހުސެން ފިލުވައިދޭނެ އެވެ. އެ ޖާދުވީ އަޑު އަނެއްކާވެސް ސްޓޭޖްގައި ގުގުމާލާނެ އެވެ. އޭރު ހުސެން ސްޓޭޖަށް އެރުމުން މޮޔަވި އަންހެން ކުދިންނަށް މިއީ ދެން ވަރަށް އުފާވެރި ހަބަރަކަށް ވާނެ އެވެ.

ހުސެންގެ މަޝްހޫރުކަން އެންމެ ގަދަވި ދުވަސްތަކާ މިހާރު ރަށުގައި ދިރިއުޅެން ލޯބިކުރާ ހުސެންގެ ދުވަސްތައް ވަރަށް ތަފާތެވެ. އެ ދުވަސްތަކުގައި މިޔުޒިކީ ދުނިޔެއާ ބޮޑު ގުޅެއް އޮތް ނަމަވެސް މިއަދު އެ ގުޅުން އޮތީ ދާއިރާގެ މަދު ބަޔަކާ އެވެ. ސަޕޯޓަރުންނާ ވެސް އޮތީ ގުޅުން ކެނޑިފަ އެވެ.

އެހެނަސް 37 އަހަރުގެ ހުސެންއަށް އާ ދިރިމެއް ގެނެސްދީފައިވަނީ ސޯޝަލް މީޑިއާއިންނެވެ. ހުސެންގެ އާ ލަވަ މިދިޔަ މަހުގެ 30 ވަނަ ދުވަހު ދޫކޮށްލީ ވެސް ފޭސްބުކަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ލަވަ ގިނަ ބަޔަކު އަޑުއެހި އެވެ. ޑަންޑަނާ ހުސެން އެނބުރި އައުމުން އުފާކުރި އެވެ. އެވީ ހުސެންއަށް ލިބުނު ބޮޑު ހިތްވަރަކަށެވެ.

"އޯޑިއޯ ލަވައެއް ނެރުނީމަ އެ ބަލައިގަތީމަ ހަމަވީ ސަޕްރައިޒަކަށް، ވަރަށް އުފާވި، އެގޮތަށް އެކްސްސެޕްޓް ކުރީމަ ވަރަށް އުފާވި، އަލުން ސަޕޯޓަރުންނާ ބައްދަލުވީމަ އުފާވޭ،" ހުސެން ބުންޏެވެ.

"ވަރަށް ހިތްހަމަޖެހޭ ދާއިރާއެއް މިއީ، އަޅުގަނޑު އަލުން ބަލައިގަތް މީހުންނަށް އާ ލަވަތައް ހަމަ ކުރިއަށް އޮތް ދުވަސްތަކުގައި އިވިގެންދާނެ، އަޅުގަނޑުގެ އަމިއްލަ ލަވަތައް ނެރެމުންދާނަން، ދެން ގަސްދުކުރަނީ މެދުކެނޑުމެއް ނެތި މި ދާއިރާއިން ކުރިއަށް ދާން، އެ ތަރުހީބާއެކު ކުރިއަށް ދާން ހަމަ ބޭނުންވަނީ،"