ރިހަފަތް

ރޯދަ ވީއްލަން ފަސޭހައިން މޮކްޓެއިލް ހަދާލާނީ މިގޮތަށް

Jun 8, 2017

ރެސްޓޫރަންޓުތަކަށް ގޮސް ބުއިމަކަށް ޖޫސްތަކާއި ޝޭކްތައް ނެގުމުގެ ބަދަލުގައި މިހާރު ގިނަ ދިވެހިންނަށް ކަމުދަނީ ތަފާތު މޮކްޓެއިލް އެއް ނޫނީ މޮހޯޓޯއެކެވެ. އަދި އޭގެ އަގުވެސް ކުޑަ އެއް ނޫނެވެ. ނަމަވެސް އެއީ ގޭގައި ވަރަށް ފަސޭހައިން މަދު ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ. "ރިހަފަތް"ގައި މިއަދު މި ގެނެސް ދެނީ ނޮހީޓޯ އާއި ސީ ބްރީޒް އަދި އޮރެންޖް ލައިމް ރިލެކްސާ ތައްޔާރުކޮށްލާނެ ގޮތެވެ.

ނޮހީޓޯ

ނޮހީޓޯ ހަދާލަން ބޭނުންވާނީ ލައިމް ޖޫސްއާ ލެމަންއާ މިންޓް ލީފް ހަކުރު އަދި ޝުގާ ސިރަޕްއާ ސޯޑާ އެވެ. ނޮހީޓޯ ހަދާލަން މިންޓް ލީފްއާ އެއްކޮށް ދެ ސައިސަމްސާ ހަކުރު ތައްޓަަށް އަޅާލާފައި އެއްކޮށްލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް އައިސްއާ ލުންބޯ އަޅާލާފައި ދެން އަޅާނީ ދެ ޓޭބަލް ސްޕޫންގެ ލައިމް ޖޫސް އެވެ. އަދި ދެ ޓޭބަލް ސްޕޫންގެ ޝުގާ ސިރަޕް އަޅާލުމަށް ފަހު ސޯޑާ އަޅާލާށެވެ.

ސީ ބްރީޒް

ސީބްރީޒް ހަދާލަން ބޭނުންވާނީ ސިރެސް ބްރޭންޑުގެ އޮރެންޖް ޖޫހާއި ގްރެނެޑައިންއާ ޕީޖް ނެކްޓާއާ ކްރޭންބެރީ ޖޫސް އަދި އަދި އައިސް ކިއުބެވެ. އެ ތައްޔާރުކޮށްލުމަށް ތައްޓަކަށް ފުރަތަމަ ކްރޭންބެރީ ޖޫސް އަޅާލާފައި އޭގެ މައްޗައް އޮރެންޖް ޖޫސް އަޅާލުމަށް ފަހު ރަނގަޅަށް ގިރާލާނީ އެވެ. ދެން އޭގެ ތެރެއަށް ޕީޗް ނެކްޓާ އަޅާލުމަށް ފަހު ތަށި ފުރެންދެއް އައިސް ކިއުބްތައް އަޅާލަށެވެ. އަދި އޭގެ މަތިން ގްރެނެޑައިން އަޅާލާށެވެ.

އޮރެންޖް ލައިމް ރިލެކްސާ

މިއީ ތައްޔާރުކޮށްލަން ވަރަށް ފަސޭހަ ބުއިމެކެވެ. ބޭނުންވާނީ އޮރެންޖް ޖޫހާ ލެމަނޭޑް އަދި ލައިމް ޖޫހެވެ. ތައްޔާރުކޮށްލުމަށް މިކްސަރަށް ފުރަތަމަ އޮރެންޖް ޖޫސް އަދި އެއަށް ފަހު ލައިމް ޖޫމް އަޅާލާށެވެ. ދެން އޭގެ ތެރެއަށް ލެމަނޭޑް އަޅާލުމަށް ފަހު ކުޑަ އިރުކޮޅަކަށް މިކްސްކޮށްލާށެވެ.