ކުޅިވަރު

ސަރަހައްދުގެ އޮލިމްޕިކްގެ އެންމެ ބޮޑު ބައްދަލުވުން ރާއްޖެއަށް

Jun 8, 2017

ދެކުނު އޭޝިއާގެ އޮލިމްޕިކް ކައުންސިލުގެއަސާސީ ގަވައިދު އިސްލާހް ކުރުމާއި، އިންތިހާބާއި، ބާއްވާ ކޮންގްރެސް ރާއްޖޭގައި ބޭއްވުމަށް ދެކުނު އޭޝިއާގެ އޮލިމްޕިކް ކައުންސިލްގެ (އެސްއޯއޭސީ) ގެ ބައްދަލުވުމުން ނިންމައިފި އެވެ.

އަންގާރަ ދުވަހުން ފެށިގެން، އިއްޔަގެ ނިޔަލަށް ބޫޓާންގެ ވެރިރަށް ތިމްޕޫގައި ކުރިއަށް ގެންދިޔަ، އެސްއޯއޭސީގެ ގައުމުތަކުގެ އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީންގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އާސާސީ ގަވައިދު އިސްލާހް ކުރުމަށް ބާއްވާ ކޮންގްރެސް ރާއްޖޭގައި ބޭއްވުމަށެވެ.

ބައްދަލުވުމުގައި، ރާއްޖޭ ތަމްސީލު ކުރެއްވި، އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް (މަރޭ) އަވަސްއަށް ވިދާޅުވީ، 33 އަހަރުވީ އަސާސީ ގަވައިދު އިސްލާހް ކުރުމަށް، ހުށަހެޅުއްވީ، ރާއްޖެއާއި ލަންކާ އާއި ބުޓާން އިސްނަގައިގެން ކަމަށެވެ.

"މިހާރު އޮތް އަސާސީ ގަވައިދުގައި، ގުޑް ގަވަނެސްގެ މާ ހަރުދަނާ އުސޫލުތަކެއް ނެތް، މިހާރު އޮންނަނީ، އެސްއޯއޭސީގެ ރައީސް ކަމުގެ މަގާމު ފުރަނީ، ގޭމްސް ބާއްވާ ގައުމުން ކަމަށް، އެހެން އޮތުމުން، ގޭމްސް ބާއްވާ ގައުމު ޒިންމާދާރު ކުރެވޭނެ ގޮތެއް އެމީހުންނާ ސުވާލު ކުރެވޭކަށް ނެތް، އެހެންވެ މިކަމަށް ބަދަލު އަންނަން ޖެހޭ ކަމަށް އަޅުގަނޑުމެން ހުށަހެޅީ." މަރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ބާއްވާ ކޮންގްރެސް ބާއްވާނީ، މިއަހަރު ޑިސެމްބަރު ނުވަތަ އަންނަ އަހަރު ޖަނަވަރީ މަހު ކަމަށެވެ.

"ކޮންގްރެސް ބާއްވާ ތަރީހް ކަނޑައަޅާނީ، މިއަހަރު ސެޕްޓެމްބަރު މަހު ތުރުކްމުނިސްތާންގެ އަޝްގަބާތުގައި ބާއްވާ ބައްދަލުވުމަށް ގޮސް." މަރޭ ވިދާޅުވި އެވެ. އެ މުއްދަތުގައި އަޝްގަބާތުގައި، އޭޝިއާގެ އިންޑޯ އޮލިމްޕިކްސް އާއި މަޝަލް އާޓްސް ގޭމްސް ބޭއްވުމަށްވެސް ވަނީ ތަވަލު ކޮށްފަ އެވެ.

ތިމްޕޫގެ ކޮންގްރެސްގައި ވަނީ، ދެކުނު އޭޝިއާގެ އޮލިމްޕިކް ކައުންސިލްގެ ދާއީމީ އޮފީހެއް ނޭޕާލްގައި ގާއިމު ކުރުމަށް ނިންމާފަ އެވެ. މަރޭ ވިދަޅުވީ، އިންތިހާބަށްފަހު ކޮންމެ ބޭފުޅަކު ރައީސްކަށް އައިނަމަވެސް، ދެކުނު އޭޝިއާގެ އޮލިމްޕިކްގެ މަސައްކަތް ދުވަހުން ދުވަހަށް އެ އޮފީހުގައި ހިންގާނެ ކަމަށެވެ.

މީގެއިތުރުން، 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްވެސް ނޭޕާލްގެ ކަތަމަންޑޫގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.