ސެވިއްޔާއިން، ފުރަތަމަ ދޭން ހުށަހެޅި މުސާރަ ކުޑަ ވުމުން، އެޓީމުގެ އެއްބަސްވުމަކަށް ނޫނެކޭ ބުނީ، ސެލްޓަވިގޯގެ ކުރިގެ ކޯޗް އެޑްއާޑޯ ބެރިއްސޯ އަށް ބޮޑު މުސާރައާއެކު އާ އެއްބަސްވުމެއް ހުށަހެޅުމުން، ސެވިއްޔާގެ ކޯޗް ކަމާ ހަވާލު ވެއްޖެ އެވެ.
ނިމިދިޔަ ސީޒަންގައި ސެވިއްޔާއަށް ކޯޗް ކޮށް ދިން، ހޯޖޭ ސަމްޕައޮލީ، ސެވިއްޔާ ދޫކޮށް، އާޖެންޓީނާގެ ގައުމީ ކޯޗް ކަމާ ހަވާލުމުން، ސެވިއްޔާއިން އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރީ ބެރިއްސޯ އެޓީމުގެ ކޯޗަކަށް ގެނައުމަށެވެ.
ނަމަވެސް އޭރު ސެވިއްޔާއިން އޭނާ އަށް ދޭން ހުށަހަޅައިފައި ވަނީ، ފުރަތަމަ ސީޒަންގައި، 2.3 މިލިއަން ޔުރޯ (39.7 މިލިއަން ދިވެހި ރުފިޔާ) އެވެ. އަދި އެއަށްފަހު ދެ ވަނަ ސީޒަންގައި 3.4 މިލިއަން ޔޫރޯ (58.8 މިލިއަން ދިވެހި ރުފިޔާ) އެވެ.
ނަމަވެސް، އެ އަގަކީ، ވިގޯއިން އޭނާއަށް ދިން އަގަށްވުރެވެސް ކުޑަ އަގަކަށް ވުމުން، ސެވިއްޔާއާ ހަވާލު ނުވުމަށް، ބެރިއްސޯއާ އެނާގެ ކޯޗިން ޓީމުން ނިންމި އެވެ.
ނަމަވެސް، ސެވިއްޔާއިން، މިފަހަރު އޭނާ އަށް ހުށަހެޅީ، ހަތަރު މިލިއަން ޔޫރޯ (69.1 މިލިއަން ދިވެހި ރުފިޔާ) ދިނުމަށެވެ. އެއަގަށް، ބެރިއްސޯ އާއި އޭނާގެ ކޯޗިން ޓީމުން ވަނީ އެއްބަސް ވެފައެވެ.
ސެވިއްޔާއިން، ބެރިއްސޯއާ އެކު، އެއްބަސްވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އޭނާ ކޯޗަކަށް ގެނައުމަށް، ސެވިއްޔާއިން ބެލީ، އޭނާ އަކީ ސީޒަންގައި، ދެ މުބާރާތުގެ ސެމީފައިނަލަށް ވިގޯ ގެންގޮސްދިން ކޯޗް ކަމަށް ވެފައި، ވަރުގަދަ އެޓޭކިން ފުޓްބޯޅައެއް ކުޅުވާ ކޯޗަކަށް ވުމުން ނެވެ.
އާޖެންޓީނާ އަށް އުފަން، ބެރިއްސޯ ވަނީ، މިގެ ކުރިން ޗިލީގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗްކަންވެސް ކޮށްފަ އެވެ. މިވަގުތު އޭނާ ހުރީ ޗިލީ ގައެވެ. ދުވަސް ކޮލެއްގެ ތެރޭގައި، އެނބުރި ސްޕެއިންއަށް އައިސް، ސެވިއްޔާގެ ރަސްމީ މަސައްކާތާ އޭނާ ހަވާލުވާނެ އެވެ.
ވިގޯ މިހާރުގެ ކޯޗަކީ، ބާސެލޯނާގެ ކުރީގެ އެސިސްޓެންޓް ކޯޗް ހުއާން ކާލޮސް އުންޒުއޭ އެވެ. އޭނާ އަކީ ބާސާގައި އެންރީކޭ އެސިސްޓެންޓް ކޯޗެވެ.